ޚަބަރު

އީއައިއޭ ނުހަދާ މުރަކަ އާލާކުރުމުން ބަނީ ހޯންޑިންގްސް 20،000ރ އިން ޖޫރިމަނާ ކޮށްފި


ބ. ކުންފުނަދޫގައި އޮންނަ ސޮނޭވާފުށި ރިސޯޓުގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖަހައި މުރަކަ އާލާކުރުމުގެ މަސައްކަތްތައް އީއައިއޭ ނުހަދާ ކޮށްފައި ވާތީ، އެމަސައްކަތް ކުރި ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވީ ބަނީ ހޯލްޑިންގްސްއިން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް، ސޮނޭވާފުށީގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖަހައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަބަލާފައިވާކަމަށެވެ. މިގޮތުން ބެލިބެލުމުން ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހު އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ވަނީ މިދިޔަ ހޯމަ ދުވަހު އެ ކުންފުނި 20،000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައެވެ. އަދި ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށް ފަހު އެކަމާ ގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް އީޕީއޭއިން ވަނީ ބަނީ ހޯލްޑިންގްސްއަށް އަންގާފައެވެ.