ތަރައްްޤީ

ހޮޅުދޫ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


ނ. ހޮޅުދޫ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއެވެ.

ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބު އަޙްމަދު ފާތިޙާއި، ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން ހޮޅުދޫ ކައުންސިލުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު ވިދާޅުވީ، ސަރުކާރު ކުންފުނިތަކާއި ޙަވާލުކޮށްގެން ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން މަސައްކަތަށް ނެގޭ ފަރާތްތަކަކީ އެ ރަށަކުން ނުވަތަ އެ ސަރަޙައްދަކުން މަސައްކަތަށް ނެގޭ ފަރާތްތަކަކަށް ހެދުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ.

އެގޮތުން ހޮޅުދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 21 މުވައްޒަފަކަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުޞަތު ފަހިވެފައިވާކަމަށާއި، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާވަރަކުން މި ޢަދަދު އިތުރުވަމުންދާނެކަމަށް މޫސާ ޢަލީ މަނިކު ވިދާޅުވިއެވެ.

މިފަދަ ފުރުޞަތުތަކަކީ، އެ ރަށްރަށުގެ ޒުވާނުންނަށާއި އެމީހުންގެ އާއިލާތަކަށްވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށާއި، މިފަދަ މަސައްކަތްތަކަށް ބިދޭސީންގެ ބަދަލުގައި ދިވެހިން ނެގުމަކީ، އިޤްތިޞާދީގޮތުންވެސް އެރަށްރަށަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށް މޫސާ ޢަލީ މަނިކު ވިދާޅުވިއެވެ. އަދި ސަރުކާރުން ދެކެން ބޭނުންވާ މަންޒަރަކީ ރައްޔިތުން ފުދުންތެރިކޮށް ދިނުމާއެކު ހަމަޖެހުން ގެނެސްދީ، ތަރައްޤީގެ އުސްމިންތަކަށް ވާޞިލުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މަގުތައް އަޑިގުޑަންވުމާއި ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހޮޅުދޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެރަށް ދިމާވެފައިވާ މި މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މީގެ ތެރޭގައި ރަށުގެ މުހިންމު މުއައްސަސާތައް ހުރި މަގުތަކާއި، އާއްމުން ގިނައިން ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާ މަގުތައް ހިމަނާފައިވެއެވެ. ހަމައެހެންމެ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

ހޮޅުދޫ މަގުހެދުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 71 މިލިއަން ރުފިޔާ ޚަރަދުވާއިރު، މި މަޝްރޫޢުގެ ނިންމުމަށް އާރް.ޑީ.ސީއަށް ދީފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.