ޚަބަރު

މިނިވަން ދުވަހުގެ ހަރަކާތްތައް މިރޭ ފަށަނީ، އޯގަސްޓް 4 އަކާއި ހަމައަށް ކުލަގަދަ ހަރަކާތްތަކެއް


  • ރަސްމީ ޖަލްސާއާއި ހެވިކަމުގެ ކުޅިވަރުތައް 26 ވަނަ ދުވަހު

  • ޕެރޭޑާއި ފުޅަނދުބުރު 27 ވަނަ ދުވަހު

  • "މިނިވަން އުފާ" ކާނިވާ ޖުލައި 28 ން އޯގަސްޓް 4 އަށް

  • މިނިވަން ދުވަހު ޕީއެސްއެމްއާއެކު ޚާއްޞަ ކަވަރޭޖެއް

"މިނިވަން އުފާ - މުޅި ރާއްޖެއިން" މި ޝިޢާރާއެކު މިއަހަރުގެ މިނިވަންދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް މިރޭ ފެށިގެންދާނެއެވެ. މިއީ ކޯވިޑް-19 އަށްފަހު، މިނިވަން ދުވަހުގެ ޙަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

މިނިވަން ދުވަސް ފާހަގަކުރެއްވުމަށް މިއަހަރު މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 25 އިން ފެށިގެން އޯގަސްޓްމަހުގެ 4 ވަނަ ދުވަހާ ހަމައަށް ތަފާތު ޙަރަކާތްތަކެއް ހިންގަވާނެއެވެ.

މިނިވަން ދުވަހުގެ ޙަރަކާތްތައް ރަސްމީކޮށް ފަށްޓަވާނީ މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމުންނެވެ. މި ބައްދަލުކޮށްލެއްވުން އޮންނާނީ މިރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ. އެއަށްފަހު 26 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަވާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް ޢިމާރާތެއްގައެވެ. މިނިވަން ދުވަހުގެ ޙަރަކާތްތަކަށް ޚާއްޞަކުރައްވައިގެން ގެނެސްދޭ ޓީވީ ކަވަރޭޖް ޕީ.އެސް.އެމްއާ ގުޅިގެން އެދުވަހުގެ ހެނދުނު 6:00 އިން ރޭގަނޑު 11:00 އާއި ހަމައަށް ގެނެސްދޭނެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 26 ޖުލައި ވާ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.

ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހާއި ދިމާކޮށް އާއްމުން އެންމެ އިންތިޒާރުކުރާ އަދި އެންމެ ގިނަ ބަޔަކު އެ ކުޅިވަރުތަކެއް ބަލާލުމަށް އެންމެ ޝަޢުގުވެރިވާ ކުޅިވަރުތަކަކީ ޤައުމީ ދިފާއީ ބާރުގެ ޕެރޭޑާއި، ހެވިކަމުގެ ކުޅިވަރުތަކާއި، ފުޅަނދުބުރު ހަރަކާތެވެ. ކޯވިޑް-19ގެ ސަބަބުން ފާއިތުވި އަހަރުތަކުގައި މިނިވަން ދުވަސް ފާހަގަކުރުމަށް ބޮޑެތި ހަރަކާތްތަކެއް ނުބޭއްވިނަމަވެސް، މިއަހަރު މިފަދަ ހުރިހާ ހަރަކާތެއްވެސް އޮންނާނެއެވެ.

• ހެވިކަމާއި ކުޅިވަރުތައް ޖުލައި 26 ވާ ބުދަދުވަހުގެ ރޭ 20:30 ގައި ގަލޮޅު ދަނޑުގައި
• ޕެރޭޑާއި ރޫޓްމާޗު 27 ޖުލައި ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި
• ފުޅަނދުބުރުގެ ހަރަކާތްތައް 27 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި
• މިނިވަން އުފާ ކާނިވާ 28 ޖުލައިން 4 އޯގަސްޓަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި
• ޕެރަމޮޓޯރގެ ހަރަކާތްތައް ޖުލައި 28 އަދި 29 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި

މިއަހަރު އެންމެ ޚާއްޞަ އަދި އެންމެ ތަފާތު އެއް ޙަރަކާތަކީ އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ކާނިވަލެވެ. "މިނިވަން އުފާ" މި ނަމުގައި ބާއްވާ މި ޚާއްޞަ ކާނިވާ އޮންނާނީ މިމަހުގެ 28 އިން އޯގަސްޓް 4 ގެ ނިޔަލަށެވެ. މި ކާނިވަލުގައި އެކި އުމުރުގެ މީހުންވެސް ޝައުޤުވެރިވާނެ ތަފާތު ގިނަ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނޭނެއެވެ. އެގޮތުން ބަޑިބޭހުގެ ކުޅިވަރުތަކާއި، ރާއްޖޭގައި މުޅިން އަލަށް ޑްރޯން ޝޯވއެއް ބޭއްވުމާއި، ސްޓޭޖް ޝޯވ ޙަރަކާތްތައްވެސް ކާނިވަލުގައި ކުރިއަށްދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެގޮތުން ކުޅުއްދުއްފުށި ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން، އިތުރު 10 ރަށެއްގައި މިނިވަން ދުވަހުގެ ކުޅިވަރުތައް ކުރިއަށްދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީތަކުގައިވެސް މިނިވަންދުވަހާގުޅޭ ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މިނިވަންދުވަހާ ގުޅުވައިގެން ޚާއްޞަ 3 މުބާރާތެއްވެސް ހޯމް މިނިސްޓްރީން އަންނަނީ ހިންގަވަމުންނެވެ. އެގޮތުން ސްކޫލްތަކަށް ހުޅުވާލައްވައިގެން މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތެއް ވަނީ ފަށްޓަވައިފައެވެ. އަދި އާއްމުންނަށް ހުޅުވާލައްވައިގެން ފޮޓޯގްރަފީ މުބާރާތެއްވެސް ކުރިޔަށް އެބަގެންދަވައެވެ. މިއިން ކޮންމެ މުބާރާތެއްގައި އަގުހުރި ފައިސާގެ އިނާމުތަކެއް ހުށަހެޅިފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.