ޚަބަރު

ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބޮޑެތި މަޝްރޫޢުތަކެއް ރައީސް ޢިއުލާންކުރައްވައިފި


ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ސިފައިންގެ އެންމެ މަތީވެރިޔާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢިއުލާންކުރައްވައިފިއެވެ.
ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، އެއްގަމާއި ކަނޑު މަގުން އަސްކަރިއްޔާގެ ޚިދުމަތް ފުޅާކޮށް ވަރުގަދަކުރުމަށް އިތުރު ވަޞީލަތާއި، ހަތިޔާރު ހޯދުމުގެ ބޮޑެތި މަޝްރޫޢުތައް ޢިއުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އަސްކަރިއްޔާ ތަރައްޤީކުރުމަށް ދެދާއިރާއަކުން ޚާއްސަ އިސްކަމެއް ދެއްވުމަށް ޤަސްދުކުރައްވާކަމަށެވެ. އެގޮތުން ސިފައިންގެ ކޯސްޓްކާޑާއި، ސިފައިންގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް ތަރައްޤީކުރުމަށް، އެ ދާއިރާތަކަށް އިތުރު ޢާލާތްތައް ހޯއްދެވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެ ދާއިރާއަކީ ވެސް، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ދެ ދާއިރާ. މަސްވެރި އުޅަނދުތައް ބޮޑެތިވެ، މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަ އިރު، ކޯސްޓް ގާޑްގެ ޚިދުމަތް ވެސް އެވަރަށް ފުޅާކުރަންޖެހޭނެ ކަމަށް ޤަބޫލުކުރެވޭ. މާލެ ސަރަޙައްދުގެ ޢިމާރާތްތައް އެ އަންނަނީ އުސްވަމުން ބޮޑެތިވަމުން. އެއް ޢިމާރާތެއްގައި ދިރިއުޅޭ މީހުންގެ ޢަދަދު ވެސް އަންނަނީ އިތުރުވަމުން. މިކަމަށް ރިޢާޔަތްކޮށް، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތް އިތުރަށް ތަރައްޤީކޮށް ޒަމާނީ ކުރުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާއި ގުޅިގެން ކޯސްޓްގާޑްގެ ޒިންމާ އެތައް ގުނައަކުން ބޮޑުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އަން މޭންޑް އޭރިއަލް ވެހިކަލް ހޯދުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖެ ހިމެނޭ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން އެކި ފަރާތްތަކުން ތަފާތު ކުށްތައް އެބަ ހިންގާ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހިންގަން ވެސް އެބަ މަސައްކަތް ކުރޭ. އެފަދަ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން، ނުވަތަ ރާއްޖޭގެ ސަރަހައްދަށް އެތެރެވާ ހިސާބުން ހުއްޓުވުމަށްޓަކައި ކޯސްޓްގާޑްގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ހަރުދަނާކުރުން މުހިންމު. ރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެއް. ރާއްޖޭގެ ސަރަޙައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ދިވެހި ކޯސްޓް ގާޑުން ވަނީ ބޭރުގެ 64 މަސްބޯޓެއް ހިފަހައްޓާފައި. ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގައި ދިވެހި ސިފައިން މިހާރުވެސް އަންނަނީ ވަރަށް ބުރަ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ނުރައްކާކަން ފާހަގަކުރައްވައި، އެކަމާއި ދެކޮޅަށް ދިވެހި އަސްކަރިއްޔާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އަދި ޤައުމުގެ މިނިވަންކަމާއި ދެކޮޅަށް އައި ކޮންމެ ހަމަލާއެއް ބޭރުން އައިކަމުގައިވީނަމަވެސް، އެކަމުގައި އެތެރޭގެ ބައިވެރިވުމެއް އޮތްކަން ފާހަގަކުރައްވާ ޤައުމުގައި ބައިބައިވުން އުފެދިދާނެ ހުރިހާކަމަކުން ސިފައިން ދުރުހެލިވެ ތިބުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ މިއަހަރުގެ ތެރޭގައި ސިފައިންގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރގެ ސެކިއުރިޓީ ހަރުދަނާކުރުމަށް އެންޓި-ޑްރޯން ސިސްޓަމް ހޯދުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވާފައެވެ. މީގެއިތުރުންވެސް އެމަނިކުފާނު ވަނީ ސިފައިންގެ އަސްކަރީ ޤާބިލުކަން ހަރުދަނާކުރެއްވުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެކި ހަތިޔާރު ގެންނަވާނެކަންވެސް ޢިއުލާންކުރައްވާފައެވެ.

"ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް މިހާރު ރޭވިފައިވާ އެއް ކަމަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ ޢަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެފަދަ ހަތަރު ސިމިއުލޭޓަރު ރާއްޖެ ގެނެސް ބޭނުންކުރަން ފެށޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ އަޅުވެތިކަމާއި ދެކޮޅަށް އެކާވީސްވަނަ ޤަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ ސަރަޙައްދީ އަދި ބައިނަލްއަޤުވާނީ ސުލްޙަކަމަށެވެ. ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ގޮތުން ބަދަހިކުރާ ގުޅުންތަކަކީ، ރާއްޖެއަށް އޮތް ނުރައްކާތައް ކުޑަކޮށް، މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް އެގުޅުންތައް ދެމެހެއްޓުމުގެ މުހިއްމުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި އެގުޅުންތައް ބަދަހިކުރުމުގައިވެސް ދިވެހި އަސްކަރިއްޔާއަކީ ޤާބިލު އަދި ޙުޝިޔާރު އަސްކަރިއްޔާއަކަށްވުމުގެ މުހިއްމުކަންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.