ޚަބަރު

ބުދަ ދުވަހު އިހަވަންދޫ ބިން ހިއްކަން ފަށަނީ، އަމާޒަކީ 8 ދުވަހުން ނިންމާލުން


  • ބިން ހިއްކުމުގެ މަޝްރޫޢު ބުދަ ދުވަހު އަލުން ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުން

  • ބެލްޖިއަމުން ބޮޑު ޑްރެޖަރެއް ގެންނައުމަށްވަނީ ނިންމާފައި

  • އަންގާރަ ދުވަހު ޑްރެޖަރު ބަނދަރުކުރާނެ

  • 8 ދުވަސްތެރޭ ނުހިއްކި އޮތް ބައި ހިއްކާނެ ނިންމާނެ

ހއ. އިހަވަންދޫ ބިން ހިއްކުން އަލުން ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫޢު އަލުން ފެށުމަށް ތައްޔާރުވެފައިމިވަނީ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަހަރެއްވީފަހުންނެވެ.

ހއ. އިހަވަންދޫގައި އެންމެ ފުރަތަމަ ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގައެވެ. ގާތްގަނޑަކަށް 8 ހެކްޓަރު ހިއްކާ ނިމުނުފަހުން ޑްރެޖަރު ހަލާކުވެގެންވަނީ މަރާމާތުގެ މަސައްކަތް ކުރުމަށް ޑްރެޖަރު ގެންގޮސްފައެވެ. މި މަސައްކަތް ނުނިމި ލަސްވުމާއި ގުޅިގެން އެރަށު ކައުންސިލާއި ރައްޔިތުންތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫޢު އަލުން ފެށުމަށް އެމްޓީސީސީން ވަނީ ބެލްޖިއަމުން ބޮޑު ޖައްރާފާއެއް ގެނައުމަށް ނިންމާފައެވެ. މިޖައްރާފާ އިހަވަންދޫއަށް މާދަމާ ބަނދަރު ކުރާނެކަމަށް އެމްޓީސީސީއިން ބުނެއެވެ. މި މަޝްރޫޢާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އިހަވަންދޫ ބަނދަރު ހިއްކުމުގެ ތައްޔާރީތައް މިހާރުވެފައިވާކަމަށެވެ.

"ޑްރެޖަރު ގާތްކުރާނެ ޖުލައި 11 ވަނަ ދުވަހު. ލަސްވެގެން 12 ވަނަ ދުވަހު އަޅުގަނޑުމެން އިހަވަންދޫ ހިއްކަން ފަށާނެ. ގާތްގަނޑަކަށް 8 ދުވަސްތެރޭގައި އިހަވަންދޫ ހިއްކާ ނިމޭނެ. އަދި އޭގެ ފަހުން ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ފެށޭނީ." އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ، މިއީ އިހަވަންދޫއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ގެނުވާނެ ބޮޑު މަޝްރޫޢެއްކަމަށެވެ.

"އިހަވަންދޫއަކީ ރަށުގައި ދިރިއުޅޭ އާބާދީ ބޮޑު ރަށެއް. އެހެންކަމުން ރަށުގައި ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، ޒުވާނުންނަށް ބޭނުންވާ ވަޒީފާތައް އުފެއްދުމަށް ބޭނުންވާ، ސިނާޢީ މަސައްކަތްތައްވެސް ކުރުމަށް ބިން ބޭނުން އެބަވޭ." މެމްބަރު ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ރައްޔިތުންގެ ހުރި ކަންބޮޑުވުން ހިއްސާކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާޙް ވިދާޅުވީ، މި މަޝްރޫޢު ހުއްޓިފައި އޮތުމާކީ، ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާއާއިވެސް ގުޅިފައިވާކަމެއްކަމަށެވެ. އަދި މިއީ ރަށުގެ ތަރައްޤީއާއި ސީދާގޮތުން ގުޅިފައިވާ މަޝްރޫޢެއްކަމުން މީގެ ސަބަބުން ގިނަ ކަންތައްތަކެއް ހުއްޓިފައި އޮންނަކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަހަރެއްހާ ދުވަސްވީފަހުން އަނެއްކާވެސް މަސައްކަތް ފެށިގެން ދާތަން އަޅުގަނޑުމެނަށް ފެނިގެން މިދަނީ. ޙަޤީޤަތުގައިވެސް އިހަވަންދޫއަކީ 4000 އެއްހާ މީހުންގެ އާބާދީ އެއް ދިރިއުޅޭ ރަށެއްކަމުން ކައުންސިލް އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައިވެސް ވަރަށް ބޮޑަށް މިހާރު ހިއްކުމަށް ހަމަޖެހިފައިވާ ބިން ހިމެނޭނެހެން ޕްލޭން އެކުލަވާލާފައިވަނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އިހަވަންދޫ ހިއްކުމުގެ މަޝްރޫޢާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އިހަވަންދޫގައި 25 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދުގެ ޙިމާޔަތްކުރުމަށް 850 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 116.94 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.