ޚަބަރު

ބޮޑުޢީދަށް ފުރާއިރު މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރޭ: ފުލުހުން


ޢީދު ނުވަތަ ޗުއްޓީއަށް ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ކުރިން އަމިއްލަ މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ކޮންމެ އަހަރަކުވެސް ފުލުހުން ދަނީ އިލްތިމާސްކުރައްވަމުންނެވެ.

ޢީދު ޗުއްޓީއަކީ އަބަދުވެސް ގިނަބަޔަކު އެއްތަނުން އަނެއްތަނަށް ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރެވެ. މި ޗުއްޓީގައި ފުރައިގެން ދާއިރު ސަމާލުކަންދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ.

ޢީދު ބަންދަށް ރަށުން ބޭރަށްދާއިރު ސަމާލުކަންދޭންވީ ކަންތައްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްޞާކުރައްވަމުން ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުޢީން ވިދާޅުވީ، ޢީދު ބަނދަށް ރަށުން ބޭރަށްދާއިރު މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

އެގޮތުން ފުރުމުގެ ކުރިން ގޭގެ ކުޑަ ދޮރުތަކާއި ފެން ލައިޓްތައް ރަނގަޅަށް ލެއްޕިފައި ހުރިތޯ ޔަޤީންކުރުން މުހިންމުކަމަށް މުޢީން ވިދާޅުވިއެވެ. އަދި ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހަލާކުވެފައިވާނަމަ ތަޅު ބަދަލުކުރުމަށްފަހު ޗުއްޓީއަށް ފުރުން ބުއްދިވެރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޢީދަށް އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށް އާދަމް މުޢީން ވިދާޅުވީ ޢީދަކީ ގިނަ މޫދު ކުޅިވަރުތަކެއް އޮންނަ ދުވަސްވަރަކަށް ވުމުން މޫދަށް އެރުމުގައާއި ކުޑަކުދިން މޫދަށް ގެންދިޔުމުގައި ސަމާލުކަން ދިނުން މުހިންމު ކަމަށެއެވެ.

"ޚާއްޞަކޮށް ޢީދަކީ ގިނަ މޫދު ކުޅިވަރުތަކެއް އިންތިޒާމްކުރާ ދުވަސްކޮޅެއް. އެހެންކަމުން މޫދަށް އެރޭ ފަރާތްތަކުން ވަރަށް ބޮޑަށް އެބަޖެހޭ ސަމާލުކަން ދޭން. ޚާއްޞަކޮށް ކުޑަކުދިން ގޮވައިގެން މޫދަށް ދާނަމަ" އާދަމް މުޢީން ވިދާޅުވިއެވެ.

އާދަމް މުޢީން ވިދާޅުވީ، އަތޮޅުތަކުން އެހެން ރަށްތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން ރަށުން ބޭރަށް ދިޔުމުގެ ކުރިން ޕޮލިހުންގެ ނެއިބަރހުޑް ޕޮލިސް ޕޯޓަލްއިން މަޢުލޫމާތު ޙިއްޞާކޮށްފައި ދިޔުން މުހިންމު ކަމަށެވެ.

މިގޮތަށް މަޢުލޫމާތު ޙިއްޞާކޮށްފައި ދިޔުމުން ޕޮލިހުން ޕެޓްރޯލްކުރުމުގެ ތެރެއިން ގޭގެ ކަންކަން ގާތުން ބަލާނެކަމަށް މުޢީން ވިދާޅުވިއެވެ. އަދި މާލެއިން އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ޗުއްޓީއަށް ރަށުން ބޭރަށް ފުރުމުގެ ކުރިން ގޭގައި ފައިސާ ރައްކާކޮށްފައި ދިޔުމުގެ ބަދަލުގައި އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ދިއުންވެސް މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޗުއްޓީއަށް ފުރުމުގެ ކުރިން ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ޙާދިސާއަކަށް ވިސްނައި، ރައްކާތެރިވުމުގެ ގޮތުން ގޭސް ފުޅިން ގޭސް ލީކުވޭތޯ ޗެކް ކުރުމާއި، ނުވަތަ ގޭސް ފުޅީގެ ރެގިއުލޭޓަރ ނައްޓާލުން ބުއްދިވެރިއެވެ.

މީގެ އިތުރުން ގޭތެރޭގެ ކަރަންޓުގެ ޙާލަތު ބަލައި ކަށަވަރުކޮށް، ކަރަންޓުގެ ޝޯޓޭޖެއް ނުވަތަ އެނޫންވެސް ގޮތަކުން އަލިފާނުގެ ޙާދިސާއެއް ނުހިނގާނެ ގޮތަކަށް ގޭތެރޭގެ ކަންކަން އިންތިޒާމް ކުރުމަކީވެސް ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކުން ސަލާމަތްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެއެވެ.

ޗުއްޓީއައް ނުވަތަ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާނަމަ، މުދަލާއި، ހިނގާފާނެ ނުރައްކާތެރި ޙާދިސައަކުން ސަލާމަތްވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެކެއެވެ. މިގޮތަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހިންގާ ނުރައްކާތެރި ޙާދިސާތަށް ބޮޑުތަނުން މަދުވެގެން ދާނެއެވެ.