ޚަބަރު

ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް އެއްބައިވަންތަކަން އިސްކުރައްވާ: ނާއިބު ރައީސް


ރާއްޖެއަކީ ކުޑަ އަދި ވަޞީލަތްތައް މަދު ޤައުމެއްނަމަވެސް، ރާއްޖޭގެ ހަމަޖެހުމާއި ތަރައްޤީއަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، ސްޓެލްކޯގެ 26 ވަނަ އަހަރީދުވަސް ފާހަގަކުރުމަށްޓަކައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސްޓެލްކޯގެ 26 ވަނަ އަހަރީދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވަނީ ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތަކުގައި ކިތަންމެ ވަޞީލަތްތައް ގިނަ ނަމަވެސް އެ ޤައުމެއްގައި އެކުވެރިކަމާއި ޤައުމު ކުރިއެރިވުމުގެ ވިސްނުން ނެތްނަމަ އެ ޤައުމެއް ކުރިއަރައިގެން ނުދާނެކަން ފާހަގަކުރައްވާފައެވެ. އަދި ކިތަންމެ ޤައުމު ކުޑަނަމަވެސް އެކުވެރި މާހައުލެއްގައި ކުރިއެރުމަށް މަސައްކަތްކޮށްފިނަމަ ޤައުމުތައް ކުރިއަރާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގައިވެސް އެކި ދާއިރާތަކުން ހުރި ޚިޔާލުތަފާތުވުންތައް އެކަހެރިކުރެއްވުމަށްފަހު ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.

"ޤައުމަށް ލިބޭ ކޮންމެ ރަނގަޅު ކަމަކީ އެންމެނަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑުމެން އެންމެން އެބަޖެހޭ ޤައުމަށް އެންމެ ރަނގަޅުގޮތް ކުރިއަރުވާ މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންއެބަޖެހޭ. ބަދަލުވަމުންދާ މި ދުނިޔޭގައި ބަދަލުވަމުންދާ އެތައް ކަންތައްތަކެއް ފެނިއްޖެ. ތަޖުރިބާ ނުކުރާ އެތައް ކަމެއް ކުރިމަތިވެއްޖެ." ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

ރާއްޖެގެ ތަރައްޤީއަށް ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަލުވާލައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް މި ސަރުކަރުން ފޯރުކޮށްދެއްވާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން މި ދައުރުގެ ތެރޭގައި އެކި ރަށްރަށަށް ބޭނުންވާ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އިތުރު ޖަނަރޭޓަރު ސެޓްތަކާއި އައު އިންޖިނުގެތައް އެޅުމުގެ މަސައްކަތްތަކާއި ކަރަންޓާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި، ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ހާމަކުރައްވާފައެވެ. މިގޮތުން މާލެ ސަރަޙައްދާއި، މާލެ ކައިރީ ސަރަޙައްދުތަކަށް ބަލާއިރު ތިރީސް އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާޙައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވާކަމަށާއި، މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފަށް ޚާއްޞަ އެވޯޑެއް ޙަވާލުކޮށްދެއްވާފައެވެ. އަދި، މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރައްވާފައެވެ.

ސްޓެލްކޯގެ 26 ވަނަ އަހަރީދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކުންފުނީގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ހަވާލުކޮށްފައެވެ.