ޚަބަރު

ކުޑަކުޑަ މާޅޮހަށް، އެތައް އަހަރަކަށް ބޭނުންކުރެވޭނެ ޖާގަ ބޮޑު ބަނދަރެއް


  • ކުރިން ބޭނުންކުރަމުން ދިޔައީ 300 ފޫޓުގެ ކުޑަ ބަނދަރެއް

  • އެމްޓީސީސީއާއި ޙަވާލުކޮށްގެން 1200 ފޫޓުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ބަނދަރުގެ އެއްގަމު ތޮއްޓާއި ބޭރު ތޮށީގެ މަސައްކަތް ވަނީ ނިމިފައި

އއ. މާޅޮހަކީ ރާއްޖެއަށް ބަލާއިރު އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރެއިން އެއް ރަށެވެ. 30 ހެކްޓަރުގެ މާޅޮހުގެ އަބާދީއަކީ ގާތްގަނޑަކަށް 400 މީހުންނެވެ.

ރާއްޖޭގެ އެހެން ގިނަ ރަށްތަކޭ އެއްގޮތަށް މާޅޮހުގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ލަފާފުރުމުގެ ދަތިކަމެކެވެ. މާޅޮހުގައި އޮތީ 2006 އެއްހާ ހިސާބުގައި ބޭނުންކުރަން ފެށި، 300 ފޫޓުގެ ކުޑަ ބަނދަރެކެވެ.

ވެލިބަސްތާ ޖަހައިގެން ރާއްޖޭގައި އެންމެ ފަހުން ހަދައި ބޭނުންކުރަން ފެށި އެ ބަނދަރު، ރަށުގެ ރައްޔިތުން ބޭނުންކުރަމުން ދިޔަނަމަވެސް، ބަނދަރުގެ ހުރިހާ މަސައްކަތްތައް އޮތީ ފުރިހަމަ ނުކޮށެވެ. ނެރެއް ނެތި ހަދާފައި އޮތް ބަނދަރަށް އެއްވެސް ރައްކަލެއް ނެތެވެ.

ބަނދަރަށް ވަދެ ނިކުތުމާއި އަދި ގަދަ ދުވަސްވަރު އުޅަނދުތަކަށްވެސް އެއްވެސް ރައްކަލެއް ނޯވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާޅޮހު ކައުންސިލްގެ ރައީސް އިސްމާޢިލް ނަސީރު ވިދާޅުވީ، ބަނދަރެއް އޮތް ނަމަވެސް މިހާތަނަށްވެސް ރަށުގެ ބަނދަރު ބޭނުންކުރަމުން އައީ މީހުންނަށާއި އުޅަނދުތަކަށްވެސް ރައްކަލެއް ނެތިކަމަށެވެ. ބަނދަރުގެ ޖާގަ ކުޑަވުމާއެކު، ގަދައިގައި ބޮޑެތި ރާޅު މުގުރާހިސާބަކަށްވާތީ ބަނދަރެއްގެ ފަސޭހަ ރައްޔިތުންނަށް ނުލިބޭކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް ގަދަ ބަނދަރެއް. ކުރިން ބަނދަރު އޮތްގޮތުން، ބައެއް ދުވަސްވަރު ރަށުގެ މީހުންނަށް ނޫނީ ބަނދަރަށް ވަންނަންވެސް ނުކެރޭހާ ހާލަތު ގޯސް" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއްގައި މާޅޮހުގެ ރައްޔިތުން އެދެމުންދިޔަ މި މައްސަލައަށް، ޙައްލު ގެނައުމުގެ މަސައްކަތް ފެށީ މި ދަޢުރުގައި 2021 ވަނަ އަހަރުއެވެ. މި ޕްރޮޖެކްޓްގައި މާޅޮހުގައި އޮތް 300 ފޫޓުގެ ބަނދަރު، 1200 ފޫޓުގެ ބޮޑު ބަނދަރެއްގެ ގޮތުގައި އަންނަނީ ތަރައްޤީކުރަމުންނެވެ. އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި، ބަނދަރުގެ އެއްގަމު ތޮއްޓާއި ބޭރު ތޮށީގެ މަސައްކަތްވެސް މިހާރުވަނީ ނިންމާފައެވެ. އަދި މިހާރު ކުރަމުންދަނީ ބަނދަރުގެ ބޭރުތޮއްޓަށް އުޅަދުތައް ކައިރިކުރެވޭގޮތަށް ހަދާ ޖެޓީގެ މަސައްކަތެވެ.

ބަނދަރުގެ ބޮޑެތި މަސައްކަތްތައް ނިމި އޭގެ ފަސޭހަ މިހާރުވެސް ރަށުގެ ރައްޔިތުންނަށް އަންނަނީ ލިބެމުންނެވެ. އެގޮތުން މިހާރު އެއްފަހަރާ އެތަށް އުޅަނދެއް ކައިރިކޮށް، ރައްކާތެރި ކަމާއެކު ބަނދަރަށް ލަފާފުރޭނެ ގޮތްވަނީ ވެފައެވެ. މިއީ އެރަށުގެ ރައްޔިތުން އެތައް އަހަރުތަކަކަށް ބޭނުންވެފައި ތިބި ލުއިފަސޭހައެކެވެ.

މާޅޮހަކީ ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި އޮންނަ ރަށަކަށް ވުމާއެކު، އެ ސަރަޙައްދަށް މަސްވެރިކަމަށްދާ އުޅަނދުތަކަށްވެސް މި ބަނދަރު ބޭނުންކުރެއެވެ.

"ސަރުކާރުގައި އެދުނީ ނެރު ފައިކަށި ރަނގަޅުކޮށްދޭށޭ. އަޅުގަނޑުމެއްނެގ ނަސީބު، ނެރުފައިކައްޓާއެކު ރަށަށް ބޮޑު ބަނދަރެއް މި ލިބުނީ. ކުރިން މުދާ ބާލަންވެސް ވަރަށް ދަތިވޭ. ސިޑިތަކާ ކައިރިނުކުރެވި މީހުން އަރާ ފައިބަން އެހާ ދަތި" ރަށުން ވާހަކަދެއްކި ރައްޔިތުން ފާހަގަކުރިއެވެ.

މާޅޮހު ބަނދަރު ތަރައްޤީކޮށްފައިވަނީ އެންމެ ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ. ބަނދަރުގައި ރޭމްޕް ހަދާ، ޕޭމަންޓް އަދި ރޭގަނޑުވެސް ފަސޭހައިން ބަނދަރު ބޭނުންކުރެވޭގޮތަށް ލައިޓްވަނީ ޖަހާފައެވެ.

މި ޕްރޮޖެކްޓްވެގެންދަނީ ކުރިމަގުގައި އެތަށް އަހަރުތަކަށް، ތޮއްޖެހުމުގެ މައްސަލަ ދިމާނުވެ ބޭނުންކުރެވޭނެ ބަނދަރަކަށެވެ. މުޅި މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.