ޚަބަރު

ހިނގާ މީހުންނަށް ޚާއްޞަ މަގުހުރަސް ބައްތިއެއް ސެނަހިޔާ ކައިރީގައި ހަރުކުރަނީ


ހުޅުމާލޭގެ މަގުތަކުގައި އެޗް.ޑީ.ސީއިން ހަރުކުރާ ފަދަ މަގުހުރަސް ބައްތިއެއް މާލޭގައިވެސް ހަރުކުރުމަށް ނިންމައިފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، މާލޭގައި ހިނގާފައި އުޅޭ މީހުންނަށް ޚާއްސަ ޓްރެފިކް ލައިޓެއް، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމްގެ އެދިވަޑައިގަތުމަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ޕެޑެސްޓްރިއަން ކަރޮސިން ލައިޓް ނުވަތަ މަގުހުރަސް ބައްތިއަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ލައިޓްތަކެކެވެ. މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާ މީހުންނަށް ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. މިގޮތުން މާލެ ސަރަހައްދުގައިވެސް އެންމެ ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުގައި މިފަދަ ބައްތިތައް ބެހެއްޓުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެގޮތުން ފުރަތަމަ ހުޅުމާލޭގައި މިފަދަ ބައްތިތައް ބެހެއްޓުމުގެ މަސައްކަތުގެ ދަށުން 8 ސަރަޙައްދެއްގައި މި ބައްތިތައް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާރު ވަނީ 2 ސަރަހައްދެއްގައި ލައިޓްތައް ބަހައްޓާފައެވެ. މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަސީމްގެ އެދިލެއްވުމަށް މީގެ ލައިޓެއް މާލޭގައި ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ލައިޓް ހަރުކުރާނީ މާލޭ ބޮޑު ތަކުރުފާނު މަގު ސެނަހިޔާ ހޮސްޕިޓަލް ކައިރީގައެވެ.

ހިނގާ މީހުންނަށް ޚާއްޞަކޮށްގެން ހަރުކުރާ މި ބައްތިތަކަކީ ސޯލަރއިން އޮޕަރޭޓްކުރާ ބައްތިތަކެކެވެ. އަދި މި ލައިޓްތަކުގައި ހުންނަށް ބަޓަނަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން އަދި ހިނގައިގަންނަންވީމަ އެއިން ބުނެދޭނެއެވެ. އަދި އެ ބަޓަނަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު މަގުހުރަސްކުރަން ވަކި ވަގުތެއް ލިބޭނެއެވެ.

އެޗް.ޑީ.ސީން އަންނަނީ ހުޅުމާލޭގެ މަގުތަކަކީ އަމާންތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖަރ ޓްރެފިކް އެންޑް ރޯޑް ސަރވިސަސް މުޙައްމަދު ޞަފްވާން ވިދާޅުވީ، ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުން ގެއާއި ސްކޫލާ ދެމެދު ހިނގާފައި އުޅޭއިރު ރައްކަތެރިކަމާއެކު އެކުދިންނަށް ދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

"އޭގެ ކުރެހުން ފައިނަލްކޮށްފި. އަމަލީ މަސައްކަތް މިއަހަރު ނިމެންވާއިރަށް ފަށާނެ. އަޅުގަނޑުމެންގެ ޕައިލެޓް ޕްރޮޖެކްޓް މި ހިންގަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކައި ސްކޫލްއާ ދެމެދު. މީގަ ހުންނާނީ އެލެވެޓަރު ކްރޮސް ވޯރކްސްތަކާއި މިފަދަ ޕެޑެސްޓްރިއަން ކަރޮސިން ލައިޓް ހިމެނޭގޮތަށް" ޞަފްވާން ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ މަގުތައް އަމާންތަނަކަށް ހަދައި އެކްސިޑެންޓުތައް މަދުކުރުމަށް، މިހާރުން މިހާރަށް ގެނެވެން ހުރި ބަދަލުތައް ދެނެގަންނަމުން އަންނަ ކަމަށެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން ނިންމާފައިވާކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

އެ ކޯރޕަރޭޝަނުން ބުނީ ޑިވައިޑަރު ހަރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނުވަތަ މަގުގެ އަނެއް ފަޅިއަށް އަނބުރާލާއިރު ޤަވާއިދާއި އެއްގޮތަށް އެކަންކުރުމަށް ބާރުއެޅުންކަމަށެވެ. އަދި އެކަން އަންގާދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.