ޚަބަރު

"ޖެމްސް ވަރކްސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިފްތިތާޙްކޮށްދެއްވައިފި


ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރެއްވުމަށް އެކުލަވައިލެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވަރކް ސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި ބޭއްވެވި ރަސްމިއްޔާތުގައި "ޖެމްސް ވަރކްސްޕޭސް" އިފްތިތާޙްކުރެއްވީ ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަތައް ހިމެނޭގޮތަށް އިތުރު ފީޗަރތައް ހިމަނުއްވައި ތަޖުރިބާކުރެއްވުމުގެ ގޮތުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ، "ޖެމްސް ވަރކް ސްޕޭސް"ގެ ސަބަބުން ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެކަމަށެވެ. އަދި މިއީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، މީގެކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ޚިދުމަތްތައް ލަސްވުމުގެ ޝަކުވާކަމަށެވެ. އަދި އެކަމަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށާއި، "ޖެމްސް ވަރކް ސްޕޭސް" ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި، ބޭނުންކުރެވެން ފެށުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެމަނިކުފާނު ވިދާޅުވިއެވެ.

"އުއްމީދަކީ މިފަދަ ކޮންމެ ކަމަކުންވެސް ރައްޔިތުންނަށް ފަސޭހަ ލިބިގެން ދިޔުން. ކުރިއަށް ހުރި ކަންތައްތައް ރައްޔިތުންނާ ހަމައަށް އައުމުން މާ ފަސޭހަވެގެންދާނެކަމަށް އުއްމީދު ކުރަން. އެންމެ މުހިއްމު ވަނީ ރައްޔިތުން. އެހެންވީމަ ރައްޔިތުންނަށްޓަކައި ރެއާ ދުވާލު ޚިދުމަތް ކުރުމަކީ މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނެކަންކަން" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވީ، އަލަށް ތަޢާރުފްކުރެއްވު ޖެމްސް ވާރަކް ސްޕޭސްގެ އެހީގައި ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް ހިންގުން އެތައް ގުނައަކަށް ހަރުދަނާވާނެ ކަމަށެވެ. އަދި މިފަދަ ނިޒާމެއް އައުމުން ތަފާތު ސޮފްޓްވެއަރތަކަށް ކުރާ ޚަރަދުތައް ކުޑަކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، މި ނިޒާމާއެކު އިލެކްޓްރޯނިކްކޮށް ކަންކަންކޮށް، ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު އެތައް ގުނައަކުން މަދުކުރެވޭނެ ކަމަށެވެ. އަދި މިއީ ތިމާވެށްޓާ ރައްޓެހި ނިޒާމެއްކަމަށާއި، މި ނިޒާމް މެދުވެރިކޮށް އޮފީހުން ބޭރުގައި މަސައްކަތް ކުރުމަށްވެސް ފަސޭހަވާނެ ކަމަށެވެ.

"އާޢްމުކޮށް ތަކުރާރުކޮށް އިވޭ އެއް ވާހަކައަކީ ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ސިޓީ ބިޓީތަކުގެ ޖަވާބު ލިބޭލެއް ލަސްވާހަކަ. އަދި އެއަށް ޖަވާބު ނުލިބޭ ވާހަކަ. މިކަން މިހެން ވުމުގެ އެތަކެއް ކަމެއް އެބަހުރި. ޖެމްސް ފަދަ ނިޒާމެއް މަސައްކަތުގެ މާހައުލުގައި ތަޢާރަފްވެގެން އައީމާ ވަޒީރުންނަށްވެސް އަދި މަސައްކަތްތައް ހަވާލުކުރާ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށްވެސް އަދި އެ މަސައްކަތައް އަމަލީގޮތުން ކުރައްވާ ބޭފުޅުންނަށްވެސް ދެފުށް ފެންނަގޮތަކަށް މަސައްކަތް ކުރިއަށްދާގޮތް، މިންވަރު ވަގުތުން ވަގުތަށް ފެންނާނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ޖެމްސް ވަރކްސްޕޭސް" ފަރުމާކުރައްވައިފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުޢާމަލާތުތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއަރއެއް ބޭނުންކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.

މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ލޯންޗުކުރުމުގެ މަރުޙަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.