ދުނިޔެ

ބަންކީމޫން އަލްޖަޒާއިރަށް ވަޑައިގެންފި


އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން، ރަސްމީ ދަތުރުފުޅެއްގައި އަލްޖަޒާއިރަށް ވަޑައިގެންފިއެވެ. މިއީ ވެސްޓާން ސަހަރާގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުންނާ އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އަލްޖަޒާއިރުގެ އެއްބާރުލުން ހޯދުމާބެހޭގޮތުން އެގައުމުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ބަންކީ މޫން ކުރައްވާ ދަތުރުފުޅެއް ކަމަށް ޚަބަރު ލިބެއެވެ. މިދަތުރުފުޅުގައި ބަންކީމޫން މިހާރުވަނީ އަލްޖަޒާއިރުގެ ޚާރިޖީ ވަޒީރު ރަމަޟާން އަލްއަމާމިރާ އާ ބައްދަލުކުރައްވާފައެވެ. ދެބޭފުޅުންގެ މަޝްވަރާ ކުރެއްވި މައްސަލަތަކުގެ ތެރޭގައި ވެސްޓަން ސަހަރާގެ މައްސަލައާއި ޓެރަރިޒަމްގެ މައްސަލަތަކުގެ އިތުރުން އަލްޖަޒާއިރުގެ އަވަށްޓެރި ލީބިޔާގެ މައްސަލަވެސް ހިމެނެއެވެ. މިގޮތުން ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ސުލްޙަވެރި ގޮތުގައި ޙައްލު ކުރުމަށްޓަކައި އެގައުމުގައި އެކުލަވާލާފައިވާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަށް އެއްބާރުލުންދީ އެސަރުކާރު ދެމެހެއްޓޭނެ ގޮތްތަކާބެހޭގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޚަބަރުލިބެއެވެ.