ޚަބަރު

ބީއެމްއެލްގެ ޙިއްޞާގެ ފައިދާގެ ގޮތުގައި، ޙިއްޞާއަކަށް 40 ރުފިޔާ


ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ ޙިއްޞާދާރުންނަށް ޙިއްޞާގެ ފައިދާގެ ގޮތުގައި، ޙިއްޞާއަކަށް 40 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. ބީ.އެމް.އެލްއިން މިގޮތަށް ފާސްކޮށްފައިވަނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާ ބޭއްވީ އިސްލާމީ މަރުކަރުގެ ޖަލްސާކުރާ މާލަމުގައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާގައި ޙިއްޞާދާރުން ވަނީ ޙިއްޞާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 215 މިލިއަން ރުފިޔާއިން ޙިއްޞާއަކަށް 40 ރުފިޔާ ދިނުމަށް ފާސްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، ޖުމްލަ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 40 ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު، މިއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ޙިއްޞާދާރުންނަށް ބެހުނު 20 ރުފިޔާ ހިމަނައިގެން ދޫކުރެވޭ އަދަދެއްކަމަށެވެ.

ސްޓުމްކަ ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރަމުންދާ ބީއެމްއެލްގެ ޓީމުން މިދިޔަ އަހަރު ކުރި މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ. އަދި ފާއިތުވި 40 އަހަރު ބެންކަށް އިތުބާރުކުރައްވާ، އެ ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި އެންމެހާ ފަރާތްތަކަށްވެސް ޝުކުރު އަދާކޮށްފައެވެ.

ބޭންކުގެ ޚިދުމަތްތައް ޓެކްނޮލޮޖީއާ ރައްޓެހި އަދި ރައްކާތެރި ޚިދުމަތްތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް މި ޖަލްސާގައި ސްޓުމްކަ ވަނީ އަލިއަޅުއްވައިލައްވާފައެވެ.

"އަޅުގަނޑުމެން އަލަށް އެކުލަވާލި ސްޓްރެޓަޖީ އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނަށް. މި ސްޓްރެޓަޖީގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ރައްޔިތުން ހިޔާރުކުރާ ބޭންކަށްވުމަށް" ސްޓުމްކަ ވިދާޅުވިއެވެ.

ބީ.އެމް.އެލް އިން ބުނީ ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2022 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ޙިއްޞާދާރުންނަށް 215 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ. އަދި ބޭންކުގެ އެންމެ ބޮޑު ޙިއްޞާދާރުކަމަށްވާ ދިވެހި ސަރުކާރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާގެ އިތުރުން 2022 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިގެންދާނެކަމަށްވެސް އެ ބޭންކުން ބުނެއެވެ.