ޚަބަރު

އައްޑޫގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފަށްޓަވައިދެއްވައިފި


  • އައްޑޫ ސިޓީ އިސްލާމިކް މަރުކަޒު އަޅަނީ ސާޅީސް ހާސް އަކަފޫޓްގެ ބިމެއްގައި

  • އައްޑޫގައި މިހާރުވެސް 4 މިސްކިތެއް ދަނީ ތަރައްޤީ ކުރަމުން

  • މި އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދު ކުރާ ހޯލެއް ހުންނާނެ

އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފަށްޓަވައިދެއްވައިފިއެވެ.

އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒާހިރާއި، އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އައްޑޫސިޓީގެ ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދީނީ ކަންކަމަށް ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ޤުރުއާން މުބާރާތްތަކާއި އިޙްޔާ ފޯރަމްތަކާއި، ދީނީ ނަޞޭޙަތްތަކާއި އިމާމުން ތަމްރީނު ކުރުމާއި، އަދި ޚާއްޞަކޮށް އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް މީގެ ކުރިން ނުހިންގޭ މިންވަރަށް މިދިޔަ އަހަރުތަކުގައި ކުރިޔަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްޑޫގައި ތަފާތު އެކިއެކި މަޝްރޫޢުތައް މިވަގުތުވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ޢަމަލީ މަސައްކަތް ފެށުނު އިސްލާމިކް ސެންޓަރާއެކު އައްޑޫ ސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"މިކަމުން ދައްކުވައިދެނީ މި ސަރުކާރުން އައްޑޫސިޓީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް، އަދި މި ނޫން އެހެނިހެން ދާއިރާތަކުން ކުރިއަށްދާ މަޝްރޫޢުތަކާއިއެކު ކުރިއަށް އޮތް އަހަރުތަކުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ތަފާތު މުޅިން އެހެން ސަފްޙާތަކެއް ފެނިގެންދާނެ" ނާއިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކާ، އެކި މަޝްރޫޢުތައް ބިނާކުރުމަށް، ހަމައެކަނި ބިންގާ އެޅުމަށްފަހު ދޫނުކުރައްވާކަމަށާއި މި ސަރުކާރުން ފަށަނީ އެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްކަމަށެވެ.

އެގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށުނު މި ބިނާއަކީ މިސްކިތެއްގެ އިތުރުން ދީނީ ތަފާތު ޕްރޮގްރާމްތައް ހިނގޭ ގޮތަށް ފަރުމާކުރެވިގެން އިމާރާތްކުރެވޭ ބިނާއެއްކަމަށް ވިދާޅުވިއެވެ.

"މިއީ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަހައްމިޔަތުކަން ފާހަގަވާކަމެއް އަދި ދީނީ ކަންކަމަށް ސަރުކާރުން ދެއްވާ އަޙައްމިއްޔަތު ފާހަގަކޮށް ޝުކުރު އަދާކުރަން، މިފަދަ ބިނާތަކަކީ އިސްލާމީ ޝިޢާރުފާޅުކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް، މި ބިނާގެ މަސައްކަތްވެސް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާލާނެކަމުގެ ޔަޤީންކަން އައްޑޫ ރައްޔިތުންނަށް ދެން" މިނިސްޓަރ ޑރ އަޙުމަދު ޒާޙިރު ވިދާޅުވިއެވެ.

ސާޅީސް ހާސް އަކަފޫޓްގެ ބިމެއްގައި ތަަރައްޤީ ކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިނީ މިއަހަރުގެ މާރިޗް މަހުގެ ތެރޭގަ 540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާ 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީވެސް ހިމެނެއެވެ.