ޚަބަރު

4 ރަށެއްގައި ސޯލާ ހަކަތައިން އައިސް އުފައްދާ ޕްލާންޓްތަކެއް ޤާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކަށް


އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ނ. ލަންދޫ، ތ. ބުރުނީ، ތ. މަޑިފުށި އަދި ތ. ވިލުފުށީގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ބަޔަކާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާގެ "އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް" އާއެވެ. މިއީ ރާއްޖެއިން އިޢުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ހިންގޭ މަޝްރޫޢެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ނ. ލަންދޫ، ތ. މަޑިފުށި އަދ ތ. ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 15 ޓަނުގެ އައިސްޕްލާންޓް، 30 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރާނެއެވެ. އަދި ތ. ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓް، 15 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރާނެއެވެ.

މި 4 ރަށުގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ޗައިނާގެ އިންސްޓެކްއާއި ޙަވާލުކޮށްފައިވަނީ 240 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 1.7 މިލިއަން ޑޮލަރު ނުވަތަ 27 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި އައިސްޕްލާންޓް ޤާއިމުކުރާ 04 ރަށުގެ ކައުންސިލް މެމްބަރުންނާއި އަދި ތ. އަތޮޅު ކައުންސިލުގެ ރައީސް ބައިވެވަޑައިގެންނެވިއެވެ.