ޚަބަރު

މަގުމައްޗަށް ކުނި ނޭޅުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންޖެހޭ: ނައިބު ރައީސް


ތިމާވެށި ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، މަގުމައްޗަށް ކުނި ނޭޅުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ދުނިޔެ މަގޭ" މި ނަމުގައި ހުޅުމާލޭ ސާފުކުރުމަށް އެޗް.ޑީ.ސީން ހިންގާ ހަރަކާތް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

"ދުނިޔެ މަގޭ" މި ނަމުގައި ހުޅުމާލޭ ސާފުކުރުމަށް އެޗް.ޑީ.ސީއިން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތް ފަށްޓަވައިދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވިވާހަކަފުޅުގައި ދިވެހިންނަށް ލިބިފައިވާ ޤުދުރަތީ ހިތްގައިމުކަމާއި ރީތިކަމަކީ ބޮޑު ނަޞީބެއްކަމަށާއި، ދިވެހިންނަށް ލިބޭ ޤުދުރަތުގެ އެންމެ ބޮޑު ހަދިޔާއަކީ ރީތި ގޮނޑޮދޮށްތަކާއި، ފަޅުތަކާއި، މޫދުތައްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ތަރައްޤީއާއި ކުރިއެރުންތައް ހޯދެނީ މިކަންކަން ބޭރުން އަންނަ ފަރާތްތަކަށް ވިއްކާ، ޕްރޮމޯޓްކޮށްގެންކަމަށާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓަންޖެހޭ ކަންތައްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، ތިމާވެއްޓަށް ގެއްލުން ލިބިދާނެ ކުޑަނަމަވެސް ކަމެއްކުރުމުން ދުރުހެލިވާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިކަން ކުރެވޭނީ މުޅި މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިކަން ކުރެވޭނީ އަޅުގަނޑު ދަންނަވާނީ ޤައުމެއްގައި ހުރިހާ ރައްޔިތުން އެއްކޮށް މަސައްކަތްކޮށްގެން. ކުދިބޮޑު އެންމެހާ ފަރާތްތަކުން މިކަމުގައި ޝާމިލުވެގެން. އެއްވެސް މީހެއްގެ އިޙުމާލުން އެއްވެސް ތަނެއް ހަނޑިވުމަށް އެ ފުރުޞަތު ނުދީ މަސައްކަތްކޮށްގެން. އެއްވެސް ތަނަކަށް އެއްޗެއް އުކާނުލައިގެން" ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސިޓީއެއްގެ ޗާލުކަން ހަމައެކަނި ގެނެވޭނީ ރީތި ޢިމާރާތްތަކަކުން އެކަނި ނޫންކަމަށާއި، ތަޙުޒީބު ކޮންމެ މުޖުތަމަޢުއެއްގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކަމަށެވެ. ޚާއްސަކޮށް މަގުމަތީގެ ސާފުތާހިރުކަމަކީ އެންމެންގެ މޫނުމައްޗަށް އެންމެންގެ ލޮލަށް ރީތިކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޒުމަކަށް އަޅުގަނޑުމެން ކަނޑައަޅަންވީ އެއްވެސް މީހެއްގެ ފަރާތުން އެއްޗެއް މަގުމައްޗަށް އުކާނުލަންވީ. ޕްލާސްޓިކް ފުޅިއެއްވެސް އުކާނުލަންވީ. ކުނިކޮތަޅެއްވެސް އެއްލާނުލަންވީ. ފަހަރުގައި ތިމާއަށް އުނދަގޫ ނުވެދާނެ އެއްލާލީމަ ކޮތަޅު. އެކަމަކު ތިމާވެ އާޢިލާ މީހަކަށް އުނދަގޫވެދާނެ. ތިމާގެ ކުއްޖަކަށް އުނދަގޫވެދާނެ. އަވަށްޓެރިންނަށް އުނދަގޫވެދާނެ. ސައިކަލު ވަށިގަނޑަށްވެސް ނާޅަންވީ، ވަށިގަނޑު ހުރިތަނަކުން ހޯދައިގެން އަޅަންވީ. ފަހަރުގައި އަދި ހުރިހާ ތަނެއް އަދި ފުރިހަމައަށް މިން އަޅާފައި އަޅުގަނޑުމެންނަށް ވަށިގަނޑުތަކާއެއްޗެހި ނުބެހެއްޓިދާނެ. އެހެންނަމަވެސް އަޒުމު ކަނޑައަޅަންވީ އެކަހަލަ ނާތަހުޒީބު އެކަހަލަ ހަޑި ހުތުރު ޢަމަލެއް ހަމަ ނުހިންގުމަށް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ ވެށި ޙިމާޔަތްކޮށް ސާފުކޮށް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބޮޑެތިވަމުން އަންނަ ކުދިންނަށްވެސް މިކަމުގެ މުހިއްމުކަން އަންގައިދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ހުޅުމާލޭ ސާފުކުރުމަށް އެޗްޑީސީން ފެށި މި ހަރަކާތަކީ އެ ކޯރޕަރޭޝަނުން ދެމެހެއްޓެނިވި ތިމާވެއްޓަކަށް ވާޞިލުމުގެ މަޤްޞަދުގައި މިދިޔަ އަހަރު އިފްތިތާޙުކުރި "ދުނިޔެ މަގޭ" ކެމްޕޭންގެ ދަށުން މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

މި ހަރަކާތުގައި ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަޙައްދު 9 ޒޯނަކަށް ބަހާލައިގެން 34 ޓީމަކުން ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ގިނަ ޢަދަދެއްގެ ސްކޫލް ދަރިވަރުންނާއި، ސަރުކާރު މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 3000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ.