ޚަބަރު

ހިޝާމް އަވަހާރަކޮށްލާފައިވަނީ ހަމާސްގެ އެހީއާއެކު - މިސްރު


މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރ ހިޝާމް ބަރަކާތު އަވަހަރާކޮށްލުމުގެ ފަހަތުގައިވަނީ އެގައުމުގައި ކުރިން ވެރިކަންކުރި އިޚްވާނުލްމުސްލިމޫން ޖަމާއަތާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތް ކަމަށް މިސްރުން ތުހުމަތުކޮށްފިއެވެ. މިސްރުގެ ދާޚިލީ ވަޒީރު މަޖްދީ އަބްދުލްޣައްފާރު ވިދާޅުވީ ހިޝާމް ބަރަކާތުގެ މަރާގުޅިގެން މިހާތަނަށް ލިބިފައިވާ ހެކިތަކަށްބަލާއިރު އެޖަރީމާ ހިންގާފައިވަނީ ޙަމާސް ޖަމާއަތުގެ އެހީތެރިކަމާއެކު އިޚްވާނުލްމުސްލިމޫން ޖަމާއަތުންކަން ހާމަވާކަމަށެވެ.

 މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރ ހިޝާމް ބަރަކާތު އަވަހާރަކޮށްލާފައިވަނީ ގާހިރާގައި އޭނާ ދަތުރުކުރެއްވި މޮޓޯކޭޑަށް ދިން ކާރުބޮމުގެ ޙަމަލާއެއްގައި މިދިޔަ އަހަރުގެ ޖޫންމަހެވެ. މިއީ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އިސްކޮށް ހުންނަވައިގެން ދެހާސް ތޭރަވަނައަހަރު ގެންނެވި އަސްކަރީ އިންގިލާބުގައި މިސްރުގެ އޭރުގެ ރައީސް ޑރ. މުހައްމަދު މުރުސީ ގެ ވެރިކަން ވައްޓާލުމަށްފަހު އަވަހާރަކޮށްލެވުނު މިސްރުގެ އެންމެ އިސް މަސްއޫލުވެރިޔާއެވެ. އަސްކަރީ އިންގިލާބެއްގައި ރައީސް މުރުސީގެ ވެރިކަން ވައްޓާލައި މުރުސީ ހައްޔަރުކުރުމާގުޅިގެން މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހުއްޓުމެއް އައިސްފައިނުވާއިރު މިހަމަނުޖެހުންތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު މިސްރުގެ މަސްއޫލުވެރިން ކުރައްވަނީވެސް އިޚްވާން ޖަމާއަތުގެ މައްޗަށެވެ. ގާހިރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސްރުގެ ދާޚިލީ ވަޒީރު މަޖްދީ އަބްދުލްޣައްފާރު ވިދާޅުވީ މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުން ހައްޔަރުކުރި އިޚްވާން ޖަމާއަތުގެ ސާޅީސް އަށްމީހުންގެ ތެރެއިން ސާދަ މީހުން، ހިޝާމް ބަރަކާތު އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވާ ކަމަށާ އެމީހުން އެކަމަށް އެއްބަސްވެ އިޢްތިރާފް ވެފައިވާކަމަށެވެ. 

"މި އޮޕަރޭޝަނާ އަދި އެނޫންވެސް އޮޕަރޭޝަންތަކާ ގުޅުންހުރި ހުރިހާ މީހުން، އަހަރެމެން ހައްޔަރުކުރިން، ޝަހީދު ހިޝާމް ބަރަކާތު އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވަނީ ސާދަމީހުން، ހައްޔަރުކުރި މީހުންގެ އަދަދަކީ ސާޅީސް އަށެއް."މަޖްދީ ވިދާޅުވިއެވެ

މިސްރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ހިޝާމް ބަރަކާތު އަވަހާރަކޮށްލުމުގެ ޖަރީމާއަކީ ވަރަށް ކުރީއްސުރެ ރާވައިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށާ އެ އޮޕަރޭޝަން ހިންގާފައިވަނީ ތުރުކީވިލާތުގައި ދިރިއުޅޭ އިޚްވާން ޖަމާއަތުގެ ލީޑަރުން އަންގާގޮތެއްގެ މަތިން އެމީހުންގެ އިރުޝާދުގެ ދަށުންކަމަށެވެ. އަދި މިކަން ފެށިގެން ނިމެންދެން ޙަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ބޭފުޅުންނާ ވިލަރެސް ކޮށްފައިވާކަމަށްވެސް މިސްރުގެ ދާޚިލީ ވަޒީރު ތުހުމަތުކުރެއްވިއެވެ. ނަމަވެސް މިތުހުމަތުތައް ސާބިތު ކޮށްދެވޭފަދަ ހެކިތަކެއް، ގާހިރާގައި ބޭއްވި ނޫސް ކޮންފަރެންސްގައި، މިސްރުގެ ދާޚިލީ ވަޒީރު ދައްކަވާފައިނުވާކަމަށް މުރާސިލުން ބުނެއެވެ. އަނެއްކޮޅުން އިޚްވާން ޖަމާއަތާ އަދި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޙަމާސް ޖަމާއަތުންވެސް މިސްރުގެ މިތުހުމަތުތަކަށް ވަނީ އިންކާރު ކޮށްފައެވެ. އިޚްވާން ޖަމާއަތުން ނެރުނު ބަޔާނެއްގައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ގެންނެވި އަސްކަރީ އިންގިލާބާދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން މިސްރުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އެތަށް ހާސްބަޔަކަށް އަނިޔާކޮށް އޭގެ ތެރެއިން ބައެއްމީހުން މަރާލިކަމުގެ ތުހުމަތު މިސްރުގެ މަސްއޫލުވެރިންގެ މައްޗަށް ކޮށްފައިވެއެވެ. ހަމާސްގެ ތަރްޖަމާން ސާމީ އަބޫޒުހްރީ ވިދާޅުވީ މިސްރު ސަރުކާރުގެ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައިނުވާ ތުހުމަތުތަކެއްކަމަށެވެ. އަދި މިސްރުގެ ދާޚިލީ މައްސަލަތަކާއި ޙަމާސް ޖަމާއަތާ ގުޅުވުމަށް މިސްރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް، ހަމާސް ޖަމާއަތް، ދެކޮޅު ހަދާ ކަމަށްވެސް، ސާމީ އަބޫޒުހްރީ ވިދާޅުވިއެވެ.