ހދ. ހަނިމާދޫން ދިގު މުއްދަތަކަށް ފަތުރުވެރިކަމަށް ދޫކުރާ ބިންތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހދ. ހަނިމާދޫ ޓޫރިޒަމް ޒޯނުން ދިގު މުއްދަތަކަށް 12 ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
ހަނިމާދޫ ކައުންސިލުން އިޢުލާންކޮށްފައިވަނީ 10،000 އަކަފޫޓުގެ 4 ބިމާއި 5000 އަކަފޫޓުގެ 8 ބިމެއް ވިޔަފާރީގެ އުޞޫލުން ދޫކުރުމަށެވެ. މީގެތެރެއިން 10،000 އަކަފޫޓުގެ ބިންތައް ދޫކުރަނީ 40 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި 5000 އަކަފޫޓުގެ ބިންތައް ދޫކުރަނީ 30 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ކައުންސިލުން ހާމަކުރެއެވެ.
10،000 އަކަފޫޓުގެ ބިންތަކުގެ މައުލޫމާތު ސާފުކުރުން ބާއްވާފައިވާއިރު ކުންފުނިތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި 75 ވިޔަފާރި ކުންފުނި ބައިވެރިވެފައިވެއެވެ. މިއީ މި ދައުރުގައި އެންމެ ބޮޑު ތަރުހީބު ލިބުނު ބިޑްކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މައުލޫމާތު ސާފުކުރުމަށް ރަށުން ބޭރުންވެސް ގިނަ އަދަދެއްގެ ވިޔަފާރިތަކުން އައިސްފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. 10،000 އަކަފޫޓުގެ ބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައެވެ.
ހަނިމާދޫ ކައުންސިލުން ބުނީ، އެ ކައުންސިލްގެ ވިސްނުމަކީ ހަނިމާދުއަކީ ފަތުރުވެރިކަމަށް ފައްކާވެފައި އޮތް ރަށަކަށް ހެދުންކަމަށެވެ. އެގޮތުން މި ބިންތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް މިއީކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މީގެއިތުރުން ސަރުކާރަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނެސް ކައުންސިލް އަމިއްލަ ފައިމައްޗަށް ތެދުވުމަކީވެސް މީގެ ބޭނުމެކެވެ. އަދި މިއީ ރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ ރައްޔިތުން ފުދުންތެރިކުރުވައި ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމެއްކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
5000 އަކަފޫޓުގެ ބިންތަކުގެ މަޢުލޫމާތު ސާފު ކުރުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. މިބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 06 އޯގަސްޓް 2023 ވާ އާއްދީއްތަ ދުވަހުގެ 10:30 ގައެވެ.
މި ސަރުކާރުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިމަޝްރޫއު ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ކައުންސިލުން ބުނީ، އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން އަންނައިރު މިމަޝްރޫޢުއާއެކު ފަތުރުވެރިކަންވެސް ކުރިއަރަންޖެހޭކަމަށެވެ. އެހެންކަމުން މި ދޫކުރެވޭ ބިންތަކާއިއެކު އެ ރަށުގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމަށް ކައުންސިލުން ބުނެއެވެ.
ހަނިމާދޫގައި މިހާރުވެސް 5 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ހުރަހަކީ ދަތުރުފަތުރުގެ ދަތިކަން ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އެހެންނަމަވެސް އެއަރޕޯޓް މަޝްރޫޢުއާއެކު މިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.