ޚަބަރު

ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކަކީ ރިސޯޓްތައް ހަދަން އެޅޭ ބާރެއް: މަޢުޞޫމް


ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކަކީ ރަށްފުށުގެ ފަތުރުވެރިކަން ފުޅާކޮށް، ނުހެދި ހުރި ރިސޯޓްތައް ހެދުމަށްވެސް ލިބޭ ބާރެއްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ، އަސާސީ ޚިދުމަތްތައް ނެތިގެން ރަށްފުށުގެ ފަތުރުވެރިކަން ތަރައްޤީނުވެ އޮތްއޮތުން ނިމުމަކަށް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކަމަށެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތަކީ ޓޫރިޒަމްގެ ފައިދާއާއި ނަފާ ވީއެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުން ލިއްބައިދިނުންކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލު ކުރަހަމުންދަނީ އެ މަގަށް ކަންކަން ބައްޓަންކުރެވޭނެހެންކަމަށެވެ. އެގޮތުން ޓޫރިޒަމްގެ 5 ވަނަ މާސްޓަރ ޕްލޭން މިހާރު އެކުލަވާލާ އިފްތިތާޙްކުރައްވާފައިވާއިރު، މި ޕްލޭނުގައި ސަރުކާރުން ޓޫރިޒަމް ފަހިކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑު އިސްކަމެއްދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ސިނާޢަތްކަމަށްވުމުން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ޓޫރިޒަމް ދާއިރާގެ މަގު ޗާޓުގައި ދަޢުލަތަށް އެކަށީގެންވާ ވަރަށް ޢާމްދަނީ ހޯދުމާއި، ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދިނުމަށް ބޭނުންވާނެ މުހިއްމު ކަންކަން ހިމަނާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މުޅި ޕްލޭންގެވެސް އެންމެ މައިގަނޑު ލަނޑުދަނޑިއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރެއިން ދެމެހެއްޓެނިވިގޮތުން އެންމެ ލީޑް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ހެދުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، 1980ގެ ކުރީކޮޅުން ފެށިގެން ޓޫރިޒަމްގެ މާސްޓަރ ޕްލޭންތައް ހަދައިގެން އައި އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިދެކޭ ކުރިއެރުމާއި ތަރައްޤީ ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި ކަމެއްކަމަށެވެ. އަދި މީގެ ކުރީގެ މާސްޓަރ ޕްލޭންތަކުގައި ހުރި މިސްރާބުތަކުގެ ތެރެއިންވެސް އެންމެ މުހިއްމު އެއް މިސްރާބަކީ ދިވެހިރާއްޖެއަކީ މުއްސަނދި ޓޫރިޒަމެއް އޮންނަ ޤައުމަކަށް ހެދުންކަމަށާއި، އެ މިސްރާބު 5 ވަނަ މާސްޓަރ ޕްލޭންގައިވެސް ހިމަނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގޮތަށް އަލްޓްރާ ލަގްޒަރީ ރިސޯޓް ކުރިއަށްގެންދިއުން އެއީ މަދު ޓޫރިސްޓުން އަޔަސްވެސް ވަރަށް ބޮޑު ޢާމްދަނީއެއް ވަރަށް ބޮޑު މަންފާތަކެއް ލިބޭގޮތަށް. އެ މިސްރާބު މި މާސްޓަރ ޕްލޭންގައިވެސް އެބައޮތް. އަޅުގަނޑުމެންނަށް މިދިޔަ 50 އަހަރު ދަސްވި ކަމަކީ އެއީ، ޓޫރިޒަމްގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަކީ ކާމިޔާބު މޮޑެލްއެކޭ. އެކަންތައް ފައިންޓިއުންކޮށް ކުރިއަށްގެންދަންވީއޭ. އެހެންވީމަ ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގެ އެންމެ ވިދާ، އަލްޓްރާ ލަގްޒަރީ މަންޒިލްގެގޮތުގައި ބޭއްވުން އެއީ އެއް އަމާޒު" މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަަރ ވިދާޅުވީ، ފަތުރުވެރިކަމަކީ ދަތުރުފަތުރާއި، ޞިއްޙީ ޙިދުމަތްތަކާއި، ދެންވެސް ހުރި އެހެނިިހެން އަސާސީ ޚިދުމަތްތަކާވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ސިނާޢަތެއްކަމަށެވެ. އަދި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކޮށް، ރަށްފުށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މިހާތަނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ޤާއިމުވެފައިނެތުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި ސަރުކާރުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި ދެކިގެން ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ހިންގަވަމުންދާކަމަށާއި، މި މަޝްރޫޢުތަކުގެ ހެޔޮބަދަލު ފަތުރުވެރިކަމުގެ ދާއިރާއިންވެސް ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ހުއްޓިފައިހުރި ރިސޯޓްތަކާއި ޓޫރިސްޓް ފެސިލިޓީތަކުގެ މަސައްކަތްތައް އަލުން ފަށައިގަތުމަށްވެސް ލިބޭ ބޮޑު ބާރެއްކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

"މި ހުރިހާ އެއްޗެއް ގުޅުވާލީމަ މި ޓޫރިޒަމް ފަހިވަނީ. އެހެންވީމަ ދެން އެއްކަލަ ނުހެދިހުރި ރަށްތައްވެސް މީހުން ހަދަން މިފަށަނީ. އަޅުގަނޑުމެންނަށް އެނގޭ އެންމެ ބޮޑުކަމަކީ އަޅުގަނޑުމެން ހއ އިން ތިލަދުންމަތިން އެންމެފަހުން ބިޑަށް ލީ ރަށްތައް، އެތަނުގައި ހަނިމާދޫ އެއަރޕޯޓް ހަދަން އުޅުމާގުޅިގެން އެތަނާއި އެންމެ ވިޔަފާރި ފައިދާއެއް އެންމެ ރަނގަޅަށް އޮތްތަން ވަރަށް ރަނގަޅު އަގެއްގައި ބަޔަކު ނަގައިފި. އެހެންވީމަ މިހުރިހާ ކަމެއް ހަމަޖެހިގެން، ފަހިވެގެން އަންނައިރު ނުހެދި ހުރި ތަންތަން ހެދުމަށްވެސް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ. އެތަން ފެންނަމުންވެސް އެބަދޭ" މިނިސްޓަރ ވިދާޅުވިއެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން އެކުލަވާލާ އިފްތިތާޙްކޮށްފައިވަނީ 25 މެއި 2023 ގައެވެ. މި ޕްލޭނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި 2023 ވަނަ އަހަރުން 2027 ވަނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނެކެވެ. މި މާސްޓަރ ޕްލޭނަށް އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީގެ ހިލޭ އެހީގެ ދަށުންނެވެ.

މި ޓޫރިޒަމް މާސްޓަރ ޕްލޭންގައި މި ދާއިރާއިން ޙާޞިލުކުރަން ބޭނުންވާ މުހިއްމު 15 އަމާޒެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އައު އުފެއްދުންތައް ތަޢާރަފްކުރުމާއި، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފަތުރުވެރިކަމުގެ ސަބަބުން ލިބޭ މަންފާ އިތުރުކުރުން ހިމެނެއެވެ. އަދި ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި ކުރިއަރަމުން އަންނަ ޓެކޮނޮލޮޖީއާއި، އިއާދަކުރަނިވި ހަކަތައާ ގުޅޭ އަމާޒުތަކެއްވެސް މި މާސްޓަރ ޕްލޭންގައިވެއެވެ.