ދުނިޔޭގެ ވިޔަފާރި

ބާސްމަތީ ފިޔަވައި އެހެން ބާވަތްތަކުގެ ހަނޑޫ އެކްސްޕޯޓްކުރުން އިންޑިއާއިން މަޑުޖައްސާލައިފި


  • މިއީ އިންޑިއާގައި ހަނޑުލުގެ އަގު އުފުލިގެން އެޅި ފިޔަވަޅެއް

  • އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ ހައްދާ ޤައުމު

  • އެންމެފަހުން އެ ޤައުމުގެ ބައެއް ސްޓޭޓްތަކަށް ކުރި ވިއްސާރައިގައި ހަނޑޫ ދަނޑުތަކަށް ވަނީ ގެއްލުން ލިބިފައި

ބާސްމަތީ ހަނޑޫ ފިޔަވައި އެހެން ބާވަތްތަކުގެ ހަނޑޫ އެކްސްޕޯޓްކުރުން އިންޑިއާއިން މަޑުޖައްސާލައިފިއެވެ.

އިންޑިއާއިން ހަނޑޫ އެކްސްޕޯޓްކުރުން މަޑުޖައްސާލީ އެ ޤައުމުގައި ހަނޑުލުގެ އަގު 3 އިންސައްތައަށް އުފުލިގެންދިއުމުންނެވެ.

ދުނިޔޭގައިވެސް އެންމެ ގިނައިން ހަނޑޫ އުފައްދާ އިންޑިއާއަކީ ދުނިޔޭގެ ބާޒާރަށް ބޭނުންވާ ހަނޑުލުގެ 40 އިންސައްތަ އެކްސްޕޯޓްކުރާ ޤައުމެވެ. އެ ޤައުމުގައި ހަނޑުލުގެ އަގު އުފުލިގެންދިޔައީ އެންމެފަހުން ކުރިމަތިވި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެނެވެ.

ހަނޑުލުގެ އަގު އުފުލުމާއި ގުޅިގެން އިންޑިއާގެ ސަރުކާރުން ވަނީ ބާސް މަތީ ހުދު ހަނޑު ފިޔަވައި ހަނޑުލުގެ އެންމެ ބާވަތްތައް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ހަނޑުލުގެ އަގު އުފުލިފައިވަނިކޮށް، އިންޑިއާއިން އެޅި ފިޔަވަޅާއި ގުޅިގެން އަނެއްކާވެސް ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގު އުފުލިގެންދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އާދައިގެ ހަނޑޫ ނުވަތަ ހަރު ހަނޑު އެކްސްޕޯޓްކުރުން އިންޑިއާއިން މަނާކުރިއިރު، މިއީ އެ ޤައުމުން ކޮންމެ އަހަރަކު އެކްސްޕޯޓްކުރާ 22 މިލިއަން ޓަނުގެ ހަނޑުލުގެ ތެރެއިން ދެބައި ކުޅަ އެއްބައެވެ. ހަނޑޫ އެކްސްޕޯޓްކުރުން އިންޑިއާއިން މަނާކޮށްފައި މިވަނީ އޭގެކުރިން ހަނޑޫ އެކްސްޕޯޓްކުރުން މަދުކޮށްފައި އޮތުމަށްފަހުއެވެ.

ކާޑުގެ އެހެން ބާވަތްތައްވެސް އިންޑިއާއިން އެކްސްޕޯޓްކުރުން މިގެ ދުވަސްތަކެއް ކުރިން ވަނީ ކޮންޓްރޯލްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަނީ ގޮދަން އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. އަދި މިއަހަރު ވަނީ ހަކުރު އެކްސްޕޯޓްކުރާ މިންވަރުވެސް މަދުކޮށްފައެވެ.

ހަނޑުލަކީ ދުނިޔޭގެ 3 ބިލިއަނެއްހާ މީހުން އާއްމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ކާނާއަކަށްވާއިރު، ދުނިޔޭގައި ހައްދާ ހަނޑުލުގެ 90 އިންސައްތަ ހައްދަނީ އޭޝިޔާއެވެ.

މޫސުން ގޯސްވެގެން އޭޝިޔާގެ ބައެއް ޤައުމުތަކުގެ ދަނޑު ބިންތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ހަނޑުލުގެ އަގު މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ވަނީ މިދިޔަ 11 އަހަރު ތެރޭގައި މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައެވެ.

އިންޑިއާގެ އިތުރުން އޭޝިޔާގައި ހަނޑޫ އުފައްދާ ތައިލެންޑާއި ވިއެޓްނާމުގައިވެސް ބާޒާރަށް އަންނަ ލޮޅުން ހަމައަކަށް އެޅުވޭނެ ވަރުގެ ހަނޑުލުގެ ސްޓޮކެއް ނެތެވެ. އެހެންކަމުން ހަނޑު އެކްސްޕޯޓްކުރުން މަނާކުރުމަށް އިންޑިއާއިން ނިންމި ނިންމުމުގެ ސަބަބުން އެފްރިކާއާއި އޭޝިޔާގެ ގިނަ ޤައުމުތަކަކަށް އެކަމުގެ އަސަރުކުރާނެކަމަށް ހަބަރުތައް ބުނެއެވެ./