ޚަބަރު

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް 116 ގެއަކަށް މާލީ އެހީ


މިދިޔަ ދެމަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 116 ގެއަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ހާމަކުރައްވައިފިއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވަނީ އައްޑޫސިޓީ ފޭދޫއަށް ކަމަށް އެ އޮތޯރިޓީއިން ވިދާޅުވެއެވެ.

އެން.ޑީ.އެމް.އޭއިން އަންނަނީ ވިއްސާރައާއި އެހެނިހެން ހާދިސާތަކާ ގުޅިގެންވެސް ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ވޭތުވެ ދިޔަ 2 މަސްދުވަހުގެ ތެރޭގައި ކާރިސާއިން ލިބޭ ގެއްލުން ބަޔާންކުރާ ފޯމް 11 ރަށަކުން 163 ފޯމް ލިބިފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ.

އޭގެތެރެއިން އައްޑޫ ސިޓީ ފޭދޫން 104 ފޯމް ހުށަހަޅާފައިވެއެވެ. ދެން އެންމެ ގިނައިން އެހީއަށް އެދިފައިވާ ފޯމް ހުށަހަޅާފައިވަނީ ހއ. ތުރާކުނުންނާއި ގދ. މަޑަވެލިންނެވެ. އެއިން ކޮންމެ ރަށަކުން 13 ފޯމް ލިބިފައިވާކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ.

އެން.ޑީ.އެމް.އޭއިން ހާމަކުރައްވާގޮތުގައި މި ދެމަހު ކާރިސާތަކުގައި އެހީ ދިނުމުގެ މިންގަނޑުގެ ދަށުން 6 ރަށެއްގެ 116 ގެއަކަށް އެހީގެ ގޮތުގައި 531370 ރުފިޔާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެހީގެ ގޮތުގައި ދޭ ފައިސާގެ ޢަދަދު:

* ގދ. މަޑަވެލި: 57،949 ރުފިޔާ
* އައްޑޫ ސިޓީ ހުޅުދޫ: 8460 ރުފިޔާ
* އައްޑޫ ސިޓީ ހިތަދޫ: 42،225 ރުފިޔާ
* އައްޑޫ ސިޓީ މީދު: 1044 ރުފިޔާ
* އައްޑޫ ސިޓީ ފޭދޫ: 402،102 ރުފިޔާ
* އައްޑޫ ސިޓީ: މަރަދޫ: 19،590 ރުފިޔާ

އެން.ޑީ.އެމް.އޭއިން ވިދާޅުވީ، އެހީގެ ގޮތުގައި ދިން ފައިސާގެ ތެރެއިން %61 އެހީ އަކީ ސްޓްރަކްޗަރަލް ގެއްލުންތައް ނުވަތަ ޢިމާރާތައް ލިބޭ ގެއްލުންތަކަށް ދިން އެހީކަމަށެވެ. އަދި %39 އަކީ ގޭގައި ގެންގުޅޭ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ދިން އެހީއެވެ.