ޚަބަރު

ރިޔާސީ އިންތިޚާބު: ފުރަތަމަ ތިން ދުވަހު ރީ-ރަޖިސްޓްރީވުމަށް 1321 ފޯމު


  • ރީ-ރަޖިސްޓްރީވުމަށް ހުށަހެޅި 1321 ފޯމުގެ ތެރެއިން 1185 ފޯމު ވަނީ ރިޖެކްޓް ކުރައްވާފައި

  • ކަރުދާސް ފޯމުތަކުގައި 136 ފޯމު ވަނީ ހުށަހަޅާފައި

  • މީގެ ތެރެއިން 300 ފޯމު ވަނީ ރިޖެކްޓް ކުރައްވާފައި

  • ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާ ހުރިހާ ފޯމުތަކެއް މަޢުލޫމާތު އީސީގެ ވެބްސައިޓުގައި ޢާންމު ކުރާނެ

ރިޔާސީ އިންތިޚާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގެ ތެރެއިން ފުރަތަމަ ތިން ދުވަހު 1300 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅުއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފާވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކުން 16 ޖުލައިން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. އެހެންނަމަވެސް 16 ޖުލައިން 5 އޮގަސްޓާއި ހަމައަށް ކަރުދާސް ފޯމުތައް މެދުވެރިކޮށް ރީ ރަޖިސްޓްރީ ވުމަށް ހުށަހެޅޭނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިމަހުގެ 16 އިން ފެށިގެން 18 އާއި ހަމައަށް 1321 ފަރާތަކުން ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ހުށަހަޅާފައިވާ 1185 ފޯމާއި، ކަރުދާސް ފޯމުތަކުގައި ހުށަހެޅި 136 ފޯމު ކަމަށެވެ.

މިފޯމުތަކުގެ ތެރެއިން 300 ފޯމު ރިޖެކްޓް ކޮށްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. ރިޖެކްޓް ކުރި ގިނަ ފޯމުތަކަކީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް މާލެއަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ އަދި މިފަހަރުގެ އިންތިޚާބަށްވެސް މާލެއަށް ރީ-ރަޖިސްޓްރީ ވުމަށް ހުށަހެޅި ފޯމުތައް ކަމަށެވެ. މީގެ އިތުރުން އައިޑީކާޑުގެ މުއްދަތު ހަމަވެފައިވުމުން ރިޖެކްޓް ކުރި ފޯމުތަކެއްވެސް ހިމެނޭކަމަށް ހަބީބް ވިދާޅުވިއެވެ. ރީ-ރަޖިސްޓްރީ ކުރުމުގައިވެސް އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާނަމަ، ވޯޓުލުމަށް ރީ-ރަޖިސްޓްރީކޮށް ނުދެއްވައެވެ.

ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރީއަށް ހުށަހަޅާ ފަރާތްތަކުން މަޢުލޫމާތުތައް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޢާންމު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ބޭނުމަކީ މިމަރުހަލާގައިވެސް ވީހާވެސް ހާމަކަން ބޮޑުކޮށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި، ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެކަމަށްވެސް، އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް، ރީ-ރަޖިސްޓްރީވުމަށް މިއަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓެވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.