ޚަބަރު

ދޫކުރާ ގޯތީގެ އަދަދު 6200 އިތުރުކޮށް، އަންނަމަހު ގޯތިތައް ދޫކުރާނެ


  • މާލޭ ރައްޔިތުންނަށް ދޭން ނިންމި ގޯތީގެ އަދަދު ވަނީ އިތުރުވެފައި

  • އޯގަސްޓްމަހުގެ ތެރޭގައި އެންމެ ލަސްވެގެން ގޯތިތައް ހަވާލުކުރާނެ

  • ގުޅިފަޅާއި، ގިރާވަރުފަޅުން އިތުރަށް ގޯތި ދެވޭނެ ގޮތެއް ދަނީ ހޯދަމުން

މާލޭގެ ރައްޔިތުންނަށް ދޭ ގޯތީގެ ޢަދަދު އިތުރުކުރައްވައި، ގޯތި ލިބޭ އެންމެނަށް އެންމެ ލަސްވެގެން އަންނަމަހު ގޯތިތައް ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ ބިޔަ މަޝްރޫޢު ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައި، ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި، މާލޭ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލު ގެނެސްދޭނެ މަޝްރޫޢޫއެއްކަމަށް ވިދާޅުވިއެވެ. މިއީ މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢުއެއް ނަމަވެސް، ރައީސް ސިފަކުރެއްވީ މި މަޝްރޫޢުއަކީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ފެތުރިގެންދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢުއެއްގެ ގޮތުގައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުއާއި ގުޅިފައިވާ އެންމެ މުހިންމު ކަމެއްގެގޮތުގައި ރައީސް ފާހަގަކުރެއްވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. އެގޮތުން ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށްގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއްބައި ހުޅުމާލޭ ދެވަނަ ފިޔަވަހިން މިހާރު ހަމަޖެހިފައިވާކަމަށާއި އަދި ގޯތި ދިނުމަށް ބޭނުންވާ ބިން ހަލުވި ދުވެއްޔެއްގައި ގިރާވަރު ފަޅާއި ގުޅިފަޅުގައި އިތުރުކުރެވެމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އެތައް އަހަރަކުން ފެށިގެން މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ އެއިން ކޮންމެ މީހެއްގެ ހަތަރުފަރާތުން އުސް ޢިމާރާތްތައް ނަގައި އެމީހުންގެ ނޭވާ ހާސްކޮށްލާފައިވާ މާހައުލެއްގައި. އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ކުރިމަތިވީ އިތުރު ހާސްކަމެއް. ކުރިމަތިވީ އެތައް ނަފްސާނީ ބަލިތަކަކާ އިޖްތިމާޢީ އެތައް މައްސަލަތަކެއް. އަޅުގަނޑުމެން މަސައްކަތްކުރަމުން މި އަންނަނީ މާލޭ ރައްޔިތުންގެ އެ ހާސްކަން ކަނޑުވާލާ ދިނުމަށް. މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނުވާނެ މަޝްރޫޢުއަކަށް ވާނެކަމަށް އަޅުގަނޑު އުންމިދުކުރަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ހުޅުމާލެއާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ގޯތި ދޫކުރުމަށް ހިންގާ އެންމެ ބިޔަ މަޝްރޫޢުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއީ އެތައް ރަނގަޅެއް އޭގެ ނިވަލުގައި އޮވެގެން އަޅުގަނޑުމެން ކުރިއަށް ގެންދިއުމަށް ރޭވި މަޝްރޫޢެއް. މި މަޝްރޫއާއި ގުޅިފައިވާ އިޤްތިޞާދީ ފައިދާތަކާއި، އިޖްތިމާޢީ ހައްލުތައް އަދި ޢުމްރާނީ ތަރައްޤީއާއި ވިޔަފާރީގެ ކުރިއެރުންތަކުން މުޅި ރާއްޖެއަށް އެތައް މަންފާތަކެއް ކުރާނެ. ގުޅިފަޅު ބިމަށް މިސަރުކާރުން އިތުރުކުރި 42 ހެކްޓަރުގެ ބިމާއެކު ގުޅިފަޅުން މިހާރުވެސް އޮތީ 68 ހެކްޓަރުގެ ބިން ހިއްކާ ނިމިފަ. އެއީ ކުރީ ސަރުކާރެއްގައި ހިއްކި ކުޑަ ބިންކޮޅަކާއެކީގަ. މިއަދު މިފަށާ މަޝްރޫޢުގެ ދަށުން އިތުރު 150 ހެކްޓަރުގެ ބިން މިސަރަޙައްދަށް އިތުރުކުރެވޭނެ. ޖުމްލަ ގާތްގަނޑަކަށް 218 ހެކްޓަރު ގުޅިފަޅަށް އިތުރުވެގެން އެދަނީ." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމެވި ގޯތިތަކުގެ ޢަދަދު އިތުރުކުރުމަށް ނިންމެވިކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ޖުމްލަ 6200 ގޯތި ދޫކުރަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގުޅިފަޅުން 2000 ގޯތި، ގިރާވަރުފަޅުން 2000 ގޯތި އަދި ހުޅުމާލެފަޅުން 2200 ގޯއްޗެވެ. ސަރުކާރުން ކުރިން ނިންމަވާފައިވަނީ 5000 ގޯތި ދިނުމަށެވެ.

"ޝަރުތުހަމަވެގެން ގޯތި ލިބޭ މީހުންގެ ލިސްޓުވެސް މިހާރު އެއޮތީ ޢާންމުކުރެވިފަ. އަދި އެލިސްޓަށް ޝަކުވާ ހުށައެޅުމަށް ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްވަނީ ފުރުޞަތު ހުޅުވާލާފަ. ލިބޭ ޝަކުވާތައް ބެލުމަށްފަހު ލިސްޓުގައި ހުރި މައްސަލަަތއް ހައްލުކޮށް މިއަންނަ އޮގަސްޓްމަހުގެ ތެރޭގައި އެންމެ ލަސްވެގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ފަށާނަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ އިންސާނަކަށްވީތީ ލިބެންޖެހޭ އަސާސީ އެތައް ހައްގަކުން މަހްރޫމްވެގެންކަމަށާއި 40 އަހަރުފަހުން މާލެއިން ގޯތި ދިނުމަށް ނިންމެވީ މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެގޮތެއް ހެދުމަށްކަމަށެވެ. އަދި މި މަޝްރޫޢު މުޅިން ފުރިހަމަވާނީ މާލެއިން ތިލަފުއްޓާއި ހަމައަށް އަޅާ ބްރިޖުން އެސަރަހައްދު ގުޅާލުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ބްރިޖް މަޝްރޫޢު އަންނަ އަހަރުތެރޭ ނިމި ބޭނުންކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ބްރިޖް ގިރާވަރުފަޅާއި ހަމައަށްވެސް ގުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތި ލިބެންދެން އެ ލިސްޓު ދަމަހައްޓާނެކަށެވެ. އަދި ގުޅިފަޅާއި، ގިރާވަރުފަޅުން އިތުރަށް ގޯތި ދެވޭނެ ޕްލޭން ރާވަމުންދާ އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.