ޚަބަރު

ސަރުކާރުގެ ޞިއްޙީ ސިޔާސަތާއެކު އުނގޫފާރު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރައްވައި ބޮޑެތި ބަދަލުތަކެއް


ޞިއްޙީ ޚިދުމަތް ފުޅާކުރައްވައި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިސިޔާސަތާއެކު އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެންމެ ކުދި ޞިއްޙީ މަރުކަޒުތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ހޮސްޕިޓަލުތަކާ ހަމައަށް ޚިދުމަތުގެ ފެންވަރު ކުރިއަރަމުންދާތަން އަންނަނީ ފެންނަމުންނެވެ. އެގޮތުން މާލެއިން އުތުރުގައި އެންމެ ގިނަ ޚިދުމަތްތަކެއް ދޭ އަދި މިސަރުކާރުގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް ކުރިއަރަމުން އަންނަ އެއް ހޮސްޕިޓަލަކީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ޞިއްޙީ ޚިދުމަތެއް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އެންމެ މުހިންމު ސިޔާސަތަކަކީ މާލެއިން ލިބޭ ޚިދުމަތްތައް އަތޮޅުތަކުގައި ހުރި މަތީ ފެންވަރުގެ ހޮސްޕިޓަލުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. ޞިއްޙީ ޚިދުމަތަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށް އެޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެންނެވުމެވެ.

ސަރުކާރުން މިކަން ޙާޞިލްކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހާމަވަނީ އަތޮޅުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ދެއްވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމުންނެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ޢިމާރާތުގެ ދަތިކަން ހުރި ތަންތަން ދެނެގަނެ އާ ޚިދުމަތްތައް ފެށްޓެވުމަށް އިމާރާތް ބޮޑުކުރައްވައި، އާ އިމާރާތްތައް އަޅުއްވުމުގެ މަސައްކަތަކީ ވެސް ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް ކުރައްވާ މުހިންމު މަސައްކަތެކެވެ. އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރއްވުމަށް މީގެ ކުރީގެ ސަރުކާރުތަކުން ނުކުރައްވާ މިންވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަވާ އެއް ހޮސްޕިޓަލަކީ ނ.ރ.ބ.ޅ މި ހަތަރު އަތޮޅުގެ ރައްޔިތުންނަށް ގިނަ ޚިދުމަތް ދެއްވަމުން ގެންދަވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިހާރު އަންނަމުންދާ ކުރިއެރުމުންނެވެ.

އުނގުފާރު ރީޖަނަލް ހޮސްޕިޓަލުން މި ފަސްއަހަރުގެ ތެރޭގައި ޤާއިމްކުރެވުނު މުހިންމު ޚިދުމަތްތަކަކީ މިއަދު ރައްޔިތުންނަށް އެކަމުގެ ސަބަބުން ޢާންމުންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދިޔަ ޚިދުމަތްތަކެކެވެ. އެގޮތުން އެހޮސްޕިޓަލުން ފަށްޓަވައިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، މެމޯގްރަފީގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާ އާއި އީއެންޓީގެ ޚިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ވަނީ ފުޅާކުރައްވައިފައެވެ.

މީގެ އިތުރުންވެސް އުނގޫފާރު ހޮސްޕިޓަލުން އިތުރު ޚިދުމަތްތައް އަލަށް ފެށްޓެވުމަށް ގެންދަވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން އެމްއާރުއައި ޚިދުމަތް ފެށުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ކާޑިއޮލޮޖިސްޓް ޚިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތް ވެސް އެހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ. އަދި ޓްރޯމާ ސާރޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވިއެވެ.

"އަބަދުވެސް މިބަލަނީ މިސަރަޙައްޔިތުންނަށް ލުއިފަސޭހަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭތޯ، އެކަން ޙާޞިލްކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވައި، އެކަން މިއަދު މި ހޮސްޕިޓަލުގެ އެތެރެއާ ބޭރުން ވެސް ފެންނާނެ އަދި ސަރުކާރުގެ ސިއްހީ ނިޒާމް ބައްޓަންވެފައި މިހާރު އޮތްގޮތުން ރަގަޅު ޑޮކްޓަރުން އަތޮޅު ތެރޭގައި ތިއްބުމަށް އެޅޭ ރަގަޅު ފާލެއްކަމަށް ދެކެނީ" މާހިރު ވިދާޅުވިއެވެ.

މި ޚިދުމަތްތަކުގެ އިތުރަށް އެ ހޮސްޕިޓަލުން އެންމެ އަވަހަށް ވަކި ކްލިނިކެއް ހައްދަވައިގެން ދެއްވަން ފަށްޓަވާނެ ދެ ޚިދުމަތަކީ މެންޓަލް ހެލްތުކެއަރ (ނަފްސާނީ ބަލިތައް) ފަރުވާގެ ޚިދުމަތާއި ދަރިމައިނުވުމުގެ ޚިދުމަތެވެ. މި ދެ ޚިދުމަތުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހަދާ ކްލިނިކްގެ މަސައްކަތް މިހާރު ނިމެމުންދާއިރު، އެޚިދުމަތް މި މަހުގެ 15 ހާތާނގައި ފެށްޓެވުމަށް ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

މި ވޭތުވެދިޔަ ހަތަރު އަހަރުގެ ކުރިއަށް ބަލާނަމަ ގިނަ ޚިދުމަތްތަކެއް ދެއްވަމުން ގެންދެވިނަމަވެސް ޒަމާނީ އެކަށޭނެ ވަޞިލަތްތައް ނެތުމަކީ ޚިދުމަތް ދެއްވުމަށް އޮތް އެންމެ ބޮޑު އެއްދަތިކަމެވެ. ލެވަލް ތިނެއްގެ ހޮސްޕިޓަލަކުން ދެއްވާ ހުރިހާ ޚިދުމަތެއްހެން މި ހޮސްޕިޓަލުން ލިބެމުން އަންނައިރު، މި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ.

ރ.އަތޮޅުގެ އެހެން ޞިއްޙީ މަރުކަޒުތައް ހިނގަމުންދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ބެއްލެވުމުގެ ދަށުންނެވެ.

އެހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި ރ.އަތޮޅުގައި ހުރި 24 ގަޑިއިރު ޚިދުމަތް ދެއްވާ 6 ޞިއްޙީ މަރުކަޒުގެ ތެރެއިން ކުޑަކުދިންގެ ޚިދުމަތާއި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ދެއްވަނީ އެންމެ އާބާދީ ބޮޑު ދުވާފަރު ޞިއްޙީ މަރުކަޒުގައި އެކަންޏެވެ. އެހެންނަމަވެސް އަނެއް 5 ޞިއްޙީ މަރުކަޒުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ފެށޭނެކަމަށް އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވެއެވެ.