ޚަބަރު

މަތިކޮމަންޑޫ ހިއްކަން ފަށަން ތައްޔާރުވެއްޖެ


  • މަތިކޮމަންޑޫ ހިއްކަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި ފަހުކޮޅު

  • ދެކޮމަންޑޫ ގުޅާލާ ބްރިޖްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހު

  • އޮގަސްޓްމަހު ބިން ހިއްކާ ނިމޭނެކަމަށް އެމްޓީސީސީން ބުނޭ

މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫޢު މިމަހު ފަހުކޮޅު ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމް.ޓީ.ސީ.ސީއިން ބުނީ މަތިކޮމަންޑޫ ހިއްކުމުގެ މަސައްކަތް އޯގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން އެކުންފުނިން މިހާރުވަނީ މަތި ކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދު ހިއްކުމުގެ ތައްޔާރީތައް ފަށާފައެވެ.

އެގޮތުން ހިއްކާ ސަރަޙައްދުގައި މިހާރު ވަނީ ބަންޑްވޯލް ޖަހާފައެވެ. އަދި މިމަހުގެ ފަހުކޮޅު ހިއްކަން ފެށުމަށް އެމް.ޓީ.ސީ.ސީގެ ޖައްރާފާ ކޮމަންޑޫއަށް ބަނދަރު ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.


މި ސަރަޙައްދުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އަންނަ އޯގަސްޓް މަސް ނިމޭއިރު މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ނިންމުމަށް އެކުންފުނިން އަމާޒު ހިފާފައިވާކަމަށެވެ.

"ވަރަށް ގިނަ މީހުން ބުނޭ ނުހިއްކާނޭ މަތިކޮމަންޑޫ. އެކަމަކު އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، ޖުލައި ފަހުކޮޅު ހިއްކަން ފަށާ، އޯގަސްޓް މަސް ނިމޭއިރު ހިއްކާ ނިމިފައޭ އޮންނާނީ އިރާދަކުރެއްވިއްޔާ" އާޒިމް ވިދާޅުވިއެވެ.

މަތި ކޮމަންޑޫ ހިއްކާ، ކޮމަންޑޫއާއި ގުޅާލުމުގެ މަސައްކަތަކީ، ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މަތި ކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ އީއައިއޭގެ ފަހު މަރުޙަލާގެ މަސައްކަތް މިފެށޭ ހަފްތާގައި ނިމޭނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ވަހަކަދައްކަވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާން ވިދާޅުވީ، މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތަކީ ސާޅީހަށްވުރެ ގިނަ އަހަރުވީ އެރަށު ރައްޔިތުންގެ އެތައް ތަކުލީފަކާއި ގުޅިފައިވާކަމެއްކަމަށެވެ.

"މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިތިބިކަމެއް. ވޭތުވެދިޔަ 50 އަހަރަށް ބަލާއިރުވެސް ރަށްވަނީ އާބާދީގެ ގޮތުން ތޮއްޖެހިފައި. ޢުމްރާނީ ތަރައްޤީގެ އިތުރުން ރަށުގައި ސިނާޢީކަމެއް ކުރަންބަލާއިރުވެސް ބިން ނެތުމުގެ ސަބަބުން އިޤްތިޞާދީގޮތުންވެސް ރައްޔިތުންނަށް ވަރަށް ދަތިވެފައިވާކަމެއްމިއީ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖްގެ މަސައްކަތްވެސް އޯގަސްޓް މަހު ފެށުމަށް އެމް.ޓީ.ސީ.ސީން ދަނީ ތައްޔާރުވަމުންނެވެ. ދެކޮމަންޑޫ ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. އަދި މަސައްކަތް 6 މަސްތެރޭގައި ނިންމުމަށް އެމް.ޓީ.ސީ.ސީން ވަނީ ކަނޑައަޅާފައެވެ.

މި މަސައްކަތުގެ އީއައިއޭއަށްވެސް ވަގުތު ހޭދަވާކަން އެމްޓީސީސީން ފާހަގަކުރެއެވެ. އެގޮތުން ތިން ހަތަރު މަސް އެކަމަށް ހޭދަވާކަމަށް އެމްޓީސީސީން ބުނެއެވެ. މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަޝްރޫޢަކީ 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުއެކެވެ.

ކޮމަންޑޫގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެދުމަކީ، އެރަށަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމެވެ. އެތައް ޢާއިލާއެއް އެއްގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލަތަކަކާއި ކޮމަންޑޫ ރައްޔިތުން ވަނީ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން ބިން ހިއްކާ ނިމުމާއެކު ރަށުގެ ލޭންޑް ޔޫސްޕްލޭން އެކުލަވާލާ، ބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.