ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްޞަ އިންވެސްޓަރ ކޮންފަރެންސް އަންނަމަހު


އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްޞަކުރައްވައިގެން ބާއްވަވަމުން އަންނަ އިންވެސްޓަރ ކޮންފަރެންސް އަންނަ މަހު ބޭއްވެވުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީން ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ވާރލްޑް ބޭންކާއި ގުޅިގެން ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް އޮންނާނީ އަންނަ މަހުގެ 7 އިން 8 އަކަށް ބަނޑޮސް މޯލްޑިވްސް ރިސޯޓުގައެވެ. މި އަހަރު ބާއްވާ އިންވެސްޓަރ ކޮންފަރެންސަކީ މީގެ 3 ވަނަ ކޮންފަރެންސެވެ.

ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް (އާރްއީއައިސީ 2023)ގެ މައިގަނޑު މަޤްޞަދަކީ ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގުމަށް ރާވައިފައިވާ އިއާދާކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމެވެ. އަދި ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހުރި ފުރުޞަތުގެ މަޢުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދިނުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއިން ނެޓްޒީރޯ އެމިޝަން ޤައުމަކަށްވުމަށް ގެންގުޅޭ ތަޞައްވަރާއި، ޖުމުލަކޮށް ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި މިހާރު އެންވަޔަރަމަންޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މި ކޮންފަރެންސްގައި އިންވެސްޓަރުންނަށް ދޭނެއެވެ.

އޮންލައިންކޮށްވެސް އިންވެސްޓަރުންނަށް ބައިވެރިވެވޭ މި ކޮންފަރެންސްގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު އަދި މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ކީނޯޓް ސްޕީކަރުންގެ ގޮތުގައި ތަޤްރީރުކުރައްވާނެއެވެ. އަދި ވާރލްޑް ބޭންކްގެ ފަރާތުން ސްރީލަންކާ، ނޭޕާލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ޒަރްވޯސް ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި ކޮންފަރެންސްގައި އެރައިސް މަޝްރޫޢުގެ ދަށުން އިޢުލާންކޮށްފައިވާ 16 މެގަވޮޓް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއާއި، އައްޑޫ ސިޓީގެ މޫދުގައި ޤާއިމުކުރާ 10 މެގަވޮޓް ފްލޯޓިންގ ސޯލަރ ޕީވީގެ ނިޒާމުގެ މަޢުލޫމާތު އިންވެސްޓަރުންނަށް ދޭނެކަމަށެވެ.

އޭގެ އިތުރުން ވާރލްޑް ބޭންކުން ހަކަތައިގެ ދާއިރާއަށް ހިންގާ މަޝްރޫޢުތަކާއި އަދި އެ މަޝްރޫޢުތަކުގެ ރިސްކް މިޓިގޭޝަން ފްރޭމްވާރކްގެ މަޢުލޫމާތު ސެޝަނެއް އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާރލްޑް ބޭންކްގެ އެސްޕަޔަރ އަދި އެރައިސް މަޝްރޫއަށް ކަނޑައަޅާފައިވާ ރިސްކް ކަވަރޭޖް އަދި ގެރެންޓީ މެކޭނިޒަމްގެ މަޢުލޫމާތުވެސް މި ކޮންފަރެންސްގެ އަލީގައި އިންވެސްޓަރުންނަށް ލިބިގެންދާނެއެވެ.

ދެ ދުވަހުގެ މި ކޮންފަރެންސްގައި ދުނިޔޭގެ އެހެން ޤައުމުތަކާއި، އަދި ރާއްޖޭގައިވެސް ފުޅާދައިރާގައި ފްލޯޓިންގ ސޯލަރ ނިޒާމުތަށް ޤާއިމުކޮށްފައިވާ ބައެއް ކުންފުނިތަކުގެ ތަޖްރިބާ އިންވެސްޓަރުންނާއި ހިއްސާކުރުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިވެހިރާއްޖެ، ސިންގަޕޫރު، ނޯވޭ ފަދަ ޤައުމުތަކުގައި ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމު ގާއިމުކޮށްފައިވާ ކުންފުނިތަކުން އެކުންފުނިތަކުން ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު މި ސެޝަންގައި އިންވެސްޓަރުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.