ޚަބަރު

މަނަދޫ ބަނދަރު ތަރައްޤީކުރުން: އޮޑިވެރިން ހޭލާ ތިބުން ނިމުމަކަށް


  • ބަނދަރާއެކު ލަފާ ފުރުމަށް އޮތް ދަތިތައް ހައްލުވާނެ

  • ހުޅަނގު މޫސުމުގައި އޮޑި ފަހަރު އަޅާފައި ބޭއްވޭނެ

  • މި މަޝްރޫޢަށް 29 މިލިއަން ރުފިޔާ ޚަރަދުވޭ

ނ. މަނަދޫ ބަނދަރަކީ، މޫސުން ގޯސްވާ ދުވަސްވަރު ބަނދަރުތެރެ ގަދަވެ، ބޭނުންކުރުމަށް ދަތިވެފައިވާ ބަނދަރެކެވެ.

މަނަދޫގެ ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 2000 މީހުން ނަމަވެސް، އެކި ބޭނުންތަކުގައި އެ ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު ރަށުގެ އާބާދީ 3000 އިން މައްޗަށް އަރައެވެ. އާއްމު ގިނަ ޚިދުމަތްތައް ޤާއިމުކޮށްފައިވާ މަނަދޫއަށް ކޮންމެ ދުވަހުވެސް ގިނަ ބަޔަކު އަރާފައިބައެވެ. ރަށަށް އަރާފައިބާ މީހުންނާއި ރަށުގެ އޮޑިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބަނދަރުގެ މައްސަލައެވެ.

ނ. މަނަދޫގައި ހަދާފައިވާ ބަނދަރަކީ 1200 ފޫޓު ދިގު، 350 ފޫޓު ފުޅާ ބަނދަރެކެވެ. މިހާރު އޮތް ބަނދަރުން ޚިދުމަތް ހޯދާތާ 8 އަހަރުވީއިރު، ކޮންމެ އަހަރެއްގެވެސް ކަނޑު ގަދަވާ ދުވަސްވަރުވެފައި ވަނީ ރަށުގެ ރައްޔިތުންނާއި އޮޑިވެރިންނަށް އެތައް ގޮންޖެހުންތަކާއި ކުރިމަތިވާ ދުވަސްތަކަކަށެވެ.

މަނަދޫ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ނިމުމެއް ގެނެސްދިނުމަށް މަނަދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށް އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަސްތެރޭގައެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް ޢަބްދުއްރަޙްމާން ޞަބީޙު ވިދާޅުވީ، ބަނދަރުގެ މިހާރު އޮތް ޙާލަތުން ރަށުގެ ފަޅުވެރިންގެ ބޮޑު ކަނބޮޑުވެއް އެބައޮތްކަމަށެއެވެ. އަދި ހުޅަނގު މޫސުންނަމަ ރަށުގެ އޯޑިވެރިން ތިބެނީ ހޭލާކަން ފާހަގަކުރައްވާ ޞަބީޙު ވިދާޅުވީ އޮޑިވެރިންގެ އުންމީދަކީ ހުޅަނގު މޫސުމުގައި އޮޑި ފަޅުގައި އަޅައި ގޭގައި ހަމަޖެހިލައިގެން ތިބުންކަމަށެވެ.

"މަނަދޫގެ ބަނދަރަކީ ހުޅަނގު މޫސުމުގައި ދޯނި ފަހަރު އެއްވެސް ގޮތަކަށް ބަނދަރުކޮށްފައި ބޭއްވޭނެ ގޮތަކަށް އޮތް ބަނދަރެއް ނޫން. ގަދަވާ ދުވަސްވަރު އޮޑިވެރިން މިތިބެނީ ހޭލާ ނުނިދާ" ޞަބީޙު ވިދާޅުވިއެވެ.

ޞަބީޙު ވިދާޅުވީ އެރަށަކީ އަތޮޅުގެ މުހިންމު ރަށަކަށްވާއިރު ބަނދަރު ރަނގަޅު ފެންވަރަށް ހެދުމަކީ ވަރަށް މުހިންމު ކަމެއްކަމަށެއެވެ. އަދި ރަށަށް އަރާފައިބާ ފަރާތްތަކުގެވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތައްތަން އޭނާ ފާހަގަކުރެއްވިއެވެ.

ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ ބޭރުތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި، ނެރު ފުރުންކުރުމުގެ މަސައްކަތެވެ. ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން އޮޑިވެރިންގެ ހޭލާ ތިބުން ނިމުމަކަށް، ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމަށް މަނަދޫ ކައުންސިލުން ވިދާޅުވެއެވެ

މަނަދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގައި މިހާރު ކަނޑާފައިވާ ނެރު ބައްދާ، ބަނދަރުގެ ހުޅަނގު ފަރާތަށް ނެރު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 29000 ކިއުބިކް މީޓަރު ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރު ސަރަޙައްދުގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. މީގެއިތުރުން ކޮންކްރީޓް ބްރިޖެއް އެޅުން، ބާޖާ ކޮޅުވެއްޓި ކައިރިކުރުމަށް ރޭމްޕް ހެދުން އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކައުންސިލުން ވިދާޅުވީ ބަނދަރުން ނަގާ ވެލި އަޅާ، ބަނދަރުގެ ހުޅަނގު ފަރާތު ފަޅުން ސަރަޙައްދެއް ހިއްކުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. މަނަދޫ ބަނދަރު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.