ތަރައްްޤީ

5 ރަށެއްގެ ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތަކެއް ހިންގުމަށް އެމްޓީސީސީއަށް


  • ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ ދެވަނަ ފިޔަވަހި

  • އދ. މަހިބަދޫ، ދ. މާއެނބޫދޫ އަދ ލ. މާވަށު ބިން ހިއްކުން

  • 5 މަޝްރޫޢަށް 475 މިލިއަނަށްވުރެ ގިނަ ރުފިޔާ

  • އއ. އުކުޅަހު ގޮނޑުދޮށް ޚިމާޔަތްކުރުން

5 ރަށެއްގެ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި ބޮޑެތި މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިފިއެވެ.

އެކުންފުންޏާއި ޙަވާލުކުރެއްވި 5 މަޝްރޫޢަކީ ފުވައްމުލައް ސިޓީ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއި، އދ. މަހިބަދޫ، ދ. މާއެނބޫދޫ އަދ ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން އއ. އުކުޅަހު ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށެވެ.

އެމް.ޓީ.ސީ.ސީއާ ޙަވާލުކުރެއްވި މަޝްރޫޢުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރާގޮތަށެވެ. މި މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތަށް 255 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު އެތެރޭގެ 12.17 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުތަކުގައި މަގުބައްތި ހަރުކުރާނެއެވެ.

އދ. މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް 43.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށްޓަކާ އެރަށުގެ ހުޅަނގު ފަރާތު ފަޅުތެރެއިން 7 ހެކްޓަރުގެ ބިން މި މަޝްރޫޢުގެ ތެރެއިން އެމް.ޓީ.ސީ.ސީން ހިއްކާނެއެވެ.

ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢަށް ބަލާއިރު، މި މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވީ 300 ދުވަހުން މަސައްކަތް ފުރިހަމަކުރާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގުފަރާތުން އަދި ދެކުނު ފަރާތުން 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫޢަށް އެކަނިވެސް 82.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އެމް.ޓީ.ސީ.ސީއާއި ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކުރެވުނު އަނެއް ރަށަކީ ލ. މާވަށެވެ. މިއީ 240 ދުވަހުން ނިންމާގޮތަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މާވަށު އިރުއުތުރު ފަރާތު ފަޅުތެރެއިން 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަސައްކަތަށް 66.3 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އެމް.ޓީ.ސީ.ސީއާއި މިއަދު ޙަވާލުކުރެވުނު ފަހު މަޝްރޫޢަކީ އއ. އުކުޅަސް ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ފުރިހަމަ ކުރުމަށް އެކުންފުންޏަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ ގިރާ ސަރަޙައްދު ޚިމާޔަތްކުރުމަށް 650 މީޓަރުގެ ބޭރުތޮއްޓެއް ޖަހާ، 90 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތްވެސް ކުރާނެއެވެ. މިއީ 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި 5 ރަށުގެ މަޝްރޫޢުތައް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.