ޚަބަރު

މާފަރު ބިމަށް އިތުރުކުރެވޭ ބިން ޚާއްސަކުރާނީ އިޤްތިޞާދީ ކަންކަމަށް


  • އަލަށް އިތުރުކުރާ ބިމުން ކޮންމެވެސް ބައެއް ބޯހިޔާވަހިކަމަށް ކަނޑައެޅިގެންދާނެ

  • އެރަށު ބިން ހިއްކަނީ އެއަރޕޯޓް ތަރައްޤީ ކުރުމަށް ރަށުގެ ބިމުން ބޮޑުބައެއް ނަގާފައި އޮތުމުން

  • ރަންވޭ ބޮޑުކުރުމަށްވެސް ވަނީ ރަށުގެ ބިމުން ބޮޑުބައެއް ނަގާފައެވެ.

ނ.މާފަރު ބިން ހިއްކައި އެރަށު ބިމަށް އިތުރު ކުރާ 20.40 ހެކްޓަރުގެ ބިން ޚާއްސަކުރާނީ އިޤްތިޞާދީ ކަންކަމަށް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވީ މާފަރު ބިމަށް އިތުރު ކުރާ ބައި އިޤްތިޞާދީ ކަންކަމަށް ބޭނުންކުރާނީ ޚާއްސަ ޕްލޭނެއް ހަދައިގެންކަމަށެވެ.

ނ.މާފަރު ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރައްވާފައިވާއިރު އެރަށު ބިން ހިއްކަނީ އެއަރޕޯޓް ތަރައްޤީ ކުރުމަށް ރަށުގެ ބިމުން ބޮޑުބައެއް ނަގާފައި އޮތުމުންނެވެ. އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮންނަ މިރަށުގެ ބިމުން އެ އެއަރޕޯޓްގެ ދެވަނަ ފިޔަފަހީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ރަންވޭ ބޮޑުކުރުމަށްވެސް ވަނީ ބޮޑުބައެއް ނަގާފައެވެ. އެރަށު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވީ ފަހުން އެއަރޕޯޓްގެ ބޭނުމަށް ނަގާފައި އޮތް ސަރަހައްދަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރުމަށް ކައުންސިލުން ކަނޑައަޅާފައި އޮތް ސަރަހައްދުކަމަށެވެ.

"އެއަރޕޯޓަށް ދެވަނަ ފިޔަވައްސަށް ބިން ކަނޑައެޅިއެރު ސަރުކާރުގައި އެދުނިން ބިން އިތުރުކޮށްދިނުމަށް އެއީ އިޤްތިސާދީ މަސައްކަތްތަކަށް ޚާއްސަކޮށް ކަނޑައަޅާފައި އޮތް ސަރަހައްދު އެއަރޕޯޓްގެ ބޭނުމަށް ނެގުމުން" އަދުނާން ވިދާޅުވިއެވެ.

މި އެއަރޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭއަކީ 2200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް އިތުރުކުރެވޭ 650 މީޓަރާއެކު ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުވާނެއެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.

އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމެންވާއިރަށް އެރަށް ލޯކަލް ޓުއަރިޒަމުގެ ވިޔަފާރިއަށް ފައްކާކުރުމަށް އެރަށު ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ކުރެވޭނެ މަގު ފަހިވެފައި އޮތް މިރަށު ރައްޔިތުންގެ ބޮޑު އުންމީދެކެވެ.

ކައުންސިލުން ބުނީ އަލަށް އިތުރުކުރާ ބިމުން ކޮންމެވެސް ބައެއް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ކަނޑައެޅިގެންދާނެކަމަށެވެ. ސަރުކާރުން 91 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން މާފަރު ބިމަށް އިތުރު ކުރާ ބިމަކީ ރަށުގެ މުސްތަޤުބަލަށާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި މުހިންމު ކަމެއްގެގޮތުގައި ރަށު ކައުންސިލާ ރައްޔިތުން ދެކެއެވެ.

ނ.މާފަރު ބިންހިއްކުމަށް އަލަށް ހަވާލުކުރެއްވި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި 20.40 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. ޕްލޭނިންގ މިނިސްޓްރީ ވިދާޅުވީ މި މަޝްރޫޢަކީ 91 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް އެކުންފުންޏާއި ހަވާލުކުރައްވާފައިވާ މަޝްރޫޢުއެއްކަމަށެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.