ޚަބަރު

ރައީސްގެ އަނބިކަނބަލުން ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، މުލީއާގޭގައެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ ދެޤައުމުގެ މެދުގައި އިޤުތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ގޮތުން އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖެއާ ސޭޝެލްސްގެ މެދުގައި އޮތްގުޅުން މިދަތުރުފުޅުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީން ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވާފައެވެ. މިގޮތުން ހޮސްޕިޓާލިޓީ ދާއިރާގައި އެކަމަނާ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައިވާއިރު ޚާއްޞަކޮށް ފަތުރުވެރިކަމުގެ ވިޔަފާރީގައި އަންހެނުން އިސްނަގައި ކުރިޔަށް ދިޔުމުގައި އެކަމަނާއަކީ ނަމޫނާ ބޭކަނބަލެއް ގޮތުގައި ބަލަންޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. އަދި ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަން ވަނީ ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި އެކަމަނާގެ ތަޖުރިބާތަކާއި، އަންހެނުންނަށް އޮތް ފުރުޞަތުތައްވެސް ޙިއްޞާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދައުލަތުގެ ފަރާތުން ކުޑަކުދިންނަށް ރައްކާތެރިކަންދީ ބެލެހެއްޓުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުދިންނަށް، މިހާރަށް ވުރެވެސް، ރައްކާތެރި، އެހީތެރި ވެއްޓެއް ލިބިދިނުމަށް އެ ތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ނެރުމުގައި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި، ޤަވާއިދުން ކުދިން ސްކޫލަށް ފޮނުވުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ނާޒުކު ޙާލަތްތަކުގައިވާ ކުޑަކުދިންނާއި މެދު ގެންގުޅެވޭ ތަފާތުކުރުންތަކުގެ ސަބަބުން ކުރާ ނުރަނގަޅު އަސަރުތަކާއި މެދު މުޖުތަމަޢު ހޭލުންތެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަން ގެ މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމާއި އަދި އިޖުތިމާޢީ ދާއިރާއިން ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢަށް ފައިދާތައްކުރޭނެ ކަމެއްކަން ފާހަގަކުރައްވާއެވެ. ދެބޭފުޅުންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ރައްޔިތުންނަށްވެސް، ފުރިހަމަ ޞިއްޙަތާއި އުފާވެރިކަމާއި ތަނަވަސްކަން ދެމިގެންދާނޭކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.