ޚަބަރު

3 ރަށެއްގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ޙަވާލުކޮށްފި


  • ބިން ހިއްކުމަށް ޙަވާލުކުރެވުނު 3 އެއަރޕޯޓަކީ ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށި

  • މަސައްކަތް ޙަވާލުކޮށްފައިވަނީ 280 ދުވަހުން ނިންމާގޮތަށް

  • އޯގަސްޓްމަހު 3 އެއަރޕޯޓުގެވެސް ޢަމަލީ މަސައްކަތް ފެށޭވަރުވާނެ

  • ބިން ހިއްކުމަށް ޖުމްލަ 42.4 މިލިއަން ޑޮލަރު ޚަރަދުވާނެ

3 ރަށެއްގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަޔަކާ ޙަވާލުކޮށްފިއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ޙަވާލުކުރެވުނު 3 އެއަރޕޯޓަކީ ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށްޓެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި 3 ރަށުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސިވަރާޖާ މަނިވައްނަންއެވެ.

މި މަޝްރޫޢުގެ ދަށުން ތުޅާދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިމާއި ބިލެތްފަހި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކިގެންދާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި 3 ރަށުގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 280 ދުވަސް (ގާތްގަނޑަކަށް 9 މަހުގެ) މުއްދަތެކެވެ. މި މަޝްރޫޢަށް ޖުމްލަ 42.4 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި 3 ރަށުގެ ބިން ހިއްކުމުގެ މަސައްކަތަކީވެސް ކްރޮސް ސަބްސިޓީ އުޞޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި 3 ރަށުގެ އެއަރޕޯޓުގެ ޢަމަލީ މަސައްކަތްވެސް އަންނަމަހު ފެށޭވަރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތް ކޮންޓްރެކްޓަރާއި އެވޯޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އަދި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޙީމް އަބްދުލްހަކީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 އަކަށް މިނެޓުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރަޢްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު ސިޔާސަތެވެ. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކާ ބައެއް ޑޮމެސްޓިކް އެއަރޕޯޓުތަކުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު އެއަރޕޯޓުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކި މަރުޙަލާގައި މިވަގުތުވެސް ކުރިއަށް އެބަދެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އެންމެ ދެކުނުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުވެސް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށް ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.