ޚަބަރު

ގޯތި ދިނުމަށާއި އިޤްތިޞާދީ މަސައްކަތް ފެށުމަށް ގުޅިފަޅު ހިއްކަން ފަށައިފި


  • ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ފެއްޓެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

  • ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިން

  • ބިންވެރިޔާ މަޝްރޫޢުގެ ދަށުން 2000 ގޯތި ދޫކުރަނީ ގުޅީފަޅުން

  • މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ދަނީ މަސައްކަތްކުރަމުން

ސަރުކާރުގެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކަކާއި ގުޅިފައިވާ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ގުޅީފަޅުގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫޢު ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ 2 ބޭންކެއްގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢުގެ ދަށުން ގުޅީފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތްކުރުމަށް ގުޅީފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ބިން ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން، މާލޭގައި ހިންގަމުންދާ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް ގުޅީފަޅަށް ބަދަލުކޮށް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މާލެ ސަރަޙައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މީގެ 25 އަހަރު ކުރިން ފެށިގެންވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މިކަމުގައި އެދެވޭ ޙައްލެއް ނުލިބި އޮތީ ގުޅިފައިވާ އެތައް މައްސަލައަކަށް ވަކިވަކިން ޙައްލު ހޯދުމުގެ ވިސްނުމުގައި މީގެކުރީގެ ސަރުކާރުތަކަށް މަސައްކަތް ކުރުމުންކަމަށާއި އެހެންކަމުން މިސަރުކާރުން ނިންމީ، އެއްފަހަރާ ބޮޑު ޙައްލެއް މައްސަލައަށް ގެނައުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުން އަޅުގަނޑުމެން ނިންމީ، މިމައްސަލައަށް އެކީގައި އެޑްރެސްކުރުމަށް، އެކަމާ ވަރަށް ބޮޑަށް ވިސްނަވާފަ ރައީސް ނިންމެވީ، މާލޭގެ މިމައްސަލައަށް ޙައްލެއް ގެނައުމަށް އަޅުގަނޑުމެން އެބަޖެހެއޭ، ބޮޑު އަދި ގިނަ ޢަދަދަކަށް އެއްފަހަރާ މީހުންނަށް ބޯހިޔާވަހިކަމަށް ޙައްލެއް ހޯދައިދޭން. އެއިކީ ދެންހަމައެކަނި ފްލެޓެސްވެސް ނޫން. ހަމައެކަނި ފްލެޓް އަޅައިގެން އަޅުގަނޑުމެނަކަށް ނެތް މިކަން ޙައްލުކުރެވޭކަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިމަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވީ މިއީ ސަރުކާރަކުން މާލޭގެ ރައްޔިތުންނަށް އެއްފަހަރާއި މިހާތަނަށް ގެނެސްދެއްވި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ.

ސަރުކާރުން ޢިއުލާންކުރައްވާފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުގައި އަލަށް ހިއްކާ ސަރަޙައްދުންނެވެ. މިއީ ރާއްޖޭގެ އެއް ސަރަޙައްދެއްގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢުކެވެ.

ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ތަރައްޤީކޮށްފައިވާ ފަޅެކެވެ. 2010 ވަނަ އަހަރު ފުރަތަމަ ގުޅީފަޅު ހިއްކި ބޭނުމަކީ އެތަނުގައި މީހުން އާބާދުކޮށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ.