ޚަބަރު

ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެ: މިނިސްޓްރީ


  • ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެ

  • މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް ހުރިޙާ ސްކޫލަކަށްވެސް ޓްކްސްޓް ފޮތް ހަމަވާނެ

  • ހުރިހާ ބިދޭސީ ޓީޗަރުންވެސް އޮގަސްޓް 1 ކަށް ރިޕޯޓު ވާނެ

  • ބިދޭސީ ޓީޗަރުންގެ ސްޓްފިކެޓުތަކުގެ ޔަޤީންކަން ކަށަވަރު ކުރާނީ އެމް.ކިޔު.އޭ އިން

އަންނަ ދިރާސީ އަހަރު ފެށޭއިރު ހުރިހާ ސްކޫލަކަށްވެސް ބޭނުންވާ މުދައްރިސުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް، މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވިދާޅުވީ، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާއި، އަދި އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެކަމަށެވެ. މުދައްރިސުންގެ އިތުރުން، ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް، އޭނާ ވިދާޅުވިއެވެ. އެގޮތުން، އަތޮޅުތެރޭގެ 14 ސްކޫލެއްގައި ބިދޭސީ ޕްރިންސިޕަލުން ހަރަކާތްތެރިވާނެ ކަމަށް އަހުމަދު އަަލީ ވިދާޅުވިއެވެ.

ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓު ފޮތްތަކާއި ވައުޗަރ އާއި ގުޅޭ ގޮތުން އަޙްމަދު ޢަލީ ވިދާޅުވީ، ފެށޭ ދިރާސީ އައު އަހަރަށް ބޭނުންވާނެ ހުރިހާ ޓެކްސްޓު ފޮތްތަކެއް ސްކޫލުތަކަށް ހަވާލު ކުރެވިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސްކޫލުތަކަށް ހަވާލުކުރެވިފައިވާ ފޮތްތައް ޗެކްކުރުމަށްފަހު، ހަމަނުވާ ފޮތްތައް ހަމަކޮށްދިނުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަދުވާ ޓެކްސްޓް ފޮތްތައް، މިމަހުގެ 31ގެ ނިޔަލަށް ހުރިހާ ސްކޫލަކަށްވެސް ހަވާލުކޮށް ނިމޭނެ ކަމަށް އަޙްމަދު ޢަލީ ފާހަގަކުރެއްވިއެވެ.

ދިރާސީ އައު އަހަރަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހޯދުމުގެ މަސައްކަތަކީ އެޑިއުކޭޝަން މިނިސްޓްރީން ދުރާލާ ފަށައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން އަންނަ ފެށޭ ދިރާސީ އައު އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމުގެ މަސައްކަތް މިދިއަ މާރްޗްމަހުން ފެށިގެން ކުރަމުން އަންނަ ކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ. އެގޮތުން މިޖުލައިމަހުން ފެށިގެން ބިދޭސީ ޓީޗަރުން ގެނައުމަށްޓަކައި އޮންލައިންކޮށް އިންޓަވިއުތައް ފަށާއިވާކަމަށްވެސް، އޭނާ ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިންޓަރވިއު ކުރެވޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް ގެންނަނީ އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ކަމަށެވެ. އަދި މިފަރާތްތަކުން ހުށަހަޅާ ސެޓްފިކެޓުތަކުގެ ޔަޤީންކަން ކަށަވަރު ކުރާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމް.ކިޔު.އޭ އިންކަމަށްވެސް، އަޙްމަދު ޢަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިރާސީ އައު އަހަރުގެ ހުރިހާ ޓީޗަރުންވެސް އަންނަ އޮގަސްޓުމަހުގެ 1 ވަނަ ދުވަހާއި ހަމައަށް، ސްކޫލުތަކަށް ރިޕޯޓުވާން ޖެހޭނެކަމަށް ކަމަށެވެ.

އަންނަ ދިރާސީ އަހަރު އައު ތިން ސްކޫލެއްގެ ކިޔަވާއިދޭން ފެށުމަށްވަނީ ނިންމާފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ޞަލާޙުއްދީން ސްކޫލާއި، ހުޅުމާލޭ އެއް ވަނަ ފިޔަވަހީގައި ހުޅުވާ ސީއެޗްއެސްސީގެ އައު ޢިމާރާތާއި، ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. އަންނަ ދިރާސީ އަހަރުގައި، 201 ދުވަހު ސްކޫލުތަކުގައި ކިަޔވާދޭނެއެވެ. އެއީ، ފުރަތަމަ ޓާމުގައި 93 ދުވަހު، އަދި ދެވަނަ ޓާމުގައި 108 ދުވަހެވެ.