ދުނިޔޭގެ ވިޔަފާރި

އިންޓެލްއިން ޕޮލެންޑުގައި 4.6 ބިލިއަން ޑޮލަރު އިންވެސްޓުކުރަނީ


ސްމާޓް ޗިޕް އުފައްދާ އެމެރިކާގެ ކުންފުންޏެއްކަމަށްވާ، އިންޓެލްއިން ޕޮލެންޑުގައި 4.6 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރަން ނިންމައިފިއެވެ.

އިންޓެލް އިން ޕޮލެންޑުގައި އިންވެސްޓުކުރަނީ ސެމީކޮންޑަކްޓަރ އުފައްދާ ކާރުހާނާއެއް އެޅުމަށް ކަމަށް ހަބަރުތައް ބުނެއެވެ. އަދި މިއީ ޔޫރަޕްގައި ޗިޕް އުފެއްދުން އިތުރުކުރުމަށް ބޮޑު ހޭދަކުއެއްކުރަން ނިންމާފައިވާ ނިންމުގެ ބައެއްގެ ގޮތުން ކުރާ އިންވެސްޓެއްކަމަށް ހަބަރުތައް ބުނެއެވެ.

އިންޓެލްއިން ނެރުނު ބަޔާނަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން މި ކާރުހާނާގެ ސަބަބުން ދެ ހާހަށްވުރެ ގިނަ ވަޒީފާ ޕޮލެންޑުގައި އުފެދޭނެއެވެ. އަދި ކާރުހާނާ އިމާރާތް ކުރަމުންދާ ދުވަސްވަރު އިތުރު ވަޒީފާތައްވެސް އުފެދޭނެއެވެ.
ކާރުހާނާ އެޅުމަށް ޔޫރަޕިއަން ކޮމިޝަންގެ ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އިންޓެލް އިން ޕޮލެންޑުގައި ވިޔަފާރިކުރާތާ 30 އަހަރުވެފައިވާއިރު، ކުންފުނީގެ 4000 މުވައްޒަފުން އެ ގައުމުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.

ޔޫރަޕް ސަރަހައްދުގައި ސްމާޓް ޗިޕް އުފައްދާ އެންމެ ބޮޑު ކުންފުންޏަށްވުމަށް އިތުރު ކާރުހާނާތައް ގާއިމުކުރުމަށް އިންޓެލްއިން އަންނަނީ ބިލިއަނުން ހޭދަކުރަމުންނެވެ.

އެގޮތުން ޕޮލެންޑުގެ އިތުރުން އެމެރިކާގެ އޮހަޔޯ ސްޓޭޓްގައިވެސް 100 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން ޗިޕް އުފައްދާ ކާރުހާނާއެއް ގާއިމުކުރުމަށް އިންޓެލް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.