ޚަބަރު

ހުވަދުއިން އާރްޓީއެލަށް ހޫނު މަރުޙަބާއެއް، ރައްޔިތުންނަށް އުފާވެރި ދުވަހެއް


  • ހުވަދުއަށް ޚިދުމަތް ދިނުމަށް 6 ލޯންޗު ވަނީ ގެންގޮސްފައި

  • 9 ރޫޓަށް ދަތުރުކުރާނެ

  • ޓްރައިލް ފުރަތަމަ ދަތުރަށްވެސް ހޫނު މަރުޙަބާއެއް

ހުވަދު އަތޮޅުގައި އާރްޓީއެލްގެ ތަޖުރިބާ ދަތުރުތައް ފަށައިފިއެވެ. ހުވަދު އަތޮޅުގައި އާރުޓީއެލްގެ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން، އެ ޚިދުމަތް ކުރިއަށްދާނެގޮތް އެމްޓީސީސީގެ އީއީއޯ އާދަމް އާޒިމް ވަނީ ބައްލަވާލައްވާފައެވެ.

ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށް އޮންނައިރު، އެ އަތޮޅުގެ އާބާދީ 22000އިން މައްޗަށް އަރައެވެ. ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުލުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލް ފެރީގެޚިދުމަތް ހަވަދު އަތޮޅުގައި ފެށުމަށް، 6 ސްޕީޑް ފެރީ ވަނީ އެސަރައްދަށް ގެންގޮސްފައެވެ.. އަދި 9 ރޫޓަކުން ތަޖުރީބާ ދަތުރުތައް ވަނީ ފަށާފައެވެ. އާރްޓީއެލް ދަތުރުފެށުން ފާހަގަކުރުމުގެ ގޮތުން، ފުރަތަމަ ފެރީގައި ދަތުރުކުރި ފަރާތްތަކަށް ގދ.ތިނަދޫން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މިކަމަށްޓަކާ ބޭއްވި ހަރަކާތުގައި އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި، ތިނަދޫ ކައުންސިލްގެ ރަޢީސް ސަޢުދު ޢަލީ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣްނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިދުމަތާ ގުޅެ ގޮތުން ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ ހުވަދުއަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީގެ ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށެވެ. އެގޮތުން މި ޚިދުމަތް ހުވަދު އަތޮޅުގައި ފޯރުޔކޮށްދިނުމަށް ބޭޏުންވާ އައްޑިހައެއްހާ މުވައްޒަފުންނަށް ފުރިހަމަ ތަމްރީން ދީފައިވާކަމަށް ޢާޒިމް ވިދާޅުވިއެވެ.

"ފުރަތަމަ ދަތުރަށް ފަހުގައިވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ފާހަގަވެއްޖެ. ޚިޔާލު ލިބިގެން ފުރިހަމަ ޚިދުމަތެއް ދެވޭނީ. ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ވަރަށް ފަހިކޮށް ހުޅުވާލާފަ އޮތީ. އެހެން އަތޮޅުތަކުގައި ދޭހާ ފުރިހަމަ ޚިދުމަތެއް ދޭނަން." އާޒިމް ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ ތިނަދުއަކީ އެ ސަރަޙައްދުގެ ގިނަ ވަސީލަތްތަކެއް ގާއިމުވެފައިވާ ރަށަކަށްވާތީ ކޮންމެ ދުވަހަކު ގިނަ ބަޔަކު އެރަށަށް ޒިޔާރަތްކުރާކަމަށެވެ. އެހެންކަމުން އަވަސް ދަތުރުފަތުރާއެކު، ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ތިނަދޫގެ އިޤްތިޞާދުންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ސަޢުދު ވިދާޅުވިއެވެ.

"މި ޚިދުމަތަށް އަތޮޅުން މިކިޔަނީ ވަރަށް ހޫނު މަރުޙަބާއެއް. ވަރަށް ބޮޑު ކުރިއެރުމެއް. އަދި މުޅި އަތޮޅުގެ ގުޅުންވެސް ވަރަށް ބޮޑަށް ބަދަހިވާނެ." ސަޢުދު ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ވިދާޅުވީ ވަކި ޝެޑިއުލަކަށް ދަތުރުތައް ބާއްވަމުން ގެންދިއުމަކީ ދަތުރުފަތުރުގެ މި ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެކަމެއްކަމަށެވެ.

"ސަރުކާރުގެ ވަރަށް ބޮޑު ވަޢުދެއް މި ސަރަޙައްދަށް މި ފުރިހަމަވީ. ބޭރުން ގިނަ މީހުން ޒިޔާތަތްކުރީމަ، އިޤްތިޞާދަށވްެސް ކުރިއެރުން އަންނާނެ." މުޣުނީ ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުގައި ބޭއްވި ޓެސްޓް ދަތުރުގެ ފުރަތަމަ ދަތުރުވެރިޔާ، ނަޝީދު މުޙައްމަދު މި ޚިދުމަތް ސިފަކުރީ، ފްލައިޓަކުން ލިބޭހާ ހިތްފަސޭހަ ތަޖުރިބާއެއްގެ ގޮތުގައެވެ. އޭނާ ބުނީ މި ޚިދުމަތުގެ ސަބަބުން އާއްމުންނަށް ލިބޭ ފަސޭހައިގެ އިތުރުން، ރަށު ފަތުރުވެރިކަމުގެ ޚިދުމަތްވެސް ފުޅާކުރުމަށް ބޮޑު ފުރުޞަތަކަށް ވާނެކަމަށެވެ.

"ކުރިން ރަތަފަންދުއިން 1000 ރުފިޔާއަށް ކުރި ދަތުރު މިއަދު ވަރަށް ކުޑަ އަގަކަށް މިވީ. ބޯޓުގައިވެސް ލޯންޗުގައިވެސް ދަތުރުކުރެވިއްޖެ. 2000އިން ފެށިގެން ބެލިޔަސް މިހާ ހިތްހަމަޖެހޭ ދަތުރެއް ނެތް." ނަޝީދު މުޙައްމަދު ބުންޏެވެ.

އާރުޓީއެލް ޚިދުމަތް ހުވަދުއަތޮޅުގައި ފަށާއިރު، ފުރަތަނަ ހަފްތާގައި ދަތުރުތައް ބާއްވާނީ އެއްވެސް ފީއެއް ނުނަގައެވެ. އަދި އެއަށް ފަހު އަގުނަގަން ފެށިނަމަވެސް ނުކުޅެދުންތެރިކަން ހުން މީހުންނާ، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ ކުރިން ސަރުކާރުން އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ، ހއ، ހދ، ށ، އަދި ޅ އަތޮޅުގައެވެ.