ޚަބަރު

ބޮޑުފޮޅުދޫ ބިން ހިއްކުން: ތިރީހަކަށް އަހަރަށްފަހު އަމިއްލަ ރަށުން ގޯތި ލިބުމުގެ އުއްމީދު


  • ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި

  • އެންމެފަހުން ބިން ދޫކޮށްފައިވަނީ 1990 ހިސާބުގައި

  • އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވާ 150 އަށްވުރެ ގިނަ މީހުން

  • ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކާނެ

  • އެމްޓީސީސީއާއި މަސައްކަތް ޙަވާލުކުރީ 1 އަހަރުގެ ތެރޭގައި ނިންމާގޮތަށް

އއ. ބޮޑުފޮޅުދޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ކުދި ރަށްތަކުން ރަށެކެވެ. 8.7 ހެކްޓަރުގެ ބޮޑުފޮޅުދޫގެ އާބާދީއަކީ 800 ވަރަކަށް މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީ މިއަށްވުރެ މަދެވެ.

އާބަދީ އިތުރުވެ، ރަށުގެ ބިން ވަނީ މުޅިންހެން ފުރިފައެވެ. ލޯކަލް ޓުއަރިޒަމަށްވެސް ވަންނަމުން އަންނަ އެރަށަށް މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީވެސް ބިމުގެ ދަތިކަމެވެ. މިއީ ރަށް އިތުރަށް ކުރިއަރައިގެން ދިއުމަށްވެސް އޮތް ހުރަހެކެވެ.

ބޮޑުފޮޅުދޫގެ ބިމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ނިންމަވާ، ސަރުކާރުން އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއާ ވަނީ ޙަވާލުކޮށްފައެވެ.

ބޮޑުފޮޅުދޫއަކީ ފަޅުވެސް ކުޑަރަށެކެވެ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު ޢާދަމް ވިދާޅުވީ، މި ޕްރޮޖެކްޓްގައި ރަށުގެ ފަޅުގައި ހިއްކެން އޮތް 8 ހެކްޓަރުގެ ސަރަޙައްދު މުޅިން ހިއްކާނެކަމަށެވެ.

ޝުޖާއު ވިދާޅުވީ، ބިން ނެތުމުގެ ސަބަބުން ބޯހިޔާވަހިކަމަށް އިންތިހާއަށް ދަތިވެ، އޭގެ އިޖްތިމާޢީ މައްސަލަތައްވެސް ރަށަށް ކުރިމަތިވަމުންދާކަމަށެވެ. އެރަށުން އެންމެ ފަހުން ބޯހިޔާވަހިކަމަށް ބިން ދޫކޮށްފައިވަނީ 1990 ހިސާބުގައިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބޮޑުފޮޅުދޫގެ ބިން ހިއްކެވުމަށް ނިންމުމަކީ، ރަށުގެ ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތްކަމުގައި ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް މި މައްސަލަ ވަރަށްބޮޑަށް ހުށައެޅިން. މިހާރު އަލިމަގެއް ފެނި، އަންނަ މަހުގެ ފަހުކޮޅު ރަށުގައި މަސައްކަތްތައް ފެށޭނެކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ކައުންސިލަށް މަޢުލޫމާތުދޭ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ޝުޖާއު ވިދާޅުވީ، ހިއްކާ ބިން ބޭނުންކުރާނީ އެ ބިމުގެ ބޭނުން ވީހާވެސް ގިނަ ރައްޔިތުންނަށް ހިފޭގޮތަށްކަމަށެވެ. އެގޮތުން ގޯތި އެޅުމަށް ބިން ދޫކުރުމުގެ އިތުރުން، ފްލެޓް ތަރައްޤީކޮށް ދޫކުރުމުގެ ވިސްނުންވެސް ގެންގުޅޭކަމަށެވެ.

ބޮޑުފޮޅުދޫގައި އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވާ 150 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

"100 ފޫޓު 50 ފޫޓު ގޯއްޗެއް އަޅުގަނޑު އޮތީ. 14 ކުދިން އެބަތިބި. ގޯތި ދެބަޔަށް ހަދާފަ އޮތީ. އަޅުގަނޑުގެ އެންމެ ކުއްޖެއްގެވެސް ނެތް ބޯހިޔާވަހިކޮށްލާނެ އަމިއްލަ ތަނެއް. ވަރަށް ހާލުގައި އުޅެނީ" ރަށުން ވާހަކަދެއްކި ދޮށީ އުމުރުގެ މީހަކު އޭނާގެ ގޭގެ ޙާލަތު ކިޔައިދިނެވެ.

ޒަވާޖީހަޔާތެއްފަށާ، ދަރިންނާއެކު އަމިއްލަ ދިރިއުޅުމެއް އުޅެވޭނެ އިންތިޒާރުގައި ތިބި އެތައް ބަޔަކު އެރަށުގައި އެބަތިއްބެވެ.

މީގެއިތުރުން ބިން ހިއްކުމުގެ މަޝްރޫޢުކީ ރަށަށް އިޤްތިޞާދީ ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫޢުއެއްގެ ގޮތުގައިވެސް ރަށުގެ ރައްޔިތުން ދެކެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު، އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ އިތުރު މަގުތަށް ކޮށިގެންދާނެއެވެ.

"މިރަށުގައި އިތުރު ވިޔަފާރިތައް ފެށި ރަނގަޅު އާމްދަނީއެއް ލިބޭ ރަށަކަށްވާން ބޭނުން. އޭރުން ހަމަޖެހިގެން ފުދުންތެރި ދިރިއުޅުމެއް އަމިއްލަ ރަށުގައި ދިރިއުޅެވޭނެ" ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓްއެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއާއެވެ. އެގޮތުން 8 ހެކްޓަރު ހިއްކާ، 1052 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކުރުމަށް ވަނީ ޙަވާލުކޮށްފައެވެ. 78 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެއްއަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.