ޚަބަރު

އެމްޑީޕީގެ ތެރެއިން ރައީސަށް ފުރިހަމަ އެއްބާރުލުންދޭނަން: މެންބަރު ޙަލީމް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.

ފ. މަގޫދޫގައި އިމާރާތްކުރި ފެނަކައިގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޙްމަދު ޙަލީމް ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ، އެމް.ޑީ.ޕީން މަސައްކަތް ކުރާނީ މީގެކުރިންވެސް މަސައްކަތްކުރިގޮތަށް ރައީސް ޞާލިޙާއާއެކު ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ދީގެން ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ރައީސް ޞާލިޙްއަށް ދެއްވާކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ ރާއްޖެއަށް މި ލިބުނު ތަރައްޤީގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ މުހިއްމު ކަންތައްތަކުގައި އެއްބާރުލުން ސަރުކާރަށް ދެވުނީތީ. ރައީސް އަޅުގަނޑުމެނަށް ވަކިވަކި ގުޅުއްވާފައި އެބަހުރި ބައެއް ކަންކަން ކުރައްވަން އެދިވަޑައިގެންފައި. މިގޮތުން އެންމެފަހުން ޓީޖީއެސްޓީ އަދި ޖީއެސްޓީއަށް ގެނައި ބަދަލު ހިމެނޭ" ދޮންބިލެތް ވިދާޅުވިއެވެ.

މެންބަރު އަޙްމަދު ޙަލީމްގެ ވާހަކަފުޅުގައި ސަރުކާރަށް މިވީ ދުވަސްތަކުގައި ދާއިރާގެ ތަރައްޤީއަށް ރައީސް ޞާލިޙުގެ ފަރާތްޕުޅުން ލިބުނު އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް މަގޫދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރަން ރޭވުމުގައި ރައީސް ޞާލިޙް އަދާކުރެއްވި ދައުރު މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަގޫދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ވަޙީދު ވިދާޅުވީ، ސުނާމީ ކާރިސާގެ ކުރިންވެސް އެރަށުގެ ފެން ފަށަލަ ހަލާކުވެފައިވާކަމަށާއި، ރައްކާތެރި ބޯފެނުގެ ނިޒާމަކަށް ރަށުގެ ރައްޔިތުން އެދިއެދި ތިއްބާ، އެކަން މި ސަރުކާރުން ޙައްލުކޮށްދެއްވި ދެއްވުން ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށެވެ. އަދި މަގޫދޫއަށް މިއަދު އަންނަމުންދާ ތަރައްޤީއަކީ ސަރުކާރާއި ގުޅިގެން ރައްޔިތުން ދައްކަމުންދާ އެއްބާރުލުމާއި އެކުވެރިކަމުގެ ފޮނި ނަތީޖާކަން ވަޙީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ކަރަންޓު ވިއުގާއަށް މި އައި ބަދަލުތަކަކީވެސް ހަޤީޤަތުގައިވެސް ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި މިފަދަ މުއައްސަސާތަކަށް ރައްޔިތުން ދޭ އެކުވެރިކަން. އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔުިތުންނަށް ދެންވެސް މި ގޮވާލަނީ މި ސަރުކާރާއެކު ޤާއިމުވެތިބުމަށް. މިފަދަ ރައްޔިތުން ބޭނުންވާ އެތައް މަޝްރޫޢުތަކެއް މި ފަސްގަނޑުގައި ހުޅުވިގެން އަޅުގަނޑުމެން ރައްޔިތުން މިއަށްވުރެ މާ އުފާވެރިކޮށް އަޅުގަނޑުމެންނަށް ފެނިގެންދާނެ ދުވަސްތައް އެބައޮތްކަން. އަޅުގަނޑުމެންނަށް އޯގާތެރި ވެރިކަމެއް ލިބުނީމަ އެއާއެކުގައި އަޅުގަނޑުމެން ކުރިއަށްދާންވީ" މަގޫދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ހިންގަވަމުންދާއިރު، މަގޫދޫގައިވެސް މުހިއްމު މަޝްރޫޢުތަކެއް އަންނަނީ ހިންގަވަމުންނެވެ. އެގޮތުން ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި، ޞިއްޙީ މަރުކަޒު އެކްސްޓެންޝަން ޢިމާރާތް ތަރައްޤީކުރުން ހިމެނެއެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް މި ދައުރުގެ މާރިޗުމަހުގެ ނިޔަލަށް މަގޫދޫއަށް އެކަނިވެސް 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކުރައްވާފައެވެ.