ޚަބަރު

ވަންގަވް: ސަރުކާރުގެ ޚިދުމަތްތައް ހޯދަން އެކި އޮފީސްތަކަށް ދިއުން ނިމުމަކަށް


  • ވަންގަވްއަކީ މުވައްސަސާތަކުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެއް ޕޯޓަލަކުން ލިބޭނެ ޚިދުމަތް

  • މިހާތަނަށް 5 މުވައްސާސާއެއްގެ ޚިދުމަތްތައް ޕޯޓަލުން ލިބޭނެ

  • މިއީ 24/7 ޚިދުމަތެއް

  • މިހާރު މިހާގެ ޒާތީ މަޢުލޫމާތު ހުށައަޅާކަށް ނުޖެހޭނެ

އާއްމުންގެ މީހަކު ނުވަތަ ރަސްމީ ނޫން ފަރާތަކުން ސަރުކާރުގެ އޮފީހަކުން ޚިދުމަތެއް ހޯދަން ބޭޏުންވެއްޖެނަމަ ބައެއް ފަހަރު އުފުލަންޖެހޭ ތަކުލީފްތަކުގެ ވާހަކައަކީ ގިނަ ބަޔަކަށް އިވިފައި، ނުވަތަ އަމިއްލައަށް ތަޖުރިބާ ކުރެވިފައި ހުންނާނެ ކަންތައްތަކެއްކަން ޔަގީނެވެ. އެންމެ ޚިދުމަތަކަށް އެދެން ހަތަރުފަސް އޮފީހަށް ގޮސް ފޯމްތަކާއި ލިޔުންތައް ހުށަހެޅުންޖެހުމަކީ ސަރުކާރުގެ ޙިދުމަތްތައް ހޯދާ ފަރާތްތަކަށް އެކަމުގެ ސަބަބުން ވަރަށް ތަކުލީފުތަކެއް ދިމާވާ ކަމެކެވެ. އަދި ބައެއް ފަހަރު ޚިދުމަތެއް ހޯދަން ފޯމެއް ނުވަތަ ލިޔުމެއް ހުށަހަޅާއިރު އޭގައި އޮންނަ އިބާރާތެއް ގޯސްވެގެން ކުރިން ކުރި މަސައްކަތް އަނެއްކާވެސް ކުރަންޖެހޭ ހާލަތަށްދާ ފަހަރުވެސް މަދެއް ނޫނެވެ.

އިދާރާތަކާއި މުއައްސާސާތައް ހިނގަމުންދާ އުސޫލަށް ބަލާލިޔަސް ފެންނަނީ އެފަަދަ ހާލަތެކެވެ. ހަރުދަނާ ނިޒާމެއް ނެތި، ލިޔެ ކިޔުން އަތުން އަތަށް ދީގެން، ވެރިންގެ ސޮއި ހޯދައިގެން ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދޭން އެތައް ވަގުތެއް ހޭދަވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މިފަދަ ދަތި އުނދަގޫތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލުތައް ގެނެސްދެއްވުމަށް ވަޢުދުވެވަޑައިގެންނަވަމުންނެވެ. އެގޮތުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ދަނީ ހޯއްދަވަމުންނެވެ.

އެ ދާއިރާއިން ކުރައްވަމުން ގެންދެވި މަސައްކަތުގެ ތެރެއިން "ވަންގަވް" ޕޯޓަލްގެ ޚިދުމަތަކީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ނިޒާމެކެވެ.

"ވަންގަވް" ޕޯޓަލްއަކީ ސަރުކާރުގެ އެކި އިދާރާތަކުން ކުރިން ފޯރުކޮށްދެމުންދިޔަ ޚިދުމަތް، އެއް ތަނަކުން ލިބޭ ގޮތަށް ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. ޒަމާނީ، ލުއި ފަސޭހަ މި ނިޒާމާއެކު ސަރުކާރު އެކި އޮފީސްތަކަށް އެކި ކަންކަމުގައި ދިއުމާއި އެކި ކަންކަމަށް އެދި ހުށަހެޅުން ނިމުމަކަށް އަންނާނެއެވެ. އަތުގައި އޮންނަ ފޯނު ނުވަތަ އެހެންވެސް ޑިވައިސްއަކުން ސަރުކާރުގެ ބޭނުން އިދާރާއަކުން ބޭނުން ޅިދުމަތަކަށް އެދެންވީއެވެ. އަރާ އިރާއެކު އޮފީސްތައް ކައިރީގައި ޚިދުމަތް ހޯދަން ކިޔު ހެދުން ނިމުނީއެވެ.

"ވަންގަވް" ޕޯޓަލްގެ މަސައްކަތްތައް ކުރިއަށްގެންދަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން، ޓްރޭޑް ނެޓް ކޯޕަރޭޝަން މެދުވެރިކޮށެވެ. ވަންގަވްގެ ތެރެއިން މިވަގުތު 5 މުވައްސަސާއެއްގެ، 111 ޚިދުމަތެއް ލިބޭނެއެވެ. އެއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށްދޭ ޚިދުމަތްތަކެވެ.

އެގޮތުން އާއްމުންނާއި ވިޔަފާރިތަކުން އިދާރާތަކަށް ފޯމު ހުށައަޅައިގެން ހޯދާ އެކިއެކި ޚިދުމަތްތައް މިހާރު ވަންގަވްއިން ލިބޭނެއެވެ. މީގެތެރޭގައި ހުއްދަތައް ނެގުމާއި، ލިޔެކިޔުން ހެދުމާއި އެކިއެކި މައްސަލަތައް ހުށައެޅުންފަދަ ޚިދުމަތްކަށް ވަންގަވްގެ ތެރެއިން އެދެވޭނެއެވެ. އަދި ވިޔަފާރިތަކާއި ގުޅިގެން މުވައްސަސާތަކުން ހޯދާ ޚިދުމަތްތައްވެސް ވަންގަވް މެދުވެރިކޮށް ހޯދޭނެއެވެ.

ޕޯޓަލް ފަރުމާކޮށްފައިވަނީ ސަރުކާރުގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭގޮތަށެވެ.

ޕޯޓަލް ފަރުމާކުރުމަށް ޓްރޭޑް ނެޓް ކޯޕަރޭޝަނުން ވަނީ ކޮންމެ މުއައްސާއަކުން ދެމުންދާ ޚިދުމަތްތައް ދިރާސާކޮށް އާއްމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ޕޯޓަލްގަައި ޚިދުމަތް ލިބޭނެ ގޮތް ހަދާފައެވެ. އެގޮތުން އިދާރާތަކުންދޭ ޚިދުމަތްތަކުގެ މަޢުލޫމާތާއި، ފޯމު ފުރުމާއި ލިޔެކިޔުން ހުށައެޅުމާއި އަދި އެ ޚިދުމަތެއް ކުރިއަށްގޮސްފައިވާ ހިސާބުވެސް ބަލާލެވޭނެއެވެ.

އަދި ފޯމުތައްވެސް މިހާރު ފަރުމާކޮށްފައި ހުންނާނީ، އެ ޚިދުމަތާއި ގުޅޭ މަޢުލޫމާތު އެކަނި ހުށައަޅަންޖެހޭ ގޮތަށެވެ. އައިޑީ ކާޑު ކޮޕީޢެއް ނުހެއްދިގެން މިހާރު އުޅޭކަށް ނުޖެހޭނެއެވެ. އެމީހާގެ އައިޑީ ކާޑާއި ޒާތީ މަޢުލޫމާތުތައް އެ ކަމަކާ ގުޅޭ މުވައްސަސާއެއް މެދުވެރިކޮށް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ.

ވަންގަވް ޕޯޓަލް އިފްތިތާހުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ދިވެހިންނަކީ ޓެކްނޮލޮޖީއާއި ރައްޓެހި ބައެއްކަމުން، ޑިޖިޓަލައިޒްކޮށް ދެވޭ ކޮންމެ ޚިދުމަތަކީ ދިވެހިންނަށް އެތައް ލުއިފަސޭހައެއް ގެނުވާނެ ޚިދުމަތަކަށް ވާނެކަމަށެވެ. އަދި ވަންގަވްއާއެކު ރައްޔިތުންނަށް ފުއްދައިދެވެނީ ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖެ އޮތް ގޮތުން އަހަރަމެންނަށް ކުރިއަށްދެވެން އޮތީ ޓެކްނޮލޮޖީއާއެކީގައި. ރަނގަޅު ކަނެކްޓިވިޓީތަކާކާއެކު. ދަތުރުފަތުރަށް ރަނގަޅު ފެރީގެ ނިޒާމެއްގެ ކަނެކްޓިވިޓީ ބޭނުންވާގޮތަށް، އާއްމު ޚިދުމަތްތައްވެސް ގުޅެންޖެހޭ. މިހާރު މިފެށި ޚިދުމަތުގެ ސަބަބުން ޚިދުމަތް ހޯދަން ރަސްމީ ގަޑީގަ ދާކަށް ނުޖެހޭނެ. ގަޑިއެއް ނުޖެހޭނެ." ޝައުނާ ވިދާޅުވިއެވެ.

މި ޚިދުމަތުގެ އެންމެ ބޮޑު ލުއިފަސޭހައަކަށްވާނީ، ކުރިން ކަރުދާސް ފޯމުތައް ހިފައިގެން އެކިއެކި އިދާރާތަކަށް ހުށައަޅަން ގޮސް ތިބޭ ވަގުތު ސަލާމަތްވެ، ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ފަހިވުމެވެ. އަދި އެމީހަކަށް ފަސޭހަ ކޮންމެ ވަގުތަކުގައި ޚިދުމަތްތަކަށް އެދެވޭނެއެވެ. އަދި އެ ޚިދުމަތެއް ފުރިހަމަވުމުން އެކަން މެއިލްއަށް ނުވަތަ، ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އަންގާނެއެވެ.

މި ޚިދުމަތް ހޯދުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް، ޚިދުމަތް ހޯދޭނީ ސަރުކާރުގެ އީފާސް ނިޒާމުގެ ތެރެއިންނެވެ. އަދި ސަރުކާރުން ދޫކުރާ ހުރިހާ ލިޔެކިޔުންވެސް، މި ޕޯޓަލްގެތެރެއިން ދޫކުރަމުންދާނީ އެއް ތައްގަނޑަކަށެވެ. ލިޔެކިޔުމުގައި ސަރުކާރުގެ މުވައްސާއެއްގެ އިސް ފަރާތެއްގެ ސޮއާއި، ސްޓޭމްޕް ނެތްނަމަވެސް، ރަސްމީ ލިޔުމެއްކަން ކަށަވަރުކުރެވޭނެ ކިއު.އާރް ކޯޑެއް ލިޔުމުގެ ތިރީ ކަނުގައި ހިމަނާފައި ހުންނާނެއެވެ.

"ވަންގަވް" ޚިދުމަތަށް އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސެންޓަރުތަކެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މާލެ، އައްޑޫ އަދި ފުވައްމުލައް ސިޓީގައި ކަސްޓަމަރ ސެންޓަރ ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން އެހީ ހޯދުމަށް ގުޅާގެ ހެލްޕްލައިން 1500ވެސް ވަނީ ތަޢާރަފުކޮށްފައެވެ.

ޚިދުމަތްތައް ހަމަޖެހެމުންދާވަރަކުން ވަންގަވް ޕޯޓަލްގެ ތެރެއަށް އިތުރު މުވައްސަސާތަކުގެ ޚިދުމަތްތައްވެސް އިތުރުކުރަމުންދާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ޕޯޓަލް ފުރިހަމަވާއިރު، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، އިދާރާތަކުގެ ޚިދުމަތްތައް ވަންގަވްއިން ލިބިގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.