ޚަބަރު

155 މިސްކިތެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސޯލާ ޕެނަލް ހޯދަނީ


  • މިއީ އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަވާ މަޝްރޫޢެއް

  • ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި

  • ބިޑް ސެކިއުރިޓީގެގޮތުގައި 50000 ރުފިޔާ

  • އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީކުރުމަކީ ސަރުކާރުގެ ސިޔާސަތެއް

155 މިސްކިތެއްގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސޯލާ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ރާއްޖޭގެ 155 ރަށެއްގައި ހުރި 155 މިސްކިތެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ފިނޭންސް މިނިސްޓްރީން ވަނީ މި މަޝްރޫޢުގެ ދަށުން ބޭނުންވާ ސޯލާ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށްދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 50000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ހުޅުވުން އޮންނާނީ އަންނަމަހުގެ 17 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ހަކަތައިގެ ސިނާޢަތް ތިމާވެއްޓާއި ރަށްޓެހިކޮށް، ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް މިވަގުތުވެސް މާލޭ ސަރަޙައްދާއި އަތޮޅުތަކުގައި ދަނީ ހިންގަވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީކުރުމުގެ މަސައްކަތަކީވެސް ޚާއްސަ އަޙައްމިއްޔަތުކަމެއްދެއްވާ މަސައްކަތެކެވެ. އެގޮތުން 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާކަން މިދިޔަ މެއިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙު ވަނީ ހާމަކުރައްވާފައެވެ.