ޚަބަރު

އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


  • ބަނދަރުގެ މައްސަލައާއި ރަށްގިރުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އޮތީ ފެށުމުގެ މަރުޙަލާގައި

  • ޒަމާނީ ފެންވަރުގެ ބަނދަރަކާއެކު ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް

  • މި މަޝްރޫޢަށް 66.96 މިލިއަން ރުފިޔާ ޚަރަދުވޭ

އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން އެރަށުގައި ސައިޓް މޮބިލައިޒްކޮށްފިއެވެ. އޮމަދޫގައި މިހާރު ބޭނުންކުރާ ބަނދަރަކީ 1999 ގައި ހަދާފައިވާ ބަނދަރެކެވެ. ނަމަވެސް މަރާމާތުނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން މި ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އދ. އޮމަދޫއަކީ ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށެކެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ރަށުގެ ބަނދަރުގެ ބޭނުން ހިފާ މީހުން މަދެއްނޫނެވެ. ނަމަވެސް އެރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގިނަދުވަސްވެފައިވާ އެ ބަނދަރު ޙަލާކުވެފައި އޮތުމުގެ ސަބަބުން ބޭނުންކުރަން އުނދަގޫވުމާއި ރައްކާތެރިނުވުމެވެ. ބަނދަރުގެ އެތެރެ ތޮއްޓާއި ބޭރު ތޮށިވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މިކަމުގެ ސަބަބުން ގަދަ މޫސުންތަކުގައި އޮޑިދޯނިފަހަރުތައް އަޅައިފައި ބޭއްވުމަށް އުނދަގޫވުމާއި، އޮނޑިދޯނިފަހަރަށް ރާޅުއަރާ ބަނޑުންވެ، އަޑިއަށްދިއުން ފަދަ ހާދިސާތައް ދިމާވެފައިވެއެވެ. މީގެ އިތުރުން ބަނދަރު ފިލާ ހަލާކުވެފައިވުމާއި، ބަނދަރު ތިލަވުމުގެ ސަބަބުން ބޮޑެތި ދޯނިތައް ކައިރިކުރުންވެސް ވަނީ ދަތިވެފައެވެ. އޮޑިދޯނިފަހަރުތަކުގެ އިތުރަށް ބަނދަރުގެ ތޮށިތަށް ވެއްޓި ވީރާނާވެފައިވުމުން އާންމުންނަށްވެސް ބަނދަރަކީ ނުރައްކާތެރި ތަނެއް ކަމަށް އދ. އޮމަދޫގެ ރަށު ކައުންސިލް ރައީސް އިބްރާހިމް އާދިމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް އިބްރާހިމް އާދިމް ވިދާޅުވީ، ވޭތުވިޔަ އަހަރާ މި އަހަރަށް ބަލާއިރު އެ ރަށު ބަނދަރު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ލޯކަލް ޓޫރިޒަމަށާއި، މުދާ އެތެރެކޮށް ބޭރުކުރާ އޮޑިދޯނިފަހަރުތައް އިތުރުވުމާއި، ބަނދަރު ބޭނުންކުރާ މިންވަރު އިތުރު ވަމުން ދާއިރު، އޮމަދޫ ރައްޔިތުންގެ އުންމީދަކީ އެރަށު ބަނދަރަކީ ލަފާފުރާ ހުރިހާ އުޅަނދަކަށް ފަސޭހަ ބަނދަރަކަށް ވުމެވެ. ރީތި ނަމޫނާ ބަނދަރަކަށް ވުމެވެ. މުދާ އަރުވާ ބޭލުމަށް ފަސޭހަ ބަނދަރަކަށް ވުމެވެ. ބަނދަރުގެ ބޭރުތޮއްޓަކީވެސް ބޭނުން ކުރެވޭ ކަހަލަ ތަނަކަށް ވެގެންދިޔުމެވެ.

ހަމައެހެންމެ މި މަޝްރޫޢުއާ އެކީގައި ގޮނޑޫދޮށް ޚިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދިއުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. އެގޮތުން ސަރުކާރުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފަވާ ކަމަށްވެސް އިބްރާހިމް އާދިމް ވިދާޅުވިއެވެ.

އޮމަދޫ ބަނދަރަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް، ޒަމާނީ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 12،105 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ.

ހަމައެހެންމެ 398 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 208 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،6470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވެމެންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 150 މީޓަރުގެ ދިގު 2 މީޓަރު ފުޅާ ޖެޓީއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ 66.96 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.