ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ އިތުރުވެ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ބިރު


ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ނުރައްކާތެރި ހިތުގެ ބަލިތަކާއި، ސްޓްރޯކާއި ކެންސަރުގެ އިތުރުން ނޭވާލާ ނިޒާމުގެ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބުކަމަށެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. މިފަދަ ބަލިތަކުގައި މަރުވާ މީހުންގެ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ. މިކަމަށް މަގުފަހިކުރުވާ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް ކަންބޮޑުވުންތަކާއި، ކަމުގެ ނުރައްކާ އޮތް މިންވަރާއި އަޅާބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވާ ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކުރުމަށް، އަދި ޢާއްމުން ހޭލުންތެރިކުރުމަށްވެސް ކުރެވޭ މަސައްކަތް ފެންނަނީ ކުޑަކަމަށެވެ. ކަން މިހެން އޮތްއިރު، އެޗްޕީއޭއީން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކުން ފެންނަނީ ކަންބޮޑުވުންތައް އިތުރުވާ މަންޒަރެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެކެވެ.

ރާއްޖޭގައި ޢުމުރުން 15 އަހަރާއި 65 އަހަރާއި ދެމެދުގެ އެކި ޢުމުރުފުރާގެ މީހުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ނުރައްކާ މިންވަރަކަށް އިތުރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ޢުމުރުން 15 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންގެތެރެއިން 20.1 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. އަދި ޢުމުރުން 30 އަހަރާއި 44 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 29 އިންސައްތަ މީހުން އަދި ޢުމުރުން 45 އަހަރާއި 65 އަހަރާއި ދެމެދުގެ ޢުމުރުފުރައިގެ ތެރޭގައި 23.4 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އާބާދީގައި ޢުމުރުން 13 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ބަލާއިރު 45.7 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން މިޢުމުރުގެ ކުދިންގެ ތެރެއިން 48 އިންސައްތަ ފިރިހެން ކުދިން އަދި 43.2 އިންސައްތަ އަންހެން ކުދިން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. މިއުމުރުގެ ކުދިންގެ ތެރެއިން 3.1 އިންސައްތަ ކުދިން ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުންކުރާއިރު، އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރާ ކުދިންގެ ނިސްބަތް ހުރީ 17.1 އިންސައްތައިގައެވެ.

ކުޑައިރު ދުންފަތަށް ދެވިހިފައި، ޒުވާން ޖީލު މަރުގެ ތުންފަން މައްޗަށް

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ކެންސަރު ފަދަ ބަލިތަކުގެ އިތުރުންވެސް ނުރައްކާތެރި ޙާލަތަކަށް މީހާ ހުށައެޅިގެންދާކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ނޭވާލާން ބޭނުންކުރާ ފަށަލަ ހަލާކުވޭ. އޭގެ ސަބަބުން ޢުމުރުގެ ވަކި ހިސާބަކުން ނޭވާލުމަށް އޮކްސިޖަން ބޭނުންކުރަން ޖެހިދާނެ. އަދި ކަރބަންޑައިއޮކްސައިޑް ބޭރުނުކުރެވޭތީ، އެހެން މެޝިނެއްގެ އެހީގައި ޖެހިދާނެ، ކަރބަންޑިއޮކްސައިޑް ބޭރުކުރަން. މިއީ އަދި ކެންސަރާއި ހިސާބަށް ނުގޮސް ދިމާވާ ކަންކަން." ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ހަގު އާބާދީ ދުންފަތަށް ހުށައެޅިފައިވާއިރު، ޒުވާނުންގެ ތެރޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އަންނަނީ އިތުރުވަމުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހާއާއި، ދުންފަތުގެ އިސްތިއުމާލުކުރާއިރު ވަށައިގެން ތިބޭ މީހުންނަށްވެސް އޭގެ ދުމުގެ ސަބަބުން ބަލި ޖެހޭކަމަށް ދިރާސާތަކާއި، ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވަމުންދާއިރު، އެފަދަ ނުރައްކަލަކުން ސަލާމަތްވެ ދުރުހެލިވުމަށް ފަރުދީގޮތުންވެސް ކުރެވޭ މަސައްކަތް ކުޑައެވެ.

ޝީޝާއާއި ގުޑުގުޑާއާއި ވޭޕް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރުން ޒަމާނީ ވެއްޖެއެވެ. އެހެންނަމަވެސް އެއީ ކޫލްކަމެއް ނޫނެވެ. ކުޑައިރު ފެށިގެން ދެވިހިފިކަމަކުން، ޒުވާން ޢުމުރުގައި ތިމާއަކީ، އަނެކުންގެ މައްޗަށް އޮތް ބުރައެއްކަމުގައި ވުމުގެ މަގު އަމިއްލައަށް ޚިޔާރުކުރަނީއެވެ. ޤައުމު ބިނާކުރުމަށް ތިމާގެ ބޭނުންޖެހޭ ދުވަހު، ބަލި މީހެއްގެ ގޮތުގައި މަރާ ހަނގުރާމަކުރުމުގެ މަގު ޚިޔާރު ކުރަނީ އަމިއްލައަށެވެ. ތިމާއާއި، ތިމާގެ ޤައުމާއި، ތިމާގެ ޢާއިލާއާއި، ލޯބިވާ މީހުންނަށްޓަކައިނަމަވެސް، ދުންފަތާއި ދުރުހެލިވާން އެބަޖެހެއެވެ.