ޚަބަރު

ލ. އަތޮޅުގައި ޚިމާޔަތްކޮށްފައިވާ 6 ސަރަޙައްދު ބެލެހެއްޓުމަށް މެނޭޖްމަންޓް ޕްލޭނެއް ހަދަނީ


ތިމާވެށީގެ ޤާނޫނުގެ ދަށުން ލ. އަތޮޅުގައި ޚިމާޔަތް ކޮށްފައިވާ 6 ސަރަޙައްދެއް ބެލެހެއްޓުމަށް މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފިއެވެ.

އެންދެރި މަޝްރޫޢުގެ ދަށުން ކުރާ މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި ވޯޓަރ ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރީ މިކަމަށްޓަކައި ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް ކުރުމަށް އެކުންފުންޏާ ޙަވާލުކުރީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށެވެ. އަދި މި މަސައްކަތުގެ ތެރޭގައި މި ސަރަޙައްދުތައް ބޭނުންކުރާ ފަރާތްތަކާއެކު މަޝްވަރާތައް ބޭއްވުމާއި، މި ސަރަޙައްދުތައް ބޭނުން ކުރާގޮތާއި މިންވަރުގެ ޗާޓުތައް ތައްޔާރުކުރުން ހިމެނޭކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއަރ ކޮންވަޒޭޝަން އޮފިސަރ ލިސާމާ ސަބްރީ ވިދާޅުވީ، މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތަކީ ޚިމާޔަތްކުރެވިފައިވާ ސަރަޙައްދުގެ ދަރަޖަ ކަނޑައެޅުމަށްވުރެ ގިނަ ފަހަރަށް ފަހަތުގައި އޮންނަ މަސައްކަތެއްކަމަށެވެ. ނަމަވެސް ލާމުގެ މެނޭޖްމަންޓް ޕްލޭންތައް މިހާރު އޮތީ ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ތަންފީޒުކުރެވޭނެ މަރުހަލާގައިކަމަށް ލިސާމާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވަނީ ތިމާވެށީގެ ރޮނގުން ޚިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާމެދު އާންމުކޮށް ޤަބޫލުކުރެވޭ ބައެއް ކުންހީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ޚިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަކީ އެއްވެސް ބޭނުމެއް ނުވަތަ ތަރައްޤީއެއް ނެތި ދޫކޮށްލަން ޖެހޭ ސަރަޙައްދެއް ކަމަށާއި، ޙަޤީޤަތުގައި ވެސް އެފަދަ ސަރަޙައްދުތައް ބޭނުންކޮށް ތަރައްޤީ ކުރެވޭނީ ކަމާބެހޭ ގަވާއިދުތަކުގެ ތެރެއިން ކަމަށް ނައީމް ވިދާޅުވިއެވެ. އަދި މިފަދަ ދާއިރާތަކުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގައި ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ވީހާވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަންޖެހޭކަން ނައީމް ފާހަގަކުރެއްވިއެވެ.

ވޯޓަރ ސޮލިއުޝަންސްއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ޚިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ތަރައްޤީކުރުމުގެ 10 އަހަރުގެ އެކްޝަން-ޕްލޭން އެކުލަވާލާނެއެވެ. އަދި އެތަންތަން ތަރައްޤީ ކުރާނޭ ގޮތުގެ ކުރެހުމާއި، ތްރީޑީ ޑިޒައިން، ޒޯނޭޝަން މެޕްސް ތައްޔާރުކުރުންވެސް މީގެ ތެރޭގައި ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.