ޚަބަރު

އުދައިގެ ބިރުވެރިކަމުގައި ތިބި ރަތަފަންދޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް


  • އުދައެރުމުގެ މައްސަލަތައް ދިމާވާތާ 40 ހަކަށް އަހަރުވެދާނެ

  • ރަށުގެ 50 ފޫޓާއި 100 ފޫޓުގެ ސަރަޙައްދަށް އުދައަރާ

  • 2000 ފޫޓުގެ ސަރަޙައްދެއް ބޮޑުހިލަޖަހާ ޚިމާޔަތްކުރާނެ

  • އަމާޒަކީ މިއަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުން

ގދ. ރަތަފަންދުއަކީ އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އަބަދުވެސް އޮތް އެންމެ ބޮޑު މައްސަަލައަކީ ރަށަށް އުދައަރާ ރަށްގިރާ މައްސަލައެެވެ.

އެރަށަށް މި މަައްސަލަ ކުރިމަތިވާތާ 40 ހަކައަށް އަހަރު ވެފައިވާކަމަށް ރަށުގެ ކައުންސިލް ރައީސް މުޙައްމަދު ޢަބްދުﷲ ވިދާޅުވިއެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް މޫސުން ގޯސްވާ ދުވަސްވަރު، ރަށުގެ ރައްޔިތުން ތިބެނީ ބިރުވެރިކަމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ ވިދާޅުވީ، އުދަ އަރާ ދުވަސްވަރު، ރަށުތެރެއަށް 50 އާއި 100 ފޫޓުގެ ސަރަޙައްދަށްވެސް ރާޅު އަރާކަމަށެވެ. އަދި ލޮނުވަދެ، މީހުން ދިރިއުޅޭ ގޭގެއާއި، އަދި ރަށުގެ ދަނޑުތަކަށްވެސް ވަރަށް ބޮޑެތި ގެންލުންތައް ލިބެމުންދާކަމަށެވެ. ރާޅުއަރާ، ބައެއް ހިސާބުތަކުގެ މީހުންނަށް އެ ސަރަޙައްދުތަކުގައިވެސް ދިރިއުޅުމަށްް އޮތީ ދަތިވެފަކަމަށް އޭނާ ވިދާޅުވިއެވެ.

"މޫސުން ގޯސްވެ އުދަ އަރާ ދުވަސްވަރު ރަށުގެ ދެބައިކުޅަ އެއްބައި މޫދުގައި އޮންނާނީ. އެތަށް ބައެއްގެ މުދާ، ދަނޑުތަކަށް އެތަށް ފަހަރަކު ގެއްލުންވެއްޖެ. މިލިއަނުން ރައްޔިިތުންނަށް ގެއްލުންވެއްޖެ. ގޮނޑުދޮށް ޚިމާޔަތް ކުރެވުމުން، ރައްޔިތުންގެ ހިތުގެ ބިރުވެރިކަމެއް ފިލައިގެން ދާނެ" ކައުންސިލްގެ ރައީސް މުޙައްމަދު އަބްދުﷲ ވިދާޅުވިއެވެ.

ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވައިގެން ރަތަފަންދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރު ސެޕްޓެމްބަރުމަހުއެވެ. މި ޕްރޮޖެކްޓްގައި ރަށުގެ ދެ ސަރަޙައްދެއް ޙިމާޔަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސައިޓުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ، އެމް.ޓީ.ސީ.ސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ، މި ޕްރޮޖެކްޓްގައި ރަށުގެ ގާތްގަނޑަކަށް 2000 ފޫޓުގެ ސަރަޙައްދުގައި ބޮޑުހިލަޖަހާ ޙިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއީ މިރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރެއް. ވަރަށް ބޮޑު އޭރިއާއެއްް ޙިމާޔަތް ކުރެވިގެން މިދަނީ. މި މަސައްކަތް ނޮވެމްބަރުގެ ކުރިން ނިންމާނަން" އާޒިމް ވިދާޅުވިއެވެ.

ގދ. ރަތަފަންދޫ ގޮނޑުދޮށް ޚިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރޭގައި 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 6600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން އެމް.ޓީ.ސީ.ސީއާ މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ 27.8 މިލިއަން ރުފިޔާއެވެ.