ޚަބަރު

"މޯލްޑިވްސް ފޯރ ދަ އޯޝަންސް"، މުޅި ރާއްޖެއިން 2325 ޓަނުގެ ކުނި


"މޯލްޑިވްސް ފޯރ ދަ އޯޝަންސް" ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯންގެ ތެރެއިން 2300 ޓަނަށްވުރެ ގިނަ ކުނި މުޅި ރާއްޖެއިން ނަގައިފިއެވެ. މިޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ޕާލޭ މޯލްޑިވްސްއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ ގުޅިގެންނެވެ. މިޙަރަކާތް ކުރިއަށްދިޔަ ވަގުތު ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއިންވަނީ މިޙަރަކާތުގެ ކަވަރޭޖް ގެނެސްދީފައެވެ.

ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށްގެންދިޔަ "މޯލްޑިވްސް ފޯރ ދަ އޯޝަންސް" ޓެލެތޯން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 6 އިން ފެށިގެން އިރުއޮއްސި 6 އާއި ހަމައަށެވެ. މިޓެލެތޯންގައި ރާއްޖޭގެ 275 ރަށަކާއި 76 ރިސޯޓަކުންވަނީ ބައިވެފައެވެ. އަދި 205 ސްކޫލަކުންވެސްވަނީ މިޙަރަކާތުގައި ބައިވެރިވެފައެވެ.

މުޅި ރާއްޖެ ސާފުކުރުމަށް ކުރިއަށްގެންދިޔަ މިޙަރަކާތުގައި 129 ބީޗް ސަރަޙައްދާއި ކަނޑުއަޑީގެ 52 ސަރަޙައްދެއްވަނީ ސާފުކޮށްފައެވެ. ސާފުކުރުމަށް ކުރިއަށްގެންދިޔަ މިޙަރަކާތުގައި 2325 ޓަނުގެ ކުނި މުޅި ރާއްޖެއިން ނަގާފައިވާ ކަމަށް ޕާލޭ މޯލްޑިވްސްއިން ބުނެއެވެ.

"މޯލްޑިވްސް ފޯ ދި އޯޝަންސް"ގައި، ތިމާވެއްޓާއި ކަނޑުފަޅު ޙިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް "އޯޝަން ޕްލެޖް"ގައި ސޮއިކުރުމަށް ހިންގި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްވަނީ ސޮއިކުރައްވާފައެވެ. ރައީސްޖުމްހޫރިއްޔާގެ އިތުރުން ބައެއް ވަޒީރުންވެސްވަނީ މިޕްލެޖްގައި ސޮއިކުރައްވާފައެވެ. ޕާލޭ މޯލްޑިވްސްއިން މަޢުލޫމާތު ދިން ގޮތުގައި މިޕްލެޖްގައި 16333 މީހަކުވަނީ ސޮއިކޮށްފައެވެ.

މާލޭގައި މިއަދު ކުރިއަށްދިޔަ މޯލްޑިވްސް ފޯ ދި އޯޝަންސް ޙަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. އެމަނިކުފާނުވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދިޔަ ސާފުކުރުމުގެ ޙަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖްގައިވެސް ނައިބު ރައީސްވަނީ ބައިވެރިވެވަޑައިގެން، "އޯޝަން ޕްލެޖް"ގައިވެސް ސޮއިކުރައްވާފައެވެ.

"މޯލްޑިވްސް ފޯ ދި އޯޝަންސް"ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ބާރުއެޅުން ކަމަށް ޕާލޭ މޯލްޑިވްސްއިން ބުނެއެވެ. ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރާއްޖެ ފަދަ ޤައުމަކަށް މި އިވެންޓުގެ ސަބަބުން، އެތައް ފައިދާއެއްކުރާނެ ކަމަށް ޕާލޭއިން ބުނެއެވެ. އެގޮތުން މީހުންގެ ވިސްނުމަށާއި، އުޅުމަށް ރަނގަޅު ބަދަލެއް އައުމުގެ ސަބަބުން ކުންޏާމެދު މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅޭ ބާރަކަށްވާނެ ކަމަށް ޕާލޭއިން ބުނެއެވެ.