ޚަބަރު

ރާއްޖޭގެ ސްކައުޓް ޙަރަކާތަށް 67 އަހަރު، ނަމޫނާ ދަރިންތަކެއް ބިނާކޮށްދޭ ޙަރަކާތެއް


ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. އޭރު މި ޙަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ޙަރަކާތެއްގެ ގޮތުގައެވެ.

މަޖީދިއްޔާ ސްކޫލުން މީގެ 67 އަހަރުކުރިން ފެށި ސްކައުޓު ޙަރަކާތް މިހާރު މުޅި ރާއްޖެއަށް ފުޅާވެ، އެތައްހާސް ސްކައުޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިން ހަމައެކަނި ސެކަންޑަރީން ފެށިގެން ހަޔަރ ސެކަންޑަރީއާ ހަމައަށް ސްކައުޓުން ޙަރަކާތްތެރިވި ނަމަވެސް ސްކޫލް ކުދިންގެ މެދުގައި އިތުރު ޙަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ އެންމެ މަޤުބޫލު ޙަރަކާތަކަށް މި ޙަރަކާތްވެ، ޕްރީ ކަބްސްކައުޓުން ފެށިގެން އެޑަލްޓް ލީޑަރސް އާ ހަމައަށް ސްކައުޓުންގެ ޙަރަކާތް ރާއްޖޭގައިވެސް މިހާރު ވަނީ ފުޅާކޮށްފައެވެ.

ތ. ގުރައިދޫ، ޅ. ނައިފަރު، ހއ. ހޯރަފުށި، މިރަށްތަކަކީ އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން ފުރަތަމަ ސްކައުޓް ޙަރަކާތް ފެށި ރަށްރަށެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ހއ. ދިއްދުއާއި ގދ. ތިނަދޫގައިވެސް މި ހަރަކާތް ފެށިއެވެ. ފަހަރަކު ރަށަކަށް މި ޙަރަކާތް ފުޅާވަމުން ފުޅާވަމުން އައިސް، މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޙަރަކާތް އަންނަނީ ހިންގަމުންނެވެ.

ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަރިވަރުންނަށް ދަސްވެގެންދިޔުމާއި، ދަތި ޙާލަތްތަކުގައި އުޅޭނެ ގޮތްތަކުގެ އިތުރުން ދީނީ ރަނގަޅު ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގައިވެސް މި ހަރަކާތް މުހިއްމު ދައުރެއް އަދާކުރެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޗީފް ކޮމިޝަނަރ އަލްއުސްތާޛް ހުސައިން މުޙައްމަދު ޙަނީފް ވިދާޅުވީ ސްކައުޓް ޙަރަކާތް ރާއްޖޭގައި ހިނގާތާ މިވީ 67 އަހަރުތެރޭގައި އެސޯސިއޭޝަން ކުރަން އަމާޒު ހިފި، ބައެއްކަންކަން އަދިވެސް ޙާސޞިލުވެފައި ނުވާކަމަށެވެ. ސަބަބެއްކަމަށް ހަނީފް ފާހަގަކުރެއްވީ މާލީގޮތުން ދިމާވާ ދަތިތަކެވެ.

ސްކައުޓް އެސޯސިއޭޝަނަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި، އެހީދޭ ޖަމިއްޔާތަކާއި، އެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީގެ އިރުރުން ދައުލަތުގެ ފަރާތުން ދޭ އެހީގެ މައްޗަށް ބަރޯސާވާ ބައެއްކަން ފާހަގަކުރައްވައި ޙަނީފް ވިދާޅުވީ، އެ އެސޯސިއޭޝަނުން އެންމެ ދެކެން ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ދެތުވެފައިވާ އެސޯސިއޭޝަނެއްގެ ގޮތުގައި ސްކައުޓް ޙަރަކާތް މުޅި ރާއްޖޭގައި ހިންގޭ ދުވަހެއް ކަމަށެވެ.

ހަނީފް ވިދާޅުވީ، މި އަމާޒަށް ވާޞިލުވުމުގައި އެންމެ މުހިންމު އެއްކަމަށް ވެގެންދާނީ ސްކައުޓް އެސޯސިއޭޝަންގެ އަމިއްލަ ޢިމާރާތަކާއި، ވަޞީލައްތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިގެން ދިޔުންކަމަށެވެ.

"ސްކައުޓް އެސޯސިއޭޝަނަށް އިމާރާތެއްގެ ބޭނުން ވަރަށް ބޮޑަށް ބޭނުންވޭ. އެކަން ހާސިލްވެގެން ދިޔުމަކީ ސްކައުޓްގެ މުޅި އޯވާރ އޯލް ތަރައްޤީއާއި ގުޅުން ހުރި ކަމެއް. މިހާރުގެ ޒަމާނަކީ ފައިސާއިން ނޫނީ ބައެއް ކަންކަން ނުވާނެ ޒަމާން. އެކި ކަހަލަ ނޮލެޖް ބޭނުންވާ ކަންކަން އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަހުރި" ހަނީފް ވިދާޅުވިއެވެ.

ޙަނީފް ވިދާޅުވީ، ސްކައުޓް އެސޯސިއޭޝަންގެ ތަޞައްވުރަކީ އެ އެސޯސިއޭޝަންގެ އަމިއްލަ ބިމާއި ވަޞީލައްތައް ހުރި ތަންތަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެގެން ދިޔުންކަމަށެއެވެ.

ގައުމު ގޮވާލާ ކޮންމެ ދަނޑިވަޅެއްގައި ސްކައުޓުންނަކީ ސާބިތުކަމާއެކު ނިކުންނަން ތައްޔާރަށް ތިބޭ ބައެކެވެ. އެކަން ރާއްޖެއަށް ދިމާވި އެންމެ ބޮޑު ކާރިސާކަމުގައިވާ ސުނާމީ އާއި އަދި ކޮވިޑް-19ގެ ބަލިމަޑުކަމުން ވެސް ސްކައުންޓުން ސާބިތުކޮށްދީފައިވެއެވެ.

ބައިނަލްއަޤުވާމީ ސްކައުޓް ޖަމިއްޔާ ވޯލްޑް އޯރގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1990 ވަނަ އަހަރުގައެވެ. އެ ނިންމުމާއެކު މިހާތަނަށް ދިވެހި ސްކައުޓުން ވަނީ ކުރު މުއްދަތާއި، ދިގު މުއްދަތުގެ ތަފާތު ގިނަ ޖަމްބޮރީތަކުގައި ވެސް ބައިވެރިވެފައެވެ.