ޚަބަރު

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑު އުޅަނދު އުފެއްދުން އިތުރުކުރަންޖެހޭ: ޖަނާޙް


ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމުގައި ރާއްޖެއަށް މިވަގުތު އެންމެ މުހިއްމު އެއްކަމަކީ، ކަނޑު އުޅަނދު އުފެއްދުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުންކަމުގައި، ހޮޓެލްސް އެންޑް ރިސޯޓްސް، އެޗްއާރުސީގެ ޗެއަމަން މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވެއްޖެއެވެ.

ޖަނާހް މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ، ކަނޑު އުޅަނދު ތަރައްޤީކުރުމާއި ގުޅޭގޮތުން، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސްއާއި ބަޙްރައިންގެ އަލް-ދާއިން ބޯޓްސްއާއި ދެމެދު އެއްބަސްވުން ޤާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަތުރުކަމުގެ ސިނާޢަތުގައި އިންވެސްޓްކުރައްވާފައިވާ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސްގެ ޗެއަރމަން މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާކަމަށާއި ނަމަވެސް ގުދުރަތީ ގޮތުން މިދާއިރާއަށް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ކަނޑު އުޅަނދު ނުއުފެއްދޭކަމަށެވެ.

އެހެންކަމުން އެކަން ކުރުމަށް ބަޙްރައިންގެ އަލް-ދާއިން ބޯޓްސްއާއި ދެމެދު ޤާއިމުކުރެވުނު އެއްބަސްވުމަކީ ރާއްޖެއަށް، ލިބިގެންދާ ބޮޑު އިންވެސްޓްމަންޓެއްކަމަށްވެސް ޖަނާހް ވިދާޅުވިއެވެ. މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޯޓް ބިލްޑިންގ ފެކްޓްރީއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ޖަނާޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފީޒިބިލިޓީ ސްޓަޑީއެއް ހެދިން. ރާއްޖެއަށް ބޭނުންވާ މިންވަރާ ގާތަށްވެސް އުޅަނދުތައް ތަރައްޤީނުކުރެވޭ. މިހާރު ޕްލޭން ކުރެވިފައިވާގޮތުން، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ފެކްޓްރީގެ މަސައްކަތް ފެށޭނެ، އަދި ދާއިންގެ ފަރާތުން ބޭނުންވޭ މަސައްކަތް ފަށާތާ، 2 އަހަރު ވުމުގެ ކުރިން، އެންމެ ފުރިހަމަގޮތުގައި ހިނގާ ފެކްޓްރީއެއް ރާއްޖޭގައި ހުންނަން." ޖަނާހް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ކަނޑުދަތުރުފަތުރުގެ ދާއިރާގެ ކަންކަން ކުރިއެރުވުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދެއްވާފައެވެ. އެވޯޑް ލިބުނު ބޭފުޅުންގެ ތެރޭގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު، އަރބަންކޯ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް، އެލައިޑް އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަފާޒް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޒަހާ ވަޙީދު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

އަލްދާއީންއަކީ، ބަޙްރައިންގެ ސޮވްރިންގ ވެލްތު ފަންޑު މުމްތަލަކްތުން އިންވެސްޓްކޮށްފައިވާ މަޝްހޫރު ބޯޓް ބިލްޑިންގ ކުންފުންޏެކެވެ. ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސްއާއި އަލްދާއީންއާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްއޭއާރުއެމްގެ މެނޭޖިންގ ޑިރެކްޓަރ އައިޝާ ނޫރެއިން ޖަނާހްއެވެ. އަދި އަލް-ދާއިން ކުންފުނީގެ ފަރާތުން ސޮއިިކުރެއްވީ ސޭލްސް ޑިރެކްޓަރ ސަބީ ނަގާތީއެވެ.

ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓްތައް ތަރައްޤީކުރަމުންނެވެ.