ދުނިޔޭގެ ވިޔަފާރި

އިލެކްޓްރިކް ކާރުގެ ބެޓަރި އުފައްދަން ޓާޓާއިން 5 ބިލިއަން ޑޮލަރު ޔޫކޭގައި އިންވެސްޓްކުރަނީ


އިލެކްޓްރިކް ކާރަށް ބޭނުންވާ ބެޓަރި އުފައްދަން އިނގިރޭސިވިލާތުގައި ޕްލާންޓެއް ޤާއިމްކުރުމަށް އިންޑިއާގެ ޓާޓާ ގްރޫޕުން ނިންމައިފިއެވެ.

އިންގްލޭންޑްގެ ސޮމަސެޓްގައި މި ކާރުޚާނާ ޤާއިމްކުރަން ޓާޓާ ގްރޫޕުން 4 ބިލިއަން ޕައުންޑް ނުވަތަ 5.2 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެއެވެ. އަދި މި ކާރުޚާނާއިން 4 ހާހެއްހާ ވަޒީފާ އުފެދޭނެކަމަށްވެސް އެ ކުންފުނިން ބުނެެއެވެ.

އިލެކްޓްރިކް ކާރަށް ބޭނުންވާ ބެޓަރި އުފެއްދުމަށް ޤާއިމްކުރާ މި ޕްލާންޓް ވެގެންދާނީ ޔޫރަޕްގައިވެސް ޤާއިމްކުރާ މިފަދަ އެންމެ ބޮޑު ކާރުޚާނާއަށެވެ. ޓާޓާގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ޖެގުއަރ ލޭންޑްރޯވަރ ކުންފުނީގެ ވެހިކަލްތަކުގެ އިތުރުން، އެހެން ކުންފުނިތަކުން އުފައްދާ ކާރުތަކަށް ބޭނުންވާ ބެޓަރިވެސް މި ޕްލާންޓުގައި އުފައްދާނެކަމަށް ޓާޓާ ގްރޫޕުން ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން މިއީ ޓާޓާ ގްރޫޕުން އިންޑިއާއިން ބޭރުގައި ޤާއިމްކުރާ މިފަދަ ފުރަތަމަ ކަރުހާނާއެވެ. އަދި ކާބަން މަދުކުރުމަށް އެހީތެރިވެދޭނެ މަސައްކަތަކަށްވާތީ އިނގިރޭސި ސަރުކާރުން ދޭ އެހީވެސް މި މަސައްކަތަށް ލިބޭނެއެވެ.

ޓާޓާއިން އިނގިރޭސިވިލާތުގައި ބެޓަރި އުފައްދާ ޕްލާންޓެއް ޤާއިމްކުރުމަށް ނިންމާފައި މިވަނީ ކާބަން މަދުކުރުމަށް އެހީތެރިވާނެ އިންވެސްޓްމަންޓްތައް އިނގިރޭސިވިލާތުގައި މަދުކަމަށް ބުނެ އެ ޤައުމަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގައި މިވަގުތު ހުރީ މިފަދަ އެންމެ ކާރުޚާނާއެކެވެ. ނަމަވެސް ޔޫރަޕްގެ އެހެން ޤައުމުތަކުގައި ޖުމްލަ 35 ކާރުޚާނާ ދަނީ އޮޕަރޭޓްކުރަމުންނެވެ. އެހެންކަމުން ޓާޓާގެ މި އިންވެސްޓްމަންޓަކީ އެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރު ވެގެންދާނެކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.