ޚަބަރު

މިދިޔަ މަހު ރިޕޯޓުކުރި ހުމާއި ރޯގާގެ ކޭސްތައް މަދު: އެޗްޕީއޭ


މިއަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު، މޭއި މަހު ހުމާއި ޢާއްމު ރޯގާގެ ގޮތުގައި ރިޕޯޓުކޮށްފައިވާ ބަލިތައް މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ މިދިޔަ މަހުގެ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތު ރިޕޯޓުގައިވަނީ ރާއްޖޭގައި ޑެންގީ ހުންޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އޭގެ ކުރީ އޭޕްރީލް މަހާއި އަޅާބަލާއިރު މަދުކަމަށެވެ. އެގޮތުން އޭޕްރީލް މަހު 320 މީހަކު ބަލިޖެހިގެން ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ޑެންޖީ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 263 މީހެކެވެ. ޢަދަދުތައް މަދުނަމަވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށް ފިޔަވަޅުއެޅުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.

މިދިޔަ މަހު އަރިދަފުސް ރޯގާޖެހިގެން 21327 މީހަކުވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ކުރީ މަހު 29970 މީހަކުވަނީ އަރިދަފުސް ރޯގަ ޖެހިގެން ރިޕޯޓުކޮށްފައެވެ. އެހެންކަމުން އޭޕްރީލް މަހާއި އަޅާ ބަލާއިރު، މޭއި މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ މޭއި މަހު އިންފްލުއެންޒާގެ ޢަލާމަތްތައް ހުރެގެން ޓެސްޓުކުރެވުނު މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ. އެގޮތުން 225 މީހަކު ޓެސްޓުކޮށް މީގެތެރެއިން 44 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އޭޕްރީލްމަހު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވަނީ 196 މީހެކެވެ. މީގެތެރެއިން ޕޮޒިޓިވްވެފައިވަނީ، 21 މީހެކެވެ. އަދި މިއާއެކު މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 839 ސާމްޕަލްގެ ތެރެއިން 119 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ބޭރަށް ހިނގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދުވެސް ވަނީ މޭއިމަހު މަދުވެފައެވެ. އެގޮތުން 2778 މީހަކު މެއި މަހު ރިޕޯޓުކުރި އިރު، އޭޕްރީލްމަހު މިބަލިޖެހިގެން 3044 މީހަކުވަނީ ރިޕޯޓުކޮށްފައެވެ.

ޖުމްލަގޮތެއްގައި ރާއްޖޭގައި ފެންނަ މޫސުމީ ހުމާއި ރޯގާގެ އެކި ބަލިތައް މޭއި މަހު ރިޕޯޓު ކުރި މިންވަރު ދަށަށް ދިޔަނަމަވެސް، ބަލިތަކުން ދުރުހެލިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަށް، އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ. އަދި ވައިރަހުގެ ޒަރިއްޔާއިންނާއި އެކި ޖަރާސީމުތަކުން ޖެހޭ މިފަދަ ޢާއްމު ބަލިތަކާއި ދުރުހެލިވުމަށް، ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެ އެޖެންސީއިން އިލްތިމާސްކުރައްވައެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރަމުންދާއިރު، މަދިރި އާލާވާގޮތަށް ފެން ހަރުލާފަ ހުންނަ ތަންތަން ނައްތާލުމަކީ ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.