ޚަބަރު

އިންތިޚާބަށް ކުރިމަތިލާން ހޮނިހިރު ދުވަހު އިޢުލާން ކުރަނީ


  • އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނީ މިމަހުގެ 23 އިން އަންނަ މަހުގެ 7 އަށް

  • ހުށަހަޅާ ފޯމުގައިވާ މައުލޫމާތަކީ މިމަހުގެ 23 ދުވަހުން ފެށިގެން ހޯދާ މައުލޫމާތަށް ވާންޖެހޭ

  • ކުށުގެ ރެކޯޑު، ދަރަނި ރެކޯޑް އަދި ކަރެކްޝަންގެ ބަންދުގައި ހުރިކަން ކަށަވަރު ކުރުމަށް ފޯމު ހުށަހަޅުއްވަންޖެހޭ

  • ކެނޑިޑޭޓުންގެ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމަށް، ހޮނިހިރު ދުވަހު ޢިއުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިންތިޚާބުގައި ކުރިމަތިލުމަށް ހުޅުވާލާނީ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓުންނަށް އެފުރުޞަތު ދެއްވުމަށް އިލެކްޝަނުން ނިންމަވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށްޓަކައި އިލެކްޝަނުން ހޮނިއިރު ދުވަހު ރަސްމީކޮށް އިޢުލާން ކުރައްވާނެކަމަށެވެ.

ފޯމު ހުށަހަޅުއްވާއިރު ސަމާލުކަންދޭންވީ ކަންތައްތައް:

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލުމުން ޤާނޫނުގައި އޮންނަ އުޞޫލުން ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތަކާއެކު އިލެކްޝަނަށް ހުށަހެޅުއްވުމުގެ ފުރުޞަތު ޝަރުތު ހަމަވާ ކޮންމެ މީހަކަށް ލިބިންދާނެއެވެ.

އިންތިޚާބުގައި ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތަކުގެ ތެރެއިން ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑު ފޯމާއި، ކަރެކްޝަނުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ފޯމުގައިވާ މަޢުލޫމާތަކީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ހޯދާ މަޢުލޫމާތަށް ވާންޖެހެއެވެ. އޭގެ ކުރިން ހޯއްދަވާފައިވާ މިފަދަ އެއްވެސް މަޢުލޫމާތެއް ބަލައެއް ނުގަންނާނެއެވެ.

އިންތިޚާބަށް ކުރިމަތިލައްވާ ކެނޑިޑޭޓުން އިލެކްޝަނަށް ފޯމު ހުށަހެޅުއްވުމުގެ ކުރިން މިކަންކަމަށް ދުރާލައި ސަމާލުވުމަށް އިލެކްޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޚަރަދު ކުރެވޭނީ ކެނޑިޑޭޓެއްގެ ނަމުގައި އަމިއްލަ އެކައުންޓެއް ހުޅުވައިގެން:

ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚަރަދު ކުރެވޭނީ އެ ކެނޑިޑޭޓެއްގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން ކަަމަށް އިލެކްޝަންސް ކޮމިޝަން ވަނީ ވިދާޅުވެފައެވެ. އަދި މިފޯމަކީވެސް މިފަހަރު އިންތިޚާބަށް ކުރިމަތިލާ ފޯމުތަކުގެ ތެރޭގައި އިލެކްޝަނުން ހިމަނުއްވާފައިވާ ފޯމެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކޮންމެ ކެނޑިޑޭޓެއްގެ އިންތިޚާބާއި ގުޅޭ އެންމެހާ ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްސަ ކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެނޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެ ކަމަށެވެ.

އިންތިޚާބަށް ކެނޑިޑޭޓުން ކުރާ ޚަރަދުތަކަކީ ދެފުށް ފެންނަ ގޮތަކަށް ކުރެވޭ ޚަރަދުތަކަށް ހެދުމަށް އޮޑިޓާ ޖެނެރަލް އޮފީހުންވެސް ޚާއްސަ ގައިޑްލައިނެއް ނެރުއްވާނެއެވެ.

އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ. ރީ-ރަޖިސްތްރޭޝަން ނިމޭނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ކެނޑިޑޭޓް ނަންބަރު ކަނޑައެޅުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.