ޚަބަރު

ރިޔާސަތާއި ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ނެތުމުން ޖަލްސާ ނުބޭއްވުނު


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެ ވަޑައިގެންނެވުމަށް ޢުޒުރުވެރިވެ ވަޑައިގެންނެވުމުން ޖަލްސާ ބޭއްވެން ނެތްކަން އިއުލާނުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކުއެވެ. މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވިއިރުވެސް، ރިޔާސަތުގައި ބޭފުޅަކު ނެތުމުން މަޖިލީހުގެ މެމްބަރުންނަށް ޖަލްސާ ނެތްކަން އެންގެވީ މަޖިލީހުގެ ޢަމީން ޢާންމު ފާތިމަތު ނިޔުޝާއެވެ. އަމީން އާންމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 205 ވަނަ މާއްދާގެ (ބ) ގައި ބަޔާން ވެގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ނުވަތަ ހުށަހަޅާ ޤަރާރެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރައްވައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިއްޔެ ސިޓީއަކުން ދަންނަވާފައިވާނެކަމަށެވެ.

އެހެންނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ޤަރާރާއިމެދު ވަކި ގޮތެއް ކަނޑައަޅުއްވާ ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ޤަރާރު އެޖެންޑާކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެ ވަޑައިގަންނަވާކަން ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވާކަމަށެވެ.

މަޖިލީހުގެ ޢަމީން އާންމު ވިދާޅުވީ ރިޔާސަތު ބެލެހެއްޓުމާއި ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް މިވަގުތު ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށެވެ.

އީވާގެ މައްސަލަ މިހާތަނަށްވެސް އެޖެންޑާ ނުކުރެވި ވަނީ، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި، ޢާންމު ކޮމެޓީން ކަނޑައަޅަންޖެހޭ ވަގުތު ކަނޑައެޅިފައި ނެތުމުންނެވެ. މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމުގައި މިހާތަނަށްވެސް ދޭންޖެހޭ އެންމެ ބޮޑަކަށް ދޫދެއްވާފައިވާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީން ވަނީ ބުނެފައެވެ.