ވިޔަފާރި

1 މިލިއަން ވަނަ ފަތުރުވެރިޔަކަށް ރަޝިއާ މީހެއް، ހޫނު މަރުޙަބާއެއް


  • މިއަހަރު ރާއްޖެއައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިއާ މީހެއް

  • މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު

  • ރަޝިއާއަކީ މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު

މިއަހަރު ރާއްޖެއަށް އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ. މިއަހަރު ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިއާގެ ފިރެހެނެކެވެ.

1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލްއާއި އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، މިއީ މި އަހަރުގެ ފަތުރުވެރިކަމުގެ ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް ފަތުރުވެރިން އަންނަ ޢަދަދު އިތުރުވެ މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ކަނޑައެޅި އަމާޒަށް ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ތޮއްޔިބު ވަނީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާނެކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ. ފަހަރުގައި ހީނުކުރާ ވަރުގެ ކާމިޔާބީއަކަށް ދެވިދާނެ ރާއްޖޭގެ ތާރީހުގައި. ކޯވިޑަށްފަހު ވަރަށް ބޮޑު ބަދަލުތައް އައި. އެ ބަދަލުތަކާއިއެކު އަޅުގަނޑުމެންގެ އިންޑަސްޓްރީވެސް ވަރަށް ބޮޑަށް ފައްކާވެފައި އެއޮތީ" ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް އައި 1 މިލިއަން ވަނަ ފަތުރުވެރިއަކީ ރަޝިއާގެ ފިރެހެނެއްކަމަށްވާ އެންޓޮން ޕަވްލޮވްއެވެ. އޭނާ ރާއްޖެ އައީ އޭނާގެ އާއިލާއާއިއެކު ޗުއްޓީއަކަށެވެ. މިއީ އެ އާއިލާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ރާއްޖެ އަންނާނެ ފަހު ފަހަރު ނޫންކަމުގެ ޔަޤީންކަން އޭނާ ވަނީ ދީފައެވެ. މި މީހުން ރާއްޖޭގައި 2 ހަފްތާގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންޓޮން ޕަވްލޮވް ބުނީ މިފަދަ މަރުހަބާއެއް އެމީހުންނަށް ކިޔުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

ރަޝިއާއަކީ މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އެ ޤައުމުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 114000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.